އިންޑިޔާގެ ޕޫނޭ އޭ ކިޔުނު ސަރަހައްދެއްގައި ހުރި ބޮޑު ގަހަކުން، ބާރުމިނެއްގައި ފެން އަންނާތީ އެ އަވަށު މީހުން އެ ގަހަށް އަޅުކަންކުރަން ފަށައިފަހުން އެއީ ސީދާ އެ ގަހުން އަންނަ ފެނެއް ނޫންކަން އިނގިއްޖެއެވެ. ދުނިޔޭގައި އެއްމެ ތަފާތު އެއްޗެއްސަށް އަޅުކަންކޮށް އުޅޭ އެއް ގައުމަކީ އިންޑިޔާއެވެ. އަހަރެމެން ހެއްދެވި ޚާލިޤުވަންތަ ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ކުރުމަކީ ޝިރުކު ކުރުމެވެ.
ފޫނޭ އިން ފެނުނު މި ގަހުގެ މައިގަނޑުގެ ތެރެއިން ބާރުމިނުގައި ނުކުމެން އަންނަ މިފެންގަނޑަށް އެ އަވަށުގެ ގިނަ ބަޔަކު ވަނީ ސަނާކިޔާ ތައުރީފުކޮށް އެ ގަސް އެއީ ކަލާންގެއަކަށް ހަދާ އަޅުކަން ކުރަން ފަށާފައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއްފަހުން އެ އަވަށުގެ މީހަކު، އެ ގަސް ރަނގަޅަށް ބެލި ބެލުމުން އެނގިގެން ދިޔައީ އެއީ އެގަހުން އަންނަ ފެނެއް ނޫން ކަމެވެ. އެއީ އެ ގަސް ހެދެމުން ދިޔައިރު، އެ ގަހާއި އިންވެގެން އިން ފެންހޮޅިއެއް ގަހުގެ ގަސްގަނޑުގެ ތެރެއަށް ވަދެ ފޮރުވިފައި އިން ފެން ހޮޅިއެކެވެ. އަދި ގިނަ ދުވަސްވުމުން އެ ހޮޅި ފަޅައިގެން ގޮސް އެއިން ނުކުމެގެންނަ އަންނަ ފެނެއްކަން ވަނީ އެނގިފައެވެ.
އޭގެ ފަހުން އަނެއްކާ އެ އަވަށުގެ މީހުން ކުރިން އަޅުކަން ކުރަމުން އައި ކަލާންގެއަށް އަޅުކަން ކުރަން ފަށައިފިއެވެ. އަލަށް މި ފެނުނު ކަލާންގެއަށް ދުވަސްކޮޅަކު އަޅުކަންކުރުމަށްފަހު އެ ކަލާންގެ ދޫކޮށްލައިފިއެވެ. މި ހާދިސާއަށް ގިނަ ބަޔަކު އަންނަނީ މީސްމީޑިޔާގައި އިންޑިޔާގެ މިފަދަ "ކޫސަނި" އަމަލުތަކަށް މަލާމާތް ކުރަމުންނެވެ.
ބުދައް އަޅުކަން ކުރާ ފަރާތްތަކަށް، މަލާމާތުގެ ރާގެއްގައި، ދިވެހިރާއްޖޭގެ އަޑުން ކޮންމެ ރަމަޟާން މަހަކު ގެނެސްދޭ "ކީރިތި ރަސޫލާގެ ސިޔަރަތު" ގައިވެސް މިފަދަ ވާހަކައެއް ނަންގަނެވިފައި ވެއެވެ. އެއީ އެބައިމީހުން ކަލާންގެއެއް ކަމުގައި ހަދައިގެން އުޅޭ އެ ހިލަގަނޑު، ދަތުރުވަރެއްގައި ގޮސް އުޅެމުން، އެއަށްވުރެ ރީތި ހިލަގަނޑެއް ފެނިއްޖެ ނަމަ، ކުރީން ގެންގުޅުނު ހިލަގަނޑު އުނދުނު ފަޔަކަށް ހަދާ އައު ހިލަގަނޑަށް އަޅުކަން ކޮށްފާނެއެވެ. ދެން އަނެއްކާ އެއަށްވުރެ ރީތި ހިލަގަނޑެއް ފެނިއްޖެ ނަމަ، ކުރީގެ ހިލަގަނޑު އިސްތިންޖާ ކުރުމަށް (ބޮޑުކަމުގޮސް ތާހިރުވުމަށް) ބޭނުންކޮށްފާނެއެވެ. ދެން އެ ފެނުނު އައުހިލަގަނޑަށް އަޅުކަން ކޮށްފާނެތެވެ.
މިހުންނަނީ ބުދަށް އަޅުކަން ކުރާ މީހުންގެ ދީނުގައި ހުންނަ ބޮޑެތި އައިބުތަކާއި ގަބޫލު ނުކުރެވޭ ކޫސަނި ކަންކަމެވެ. އިންޑިޔާގެ ޕޫނޭގެ ރައްޔިތުން މިފަހަރު މި ކުޅަ ކަމަކުން އެބައިމީހުންނަށް ކިޔާ ފާޑުކިޔުންތައް އިހުނަށްވުރެ މި ވަނީ އިތުރުވެފައެވެ.