އަހަރެމެންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ، ޚާއްސަކޮށް ސިގިރޭޓް ބޯ ވެސް ބުނާ ވާހަކަ އެއް އޮވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާދެ! ސިގިރޭޓް ބުއިމަކީ އޭނާގެ ވެސް ހައްގެކެވެ. އޭނާއަށް އެވަގުތަކު ހުރެވޭ ކޮންމެ ތަނެއްގައި ވެސް އޭނާ ބޭނުން ވެއްޖެނަމަ ދުންފަތުގެ އިސްތިއުމާލު ކުރަންވީއެވެ. އެއީ ޕާކެއް ކަމަށް ވިއަސް އާންމުން އެއްވެއުޅޭ މައިދާނެއް ނުވަތަ ހޮޅުއައްޓެއް ކަމަށް ވީނަވެސްމެއެވެ. އެއީ މި ދިވެހި މުޖުތަމުއުގައި ހައްގުތަކަށް ފުޅާވެގެން ދިޔަ ދިޔައިނުންޖުތަމައުގެ އަފުރާދުންގެ ގަބޫލުކުރުން ހުރި ހަމައެވެ.  

ސެކަންޑް ހޭންޑް ސްމޯކްސް އަކީ ސިގިރޭޓް ބޯމީހުން ދޫކޮށްލާ ދުމުން ކައިރީގައި ތިބޭ ސިގިރޭޓް ނުބޯ މީހުންނަށް ކުރާ އަސަރެވެ. އެއީ ކިހާ ނުރައްކާ ކެމެއްކަން ސިގިރޭޓް ބޯ މީހުންނަށް އެނގޭނަމަ ކޮންފަދަ ހެއްޔެވެ. އެކަމަކުވެސް ދެރައީ ސިގިރޭޓް ބޯ މީހުން އެހެން މީހުންގެ ހައްގުތަކަށް ނުވިސްނާތީއެވެ. އެ މީހުންގެ އުފަލާއި ހިތްހަމަ ޖެހުމަށް ކުރާ މި ކަމުގެ ސަބަބުން އެތައް ބައެއް ނުރައްކަލަށް ހުށައެޅިގެން ދާކަން އަންދާޒާ ނުކުރާކަމެވެ. 

ދުންފަތުގެ އިސްތުއުމާލު ކުރުމަކީ އޭގެ ގެއްލުން އިންތިހާއަށް ބޮޑު ކަމެކެވެ. ދުންފަތުގެ ޚާއްސަކޮށް ސިގިރޭޓްގެ ނުރައްކަލުގައި އިންސާނާ ގައިދު ވާން ޖެހިދާނެ ހިތް ދަތި ވޭނެކެވެ. އެއީ ތަހައްމަލު ނުކުރެވޭފަދަ ގެއްލުން ބޮޑު އަމަލެކެވެ. މީގައި ދެރަ ކަމަކީ ތިމާގެ މި އަމަލުގެ ސަބަބުން ކައިރީގައި ހުންނަ މީހާއަށް ވެސް އޭނގެ ގެއްލުމުގެ ބޮޑުކަން ނުދަންނާތީއެވެ. ނުވަތަ އެނގި ތިބެމެ އެ ނުރައްކަލަށް ކަމާއިނުވެސް ބެހޭ މީހުން ވައްޓާލާތީއެވެ. 

ސިގިރޭޓަކީ އެ ބޭނުން ނުކުރާ މީހާއަށް އޭނގެ އުނދަގޫ އިންތިހާއަށް ފޯރާކަމެކެވެ. އޭނގެ ވަހެވެ. ސިގިރޭޓްގެ ދުމުން އެވާ އުނދަގުލެވެ. މަޖަލަކަށް ހަދާފައި އެ ބުރުވާލާ ދުންތަކުގެ ހާރު  ތިޔަ މަހާލަނީ ކައިރީގައި ހުންނަ މީހާގެ ކަރަށް ވިހަގަދަ ނުރައްކަލުގެ ގިނި ފައްޗެކެވެ. 

ވިސްނާލާ ހަރުދަނާ ބަޔަކަށް ދިވެހިން ވާނީ ކޮން ދުވަހަކުން އެއްޔެވެ، ކޮންމެ ކަމެއް އޮބަހައްޓާ ހުއްޓުވަން ޖެހެން ވީ ގާނޫނު ތަކުން ހެއްޔެވެ. އެޔަށް ވުރެ ތަހުޒީބު ތަންދޮރު ދަންނަ ބަޔަކަށް އަހަރެމެން ނުވާންވީ ހެއްޔެވެ. 

 

ސެކަންޑް ހޭންޑް ސްމޯކްސް ސަބަބުން ސިއްހީގޮތުން އެތަކެއް ނުރައްކަލާއި ކުރިމަތިލާން ޖެހެއެވެ. ހިތާއި ލޭހޮޅީގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭ ގެ ކެންސަރު ފަދަ ނުރައްކާތެރި އެތަކެއް ބަލިތަކަށް މީހާ ހުށައެޅިދާނެ ކަމަކަށް ސެކަންޑް ހޭންޑް ސްމޯކް ވެއެވެ. އާދެ! ދުންފަތުގެ އިސްތިއުމާކު ކުރާ މީހެއްގެ ކައިރީގައި ހުރުމަކީ އަދި އޭނާ ބުރުވާ ދުންތަކުގެ ޝިކާރައަކަށްވެ އެކަމުން އަންދާޒާ ކުރަން ވެސް ނޭނގޭ ގެއްލުމާއި ކުރިމަތި ވަމުން އަންނަކަން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތް ތަކަށް ވެސް އެނގެން ޖެހެއެވެ. އެ މީހުންވެސް މި ޒަމާނާއެކު އެމީހުން ގެ ސަބަބުން އެހެން މީހުން ނުރައްކަލުގެ ގައިދެއްގައި ތާށިކޮށްފައި ނުބެހެއްޓުމުގެ ހޭލުންތެރިކަން އަންނަންޖެހެއެވެ. 

 

ސެކަންޑް ހޭންޑް ސްމޯކްސް ގެ ނުރައްކަލުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތައް ސަލާމަތްކުރުމަށް އެ ފަރާތްތަކުން އެކައްޗެއް ކިޔައި މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި އާންމުތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ބާރުއެޅުން ވަރަށް މުހިއްމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ބާރު އެޅުމާއި ސެކަންޑް ހޭންޑް ސްމޯކްސް ގެ ސަބަބުން ލިބޭ ގެއްލުނަތަކަށް އަހުލުވެރިކުރުވުން ތަކުރާރުކޮށް ކުރިއަށް ގެންދިއުމަކީ ކުރެވިދާނެ ކަމެކެވެ. މީގައި އޮތް އެންމެ ރަގަނޅު ހައްލަކީ ސިގިރޭޓް ބޯމީހުން އެހެން މީހުންގެ ހައްގުތަކެއްވެސް ވާކަން ގަބޫލުކުރުމެވެ. ތިމާގެ ސަބަބުން އާއިލާ ގެ މީހުންނާއި ރައްޓެހި ރަހުމަތްތެރިންނާއި ނުދަންނަ މީހުން ނުރައްކަލަށް ވެއްޓިގެންދާނެ ފުރުސަތު ނުދިނުމުގެ އަޒުމު ކަނޑައެޅުމެވެ.