ބޮޑު ބެރުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި އިބްރާހީމް މަމްދޫހު (މަންޑޭ) އޭ ބުނުމުން އޭނާގެ ރަން އަޑާއި ބޮޑުބެރު ލަވަ ކިޔުމުގެ ހުނަރު ހިތަށް ގެނެސްދެވިދާނެއެވެ. މަންޑެ އާންމުންގެ ތެރެއަށް މަޝްހޫރުވީ ޓީވީއެމް އިން ބޭއްވި "ބޮޑުބެރު ޗެލެންޖް" ނުވަތަ އީދު ޝޯވތަކުން އިވުނު އޭނާގެ ހިތްގައިމު އަޑުގެ ސަބަބުން އެކަންޏެއް ނޫނެވެ.

ރ. ރަސްމާދޫއަށް ނިސްބަތްވާ މަންޑޭ އެންމެ ފުރަތަމަ ބޮޑުބެރު ސްޓޭޖުން "ހަރުބީ" ގްރޫޕްގެ މެއިން ވޯކަލިސްޓެއްގެ ގޮތުގައި ފެނިގެންދިޔައީ ފަންފަން ކުރު އިސްތަށިގަނޑަކާއި އެކީއެވެ. "ގިނަކެރިޔާ ވާރޭ" ފަދަ ލަވަތައް ހިޓްވެގެންދިޔުމުގެ ދުވަސްތަކެއް ފަހުުން މަންޑެގެ އަޑާއި އެއްވަރަށް އޭނާގެ ޒުވާން މޫނު ގިނަ އަންހެންކުދިންގެ ހިތްތައް ކަތިލަމުން ދިޔައެވެ. އޭރު ރާއްޖޭގައި ޓްރެންޑްވަމުންދިޔަ ބޮޑުބެރުގެ ރޫހާއިއެކު މުޅިން އެހެން ކަމެއްވެސް ޓްރެންޑް ވާން ފެށިއެވެ. އެއީ ޒުވާން ފިރިހެނުންގެ މެދުގައި މަގްބޫލުވަމުންދިޔަ ދިގު އިސްތަށިގަނޑުގެ ޓްރެންޑެވެ. އެންމެ ފުރަތަމަ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއާއި ބޮޑުބެރު ގްރޫޕްތަކުގެ ގިނަ ފަންނާނުން ކުރު އިސްތަށިގަނޑު ގެންގުޅުނު ނަމަވެސް ބޮޑުބެރު ލަވަކިޔުންތެރިންގެ ތެރެއިން ކަނދުރާއަށްވުރެ ތިރިއަށް އިސްތަށިގަނޑު ސްޓައިލްކުރި އެންމެ ފުރަތަމަ ފަންނާނަކީ މަންޑޭ ކަމަށް ބައެއް ދިވެހިން ގަބޫލުކުރެއެވެ. މިހާރު އެ ބޮޑުބެރު މަންޑެ ކުރާ މަސައްކަތް އޭނާގެ ފޭނުންނަށް އެނގޭބާއެވެ؟

ގިނަބައެއްގެ މެދުގައި މަގްބޫލުވި އަޑުގެ ވެރިޔާ، މަންޑެ ކުރާ އިތުރު މަސައްކަތްތަކުގެ ވާހަކަ އޭނާ "ތީރު" އަށް ދިން ހާއްސަ އިންޓަވިއުގައި މިފަހަރު ހިމަނާފައި ވެއެވެ. 2015 ވަނަ އަހަރު، އުފެއްދުންތެރިކަމުގެ ރޮނގުން ޒުވާނުންނަށްދޭ ހިތްވަރުދިނުމުގެ ގައުމީ އެވޯޑްގެ އިތުރުން 2022 ވަނަ އަހަރުގައި ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން ހިތްވަރުދިނުމުގެ އެވޯޑް ހާސިލުކޮށްފައިވާ މަންޑޭ ކެމެރާ ކުރިމަތިން ގެއްލުނު ނަމަވެސް މި ފަހުން އޭނާ ވަނީ، ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ޓޫ އޮފް އަސް" ބޭންޑުން ބޭއްވި މިއުޒިކް ޝޯވގައިވެސް ލަވަ ހުށަހަޅައިދީފައެވެ. މަންޑެ ބުނީ އޭނާ މިވަގުތު ސަރުކާރުގައި އަދާކުރާ ވަޒީފާ އަދި ދިރިއުޅުމުގެ އެކި ކަންކަމާއި ހެދީ މިއުޒިކް ޝޯވތަކާއި ދުރުވެވުނު ނަމަވެސް މިހާރު އޭނާ ހުރީ މިއުޒިކް ކެރިއަރ ކުރިއަށް ގެންދިއުމުގައި ވަރަށް ސާބިތުކަމާއިއެކީއެެވެ. އަދި އެއާއި އެއްވަރަށް އޭނާ އަދާކުރާ ވަޒީފާގެ ޒަރީޔާއިން ރާއްޖޭގެ ސަގާފީ ފަންނުތައް ކުރިއެރުވުމަށް އޭނާއަށް ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ. ދެން މަންޑެއާއި އަހަރެމެން ކުރި ސުވާލުތަކަށް ޖެހިލާނަމެވެ. 

