ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީއާ ދެކޮޅަށް ލިއޮނަލް މެސީގެ އިންޓަރ މިއާމީ ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެއްޖެއެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި ގާތްގަނޑަށް 61 ހާހެއްހާ މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މިއާމީގެ ފަރާތުން އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ނުފެނުނުނަމަވެސް، ފަހު ހާފުގައި އެ ޓީމުން ކުޅުން ރަނގަޅު ކުރިއެވެ.

މި މެޗުގައި މިއާމީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިތުރުވަގުތުގެ ތެރޭގައި މެސީ ފޮނުވާލި ބޯޅަ އަލް އަހްލީގެ ގޯލްކީޕަރު، މުޙައްމަދު އަލް ޝަނާވީ ވަނީ ހުއްޓުވައިފައެވެ. އޭގެކުރީން، މެޗުގެ 60 ވަނަ މިނެޓުގައި މެސީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގައި އަލް އަހްލީ އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، އެ ޓީމުގެ ޓްރެޒެގޭ ފޮނުވާލި ޕެނަލްޓީ ވަނީ މިއާމީގެ ގޯލްކީޕަރު، އޮސްކާ އުސްޓާރީ މަތަކޮށްފައެވެ. އެއަށްފަހު، ރީބައުންސްގައި ޓްރެޒެގޭ ފޮނުވާލި ބޯޅަ ވެސް އުސްޓާރީ ހުއްޓުވިއެވެ.

މި ނަތީޖާއާއެކު، މި ދެ ޓީމަށް ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ކުރަންޖެހޭ މަސައްކަތް ފަސޭހަނުވާނެ އެވެ. މުބާރާތުގެ ގްރޫޕް އޭ ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ؛ ބްރެޒިލްގެ ޕަލްމެއިރާސް އާއި ޕޯޗުގަލްގެ ޕޯޓޯ އެވެ. 

"މިއީ ވަރަށް އިންޓެންސް މެޗެއް، ދެ ޓީމުވެސް ފެނުނީ ވަރަށް ހާސްވެގެން ކުޅުންތަން. އޭގެ ސަބަބުން ގޯސްތަކެއްވެސް ހެދުނު. ފުރަތަމަ ހާފުގައި އަހަރެމެން ކޮންޓްރޯލް ކޮށްގެން ކުޅުނިން. އެކަމަކު ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވުމުން ހިތާމަކުރަން." އަލް އަހްލީގެ ކޯޗު، ހޯސޭ ރިވެއިރޯ ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިއާމީގެ ކޯޗު، ހަވިއޭ މަޝަރާނޯ ބުނީ، މިއީ ލީގުގައި ކުޅޭ ކްލަބުތަކާ މުޅިން ތަފާތު ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ޓީމަށް ނުހަނު ފައިދާ ކުރާނެ ކަމަށެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި މިރޭ ޖަރުމަންގެ ބަޔާން މިއުނިކް ނިކުންނާނީ ނިއު ޒީލެންޑްގެ އޯކްލަންޑް ސިޓީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ނުވައެއް ޖަހާއިރު އެވެ.