ކޮންމެ ދުވަހަކުވެސް 6313 ފަތުރުވެރިން ރާއްޖެ އަންނަކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،016،377 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ގއުމަކުން ވަނީ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ  ޗައިނާއިން 122،088 ފަތުރުވެރިން، ރަޝިއާއިން 112،638 ފަތުރުވެރިން އަދި  އިނގިރޭސިވިލާތުން 102،022 ފަތުރުވެރިންނެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %71.9 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.8 އެވެ. %2.8 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1203 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ ޖުމްލަ 64،033 އެނދުކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.