މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެއްޖެއެވެ.
ޕީއެސްޖީން މި މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ފްރާންސްގެ ވިންގް، އޮސްމާނޭ ޑެމްބެލޭ ނުލައެވެ.
ކެލިފޯނިއާގެ ޕަސަޑޭނާގައި ހުންނަ ރޯޒް ބޯލް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 80 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފެށިގެން ޕީއެސްޖީން ޑޮމިނޭޓްކޮށްފައިވާއިރު، 19 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ފަބިއަން ރުއިޒް ވައްދާލި ލަނޑާއެކު އެ ޓީމުން ލީޑު ނެގިއެވެ.
އޭގެފަހުން، ޕީއެސްޖީގެ ލީޑު ފުޅާކޮށްދޭން ޕޯޗުގީޒް ފޯވާޑް، ގޮންސާލޯ ރާމޯސް ފޮނުވާލި ތިން ބޯޅައެއް ގޯލަށް އަމާޒުވެފައިނުވާއިރު، ފުރަތަމަ ހާފު ނިމުމުގެކުރީން ވިޓީނިއާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީގެ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ގޯލްކީޕަރު، ޔެން އޮބްލަކް މަތަކުރުމުން ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
އޭގެފަހުން، މެޗުގެ 57 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެތުލެޓިކޯ އަށް ގޯލެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ، އެ ބޯޅަ އަލްވަރޭޒް އަށް ލިބުމުގެކުރީން ޕީއެސްޖީގެ ޑެޒައިރީ ޑޫއޭ އަށް އެތުލެޓިކޯގެ ކޯކޭ ފައުލުކުރިކަމަށް ނިންމައިގެންނެވެ.
އަދި އޭގެފަހުން، މެޗުގެ 78 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފްރާންސް ޑިފެންޑަރު، ކްލެމެންޓް ލޯންގްލޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗުގައި ޕީއެސްޖީން ޖެހި ތިންވަނަ ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް ސެނީ މަޔޫލޫ އެވެ. އަދި، އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީގެ ފަހު ލަނޑުޖަހައިދިނީ ލީ ކަންގ-އިން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެތުލެޓިކޯގެ ޑިފެންޑަރު، ރޮބިން ލެ ނޯމަންގެ އަތުގައި ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ދެން ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ބްރެޒިލްގެ ބޮޓަފޯގޯ ވަނީ 2-1 އިން އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅެމުންއަންނަ ސީޓްލް ސައުންޑާސް ބަލިކޮށްފައެވެ.
މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ބްރެޒިލްގެ ޕަލްމެއިރާސްއާ ޕޯޗުގަލްގެ ޕޯޓޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.