މިހާރު ރާއްޖޭގައި އޮންނަ ސަގާފަތުގެ ދަށުން ކައިވެނީގެ ކުރިން ޑޭޓްތަކަށް ދިއުން ވަނީ އާދައަކަށް ވެފައެވެ. ޑޭޓްތަކަށް ދަނީ އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމުގެ މަގްސަދުގައެވެ. ކައިވެންޏަކަށް ދިއުމުގެ ފަހުން ބައިވެރިޔާއަކީ ތިބާގެ މިޒާޖާއި ދިރިއުޅުމާއި ނުގުޅޭ ނުވަތަ ނުރަނގަޅު މީހެއްކަން ދެނެގަތުމުގެ ބޭނުމުގައެވެ. ނަމަވެސް ކައިވެންޏަށްފަހު ދެމީހުން އެއްތަނެއްގައި ދިރިއުޅެން ފެށުމުން ޑޭޓްތަކަށް ދިއުން މަދުވެއެވެ. ދަންޏާ ދެވެނީ ހުސް ރެސްޓޯރެންޓަށެވެ. ޑޭޓްތަކަށް ދިއުމުގެ މާނައަކީ ކޮންމެހެން ފައިސާ ބުރުވުމެއް ނޫނެވެ. ނުވަތަ ރެސްޓޯރެންޓްތަކުން މީރު ކެއުން ކެއުމެއް ނޫނެވެ. 

އިސްލާމްދީނުގައިވެސް ދެމަފިރިންގެ ޒަވާޖީ ހަޔާތް އުފާވެރިކުރުމަށް ދެމަފިރިން ގަދައަޅައި މަސައްކަތްކުރުމަށް ގޮވައެވެ. އެކަމުގައި ނަބީ ރަސޫލުބޭކަލުންގެ މިސާލުވެސް ދައްކަވާފައި ވެއެވެ. ބައިވެރިޔާއަށް އެކިގޮތްގޮތުން ވަގުތު ނުދީ، ކުރީގައި ބެހެއްޓި ޝައުގުވެރިކަން ގެއްލި، ފަރުވާކުޑަ ކުރެވޭނަމަ ލޯބި އުނިވުން އެކަށީގެންވެއެވެ. އިސްވެދިން ފޮނި ލޯބި ވަކި ހިސާބަކުން މަޑުވަނީ ކައިވެންޏަށްފަހު ލޯބިވެރިޔާ ގެއްލުމުގެ ބިރު ގެއްލުމުން ކަމަށް އެެއްބަޔަކު ދެކެއެވެ. އެވިސްނުމުގައި ލޯބި އިތުރުކުރުމަށް މަސައްކަތްކުރުން ބޭކާރުކަމަށްވެސް ދެކެއެވެ. ނަތީޖާއެއްގެ ގޮތުން ދެމީހުންގެ ޒަވާޖީ ހަޔާތް ފޫހިވުން ގާތެވެ. ތިރީގައިވާ ލިޔުމުގެ މި ބަލާލަނީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ރެސްޓޯރެންޓާއި ރިޒޯޓްތަކަށް ނުގޮސް އަގުހެޔޮކޮށް ޑޭޓް ކުރެވިދާނެ ބައެއް އިހްތިޔާރުތަކަށެވެ. 

 

  • ކެއްކުން

ކެއްކުމަކީ އެހެންމީހަކާއިއެކީ ކުރާއިރު ވަރަށް މަޖާ ކަމަކަށް ވެދާނެ އެވެ. ފިރިމީހާ ކެއްކުމަށް މާ ބޮޑަށް ޝައުގުވެރި ނުވި ނަމަވެސް މަޖާކުރުމުގެ ބޭނުމުގައި ދޭތެރެ ދޭތެރެއިން އެކަން ކުރަން ޖެހެ އެވެ. އޭރުން އަނބިމީހާ ތިބާއަށްޓަކައި ކުރާ މަސައްކަތުގެ ބުރަކަން އިހުސާސްވެސް ކުރެވޭނެއެވެ. 

  • ގޭމްކުޅުން ނުވަތަ 'އިންޓަނެޓް ސަރފް'ކުރުން  

ދެމީހުންނަށްވެސް ކަމުދާނެ ގޭމެއް އެއްކޮށް ކުޅޭށެވެ. އާދަވެގެން ގޭމް ނުކުޅެ މަދުމަދުން ދެމީހުން އެއްކޮށް ގޭމް ކުޅުމުން މުނިފޫހިފިލުވޭނެއެވެ. މަޖާކުރުމަކީ ހިތްހަމަޖެހުން އިތުރުކުރެވޭނެ ހަރަކާތެކެވެ. ދެމީހުން ފޯނަށް ގޮސް ހުސްނުވެ، އެކަކު އަނެކަކުގެ ކައިރީގައި ތިބެގެން ވެސް އޮންލައިންކޮށް އެއްޗެހި ބެލިދާނެއެެވެ. ސޯޝަލް މީޑިއާއިން ފެންނަ މަޖާ ވީޑިއޯތައް ބައިވެރިޔާގެ ފޯނަށް ފޯވާޑް ކުރުމުގެ ބަދަލުގައި އޭނާ އާއި އެކު ބަލާށެވެ. ހަމަ އެެގޮތަށް މަދުން ނަމަވެސް ދެމީހުން އެެއްކޮށް ރީތި ފިލްމެއް ބަލައިގެން ރަނގަޅު ވަގުތުކޮޅެއް ހޭދަކުރެވިދާނެއެވެ. ނުވަތަ ކުރެހުމާއި ކުލަލުން ފަދަ ކަންކަންވެސް އެކީގައި ކުރެވިދާނެއެވެ. 

  • ވިއްސާރައިގައި ތެމެން ދިއުން

ގުދުރަތީ މާހައުލެއްގައި ދެމަފިރިން ވަގުތު ހޭދަކުރުމުން ހިތަށް ފިނިކަން އިހުސާސްކުރެވޭނެއެވެ. އަދި ދިރިއުޅުމުގެ އެކިި ވާހަކަތަކާެއި ކުރީގެ ހަނދާންތައް އަރާމުގައި ހިއްސާކުރަން ފަސޭހަވާނެކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ގޮނޑުދޮށުގައި ހިނގާލަން ދިއުމުން ދެމީހުންނަށް އެކީގައި ކަސްރަތެއްވެސް ލިބޭނެއެވެ. ހަމަ އެގޮތަށް ތުނިކޮށް ވާރޭ ވެހޭ ގަޑިއެއްގައި ބޭރަށް ނިކުމެ، ދުއްވާލަން ދިއުމަކީ ހިތްގައިމު ކަމެއް ނޫންތޯއެވެ؟

  • ޗެލެންޖް

ހަދިޔާ ބަދަލުކުރުމަކީ ލޯބި އިތުރުވާ އާދައެއްކަމީ ޝައްކެއް ނެތް ކަމެކެވެ. އެހެނަސް، ހަދިޔާ ބަދަލުކުރުންވެސް ތަފާތުކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިސާލަކަށް ބައިވެރިޔާ މިވެނި ޗެލެންޖެއް ނުވަތަ މިވެނި ކަމެއް މިވެނި މުއްދަތެއްގައި ފުރިހަމަކުރުމުން ހާއްސަ އިނާމެއް ލިބޭ ގޮތަށް ޗެލެންޖެއް ޖެއްސުމަކީވެސް ފޫހިފިލުވަދޭނެ ކަމެކެވެ.