އަންހެނުންނަށް ކެންސަރުޖެހޭ މިންވަރު އިތުރުވަމުންދާކަމީ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ލިޔުމުގައި އަޅުގަނޑުމެން ބަލައިލާނީ މިކަމަށް މެދުވެރިވާ ބައެއް މުހިންމު ސަބަބުތަކަށެވެ. ޚާއްޞަކޮށް އަންހެނުންގެ ހަށިގަނޑުގެ ހޯމޯނުތަކާއި ދަރިމައިވުމާ ގުޅުންހުރި ކަންތައްތަކުގެ ސަބަބުން ކެންސަރުޖެހުމުގެ ފުރުޞަތު އިތުރުވާ ގޮތްތަކަށް އަލިއަޅުވާލާނަމެވެ.

ފުރަތަމަ ކަމަކަށް، އަދުގެ މި ޒަމާނުގައި ގިނަ އަންހެނުން ދަރިން ހޯދުން ފަސްކުރުމާއި، ދަރިން ހޯދާ އަދަދު މަދުކުރުމާއި އަދި އެއްގޮތަކަށްވެސް ބަލިވެ ނުއިނުމަކީ އާއްމުވަމުން އަންނަ ކަންކަމެވެ. ނަމަވެސް މިކަންކަމުގެ ސަބަބުން އެސްޓްރޮޖެން ނަމަކަށް ކިޔާ ހޯމޯނުގެ އަސަރު ދިގު މުއްދަތަކަށް ކުރާ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި، ޚާއްޞަކޮށް ގައިނެކޮލޮޖިކަލް (ދަރިމައިވުމުގެ ނިޒާމާ ގުޅުންހުރި) ސަރަޙައްދުތަކުގައި ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. މިސާލަކަށް އުރަމަތީގެ ކެންސަރާއި، އޯވަރީ ކެންސަރު އަދި ރަޙިމުގެ ކެންސަރު ފަދަ ބާވަތްތައް ހިމެނެއެވެ.

ކުރިއާއި އަޅާބަލާއިރު މިހާރު ގިނަ އަންހެނުން ދަރިންނަށް ގާތުން ކިރު ދިނުން މަދުކުރާކަމީ އަދު ފެންނަން އޮތް ހަގީގަތެކެވެ. ގާތުން ދިނުމުގެ ބުރައާއި ތަކުލީފު ނުއުފުލަން، ދަޅު ގިރައިގެން ބޯންދޭ މައިން މަދެއް ނޫނެވެ. އަދި ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން އުރަމައްޗަށް ބުއްނާރާ މައިންވެސް ގިނައެވެ. ގާތުންދިނުމަކީ އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރިވުމަށް ޤުދުރަތީގޮތުން ލިބިފައިވާ ވަސީލަތެކެވެ. މިކަން މަދުވުމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.

ޅަ އުމުރުގައި މައްސަރުކަންކަން ފެށުމާއި، ދޮށީ އުމުރުގައި މައްސަރުކަންކަން ހުއްޓުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގައި ހޯމޯނުތަކުގެ ބަދަލުތައް އަންނަ މުއްދަތު ދިގުވެއެވެ. މިކަމުގެ ސަބަބުން ވެސް ހޯމޯނުތަކާ ގުޅުންހުރި ކެންސަރުތައް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.

އިސްވެދެންނެވުނު ފަދައިން އަދުގެ މި ޒަމާނުގައި ދަރިން ނުހޯދުމުގެ ޝައުގުވެރިކަން އިތުރުވެފައިވާއިރު، ދަރިމައިވުމަށް ހުރަސްއަޅާ ބޭސް ބޭނުންކުރުން މި ވަނީ އާއްމު ކަމަކަށް ވެފައެވެ. ހޯމޯނަލް ކޮންޓްރެސެޕްޓިވްސް އާއި ހޯމޯން ރިޕްލޭސްމަންޓް ތެރަޕީ (އެޗް.އާރު.ޓީ) ފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ވެސް ބައެއް ބާވަތުގެ ކެންސަރުތައް ޖެހުމުގެ ފުރުޞަތު ހިސާބަކަށް އިތުރުވެއެވެ. ޚާއްޞަކޮށް މިފަދަ ބޭސްތައް ދިގު މުއްދަތަކަށް ބޭނުންކުރާނަމަ މިފުރުޞަތު އިތުރަށް ބޮޑުވެއެވެ.

މީގެ އިތުރުންވެސް އިތުރު ސަބަބުތައް ހުންނާނެއެވެ. އެގޮތުން ޕްރޮސެސްޑް ކާނާ ކެއުން ގިނަ ވުމާއި ދަރިމައިވުމަށް ގިނަ ބޭސްތަކެއް ކެއުންފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމަކީ އަހަރެމެން މާބޮޑު ސަމާލުކަމެއް ނުދިނެއް ކަމަކު، އާއްމުކޮށް އަހަރެމެންނަށް ކުރެވޭ ކަންކަމެވެ. މިކަންކަން އާއްމުވުމުގެ ނަތީޖާ އަކީ ކެންސަރު އިތުރުވުން ކަމުގައި ދިރާސާވެރިން ފާހަގަ ކުރައްވައެވެ.

 

ހަވާލާ: ހެލްތްލައިން 2025