1- ލަވަކިޔަން ޝައުގުވެރިކަން އުފެދުނީ ކިހާތަނެއްގައިތޯއެވެ؟

ލަވަކިޔުމަކީ ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިކަން އުފެދުނު ކަމެއް. ބޭބެގެ ބޭންޑު (މެންދަން ބޭންޑް)ގެ މަސައްކަތް ފެނުމުން އަޅުގަނޑުވެސް ލަވަކިޔަން ޝައުގުވެރިކަން އުފެދުނީ. އަޅުގަނޑު ކުޑައިރު އަޑުއެހި ލަވަތަކުގެ ތެރެއިން އެންމެ ކަމުދަނީ މޭނާ ހައްސާނާއި ޒީރޯ ޑިގްރީ ބޭންޑްގެ ނާޝިދުގެ ލަވަތައް. 

2- ސްކޫލު ދައުރުގައި އެންމެ ހަނދާންވާ އެއް ވާހަކައެއް ހިއްސާކުރެވިދާނެތޯ؟ 

ހަރުބީގައި އަޅުގަނޑާއި އެއްކޮށް ބޮޑުބެރު ކުޅޭ ބައެއް ކުދިން އޭރު އަޅުގަނޑާއި އެއްކޮށް ކިޔެވި. އޭރު ޓިއުޝަން ނިންމާފައި އަޅުގަނޑުމެން އެއްއިރަކު ދިޔައިން މިހާރު ލޮނުޒިޔާރަތް ޕާކް އެ ހުންނަ ތަނަށް. ދެން އޭރު އެއްކޮށް އުޅުނު ޝަމްހާން އުޅޭ ތަނަށް އަޅުގަނޑުމެން ދާނީ ބަނޑިޔަލެއް ހިފައިގެން. ދެން ވަރަށް މަޖާކޮށް ހެދިން. އެފަހުން އަޅުގަނޑުމެން ޝޯވތައް ބަލާފައި މިއުޒިކަށް ބޮޑަށް ޝައުގުވެރިވާން ފެށީ. ދެން ސްކޫލުން ގްރެޖުއޭޓްވުމަށްފަހު ރަސްކުނާ ނަމަކަށް ކިޔާ އާޓް ކުންފުންޏެއް ހުޅުވިން ކުރީގައި. އެތަނުން އުފައްދާ އާޓްވޯކްތައް ރިޒޯޓްތަކާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވިއްކިން، އޭރު ވަރަަށް ބޮޑަށް ކުރަހާ އުޅުނިން. އާޓް މަސައްކަތްތަކަށް އޮންނަ ޝައުގެއް ބޮޑުކަމުން ވަރަށް ގިނަ ދުވަސްވަންދެން ގާތްގަނޑަކަށް 7 ވަރަކަށް އަހަރު ވަންދެން ސްކޫލެއްގައި އާޓް ޓީޗަރެއްގެ ގޮތުގައިވެސް އަޅުގަނޑު މަސައްކަތްކުރިން. 

3- މިހާރު މަންޑޭ މިއުޒިކްގެ ދާއިރާގައި ކުރަނީ ކޮން މަސައްކަތެއްތޯ؟

ހަރުބީއާއި ގުޅުނު ފަހުން ރާއްޖެއިން ބޭރުގެ މިއުޒިކް ފެސްޓިވަލްތަކުގައި ބައިވެރިވެފައިވާނެ އަޅުގަނޑުމެން. މިހާރުވެސް ހަރުބީ އިން މި ދަނީ އިތުރަށް އެކްޓިވްވާން މަސައްކަތްކުރަމުން. ދެން އަޅުގަނޑު މިހާރު ވާނެ ސްޕޮޓިފައިއަށްވެސް ދޫކޮށްފައި ލަވައެއް. އަޅުގަނޑު ބޮޑަށް މަސައްކަތްކުރަނީ އަމިއްލަ ރާގުގެ ލަވަތައް ގިނަކުރުމަށް. އެގޮތުން އަލްބަމެއް ތައްޔާރުކުރުމުގެ މަސައްކަތް އަޅުގަނޑު ވަނީ ފަށާފައި. އަބަދުވެސް މަސައްކަތްކުރަން ބޮޑުބެރުގެ ތެރެއިން ތަފާތު ރަހަތަކުގެ ލަވަތައް އުފައްދަން. ބޮޑުބެރަކީ ދިވެހި ސަގާފަތުގެ ބައެއް. ވީމާ މި ފަންނު ދިރުވުމަކީ މުހިންމު ބޭނުމެއް. 

