ރަޖަން ޝާހީގެ "އަނޫޕާމާ"ގެ މަޤުބޫލުކަން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އަންނައިރު އަނެއްކާވެސް ވަރުގަދަ ޓުވިސްޓްތަކެއް އަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. އަނޫޕާމާއާއި އޭނާގެ ފިރިމީހާގެ ވަންރާޖްގެ ދުވަސްވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމައި ޝާހް އާއިލާ ދޫކޮށްލަން ނިންމިތާ ގިނަ ދުވަހެއް ނުވަނީސް އަނޫޕާމާ ވަރަށް ބަލިކަން ހާމަވިއެވެ. ޓިއުމަރެއްގެ ވޭން ތަހަންމަލު ކުރަމުންދާ އަނޫޕާމާގެ ބަލިން މުޅިން ފަސޭހަވަންދެން ޝާހް އާއިލާއިން އެދެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ވަންރާޖްގެ ލޯބިވެރިޔާ ކާވްޔާއަށް ވަންރާޖް އަނެއްކާވެސް އަނޫޕާމާދެކެ ލޯބިވާކަން އިހުސާސްކުރެވި އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކުރެއެވެ. އޭނާ ސަލާމަތްކުރަނީ ޑޮކްޓަރ އަދްވައިތެވެ. ކާވްޔާ ނިދާ ބޭސް ކެއީ ވަންރާޖް ހާސިލްކުރަންކަން އަނޫޕާމާއަށް އެނގެއެވެ.

އަދްވައިތު ގާތުގައި ވަންރާޖް އޭނާގެ ހިތް ހުޅުވާލައެވެ. އަނޫޕާމާ ގެއްލެން ނޭދޭކަން ހާމަކުރެއެވެ. އޭނާއާއި އޭނާގެ އާއިލާގެ އުފާވެރިކަން ވަނީ ކާވްޔާއާއި އެކުގައި ނޫންކަމާއި އަނޫޕާމާއާއި އެކުގައިކަން ޤަބޫލުކުރެވޭކަމަށް ބުނެއެވެ. ނަމަވެސް އަނޫޕާމާގެ ވިސްނުން ހުރީ ކައިވެނި ނިމުމަކަށް ގެނެސް ކާވްޔާއާއި ވަންރާޖްގެ ކައިވެނި ކުރުވާށެވެ.

އެކަންތައްތަކުގެ ތެރެއިން އަދުވައިތު، އަނޫޕާމާ ވަރިކޮށް އަލުން އާ ފެށުމަކުން އަނޫޕާމާއާއެކު ފަށަން ވަންރާޖަށް ލަފާ ދެއެވެ. އެކަމުގެ ސަބަބުން އަދުވައިތުއާއި ޝާހް އާއިލާއާއި ކޮންމެވެސް ގާތް ގުޅުމެއް ވާހެން ހީވެއެވެ. އެކަން އަދި އެނގޭނީ ތަންކޮޅެއް ފަހުންނެވެ. އަދުވައިތުގެ ލަފައާއި އެއްގޮތަށް ވަންރާޖް ޢަމަލުކުރާނެބާއެވެ؟ ކާވްޔާގެ ކަންތައްގަނޑު ނިމޭނީ ކިހިނެއްބާއެވެ؟ އަނޫޕާމާއާއި ވަންރާޖްގެ ގުޅުމަށް ދެން ވާނީ ކިހިނެއްބާއެވެ؟

ރާޖަން ޝާހްގެ "ކަޓް ޕްރޮޑަކްޝަންޝް" އިން ޕްރޮޑިއުސްކޮށް ސްޓާ ޕްލަސްއިން ގެނެސްދޭ "އަނޫޕާމާ"އަކީ އިންޑިއާގެ 1 ވަނަ ޓީވީ ސީރީޒެވެ. ސީރީޒްގެ މައިގަނޑު ރޯލުތައް ކުޅެނީ ރުޕާލީ ގާންގޫލީ (އަނޫޕާމާ)، ސުދާންޝޫ ޕާންޑޭ (ވަންރާޖް)، މަދަލްސާ ޝަރްމާ (ކާވްޔާ)، ޕާރަސް ކަލްނަވަތު (ސަމަރް) އަދި އަޕޫރްވާ އަގްނިހޯތުރީ (ޑރ. އަދުވައިތު)އެވެ.