4- މިއުޒިކް ކުޅެގެން ކިހާވަރެއްގެ އާމްދަނީއެއް ލިބޭތޯއެވެ؟ 

އެކި ފަހަރު އެކިވަރު ލިބެނީ. މިސާލަކަށް ރިޒޯޓްތަކުގައި މިއުޒިކް ޕާފޯމްކޮށްގެން ހަފްތާއަކަށް ގާތްގަނޑަކަށް 2000 ޑޮލަރު ލިބޭ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 8000 ޑޮލަރު ލިބޭ. ދެން ހަރުބީ ގްރޫޕުން މިސާލަކަށް އީދަށް 4 ރަށެއްގައި ޝޯވ ދީފިއްޔާ 4 ލައްކަ ރުފިޔާ ލިބޭ. 

5- ލަވަކިޔުމުގެ އިތުރުން އެހެން ހޮބީއެއް އެބަހުރިތޯ؟ 

ޕްރޮފެޝަނަލްކޮށް ލަވަކިޔަން ފެށުމުގެ ކުރިން އަޅުގަނޑަކީ މިއީ ވަރަށް ކުރަހާ އުޅުނު މީހެއް. ލަވަކިޔުމުގެ އިތުރުން ވަރަށް ގިނަ މަސައްކަތްތައް ކުރަން ދަސްކުރިން. އިންޓީރިއާ ޑިޒައިނިންގައިވެސް އުޅުނިން. ވަޑާން ކުރުމުގެ މަސައްކަތްވެސް ދަސްކުރިން. ކުރީގައި ފުޓްބޯޅަވެސް ކުޅުނިން. އެގޮތުން ފަސްޓް ޑިވިޝަން ޓީމެއްގައިވެސް ތިން މަސް ވަރު އުޅުނިން. ދެން ލަވައިގެ މަސައްކަތަށް ބަލާއިރު، އަމިއްލަ ޅެން އުފައްދާފައި ހުންނާނެ. ހަރުބީ ސްޓޫޑިއޯގައި މިއުޒިކް ކޮމްޕޯޒަރުންގެ މަސައްކަތްތައް ބަލާ، އޭގެއިން އަމިއްލަ އައިޑިއާއެއް އުފެއްދޭތޯވެސް މަސައްކަތް ކުރަން.

 

5- ލަވަކިޔުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުމަކީ ކޮބާތޯ؟ 

 ލަވަ އުފައްދަނީ ވަރަށް ބައިވަރު ހޭދައާއި މަސައްކަތުން. ރާއްޖޭގައި ލަވަކިޔުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޔޫޓިއުބް މޮނިޓައިޒްވެފައި ނެތުން. ލަވައަކީ އެކަމަށް ވަރަށް ވަގުތުދީގެން ކުރެވޭނެ މަސައްކަތެއް. އެކަމަކު ރާއްޖޭގެ މާހައުލު އޮތް ގޮތުން ގިނަ އާޓިސްޓުން ލަވަކިޔަން މިޖެހެނީ ހޮބީއެއްގެ ގޮތުގައި. ސަބަބަކީ އިތުރު ކަމެއް ނުކޮށް މިކަން ކުރެވޭކަށް ނެތް. މިހާރު އަޅުގަނޑު މަސައްކަތްކުރަނީ ވަޒީފާގެ ޒަރީޔާއިން އާޓިސްޓުންނަށް ކަންކަން ރަނގަޅު ކޮށްދެވޭތޯ. ކުރިއަށް އަންނަ ޖީލުތަކަށް ރަނގަޅު ޕްލެޓްފޯމެއް ގާއިމުކުރުމަށް މިހާރުއްސުރެ މަސައްކަތްކުރުން. 

4- މަޝްހޫރުވުމުގެ ސަބަބުން ގޮންޖެހުމެއް ކުރިމަތިވިތޯ؟ 

އެއް ދުވަސްކޮޅެއްގައި ބަޔަކު މީހުން އަޅުގަނޑުގެ ނަމުގައި ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ހުޅުވައިގެން އަންހެންކުދިންނަށް އުނދަގޫކުރި. އެކަން އެންމެ ފަހުން ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފުލުހުންނަށްވެސް ހުށަހެޅިން. 

5- ފިލްމެއް ކުޅެން ޝައުގުވެރިކަން އެބަހުރިތޯ؟ 

ފިލްމު ކުޅެން އޮފާ ލިބުނު. އެކަމަކު އެކްޓް ކުރުމަށް ޝައުގެއް ނެތް. އެކަމަކު މިއުޒިކް ވީޑިއޯއަކުން ނުފެނިދާނެއެކޭ ނުބުނާނަން.