ފައިސާއަކީ ހުރިހާ އުފަލެއް ނޫނޭ މިޒަމާނުގައި އަދި މިގައުމުގައި ބުނާނީ ކާކު ހެއްޔެވެ؟ ފައިސާއަކީ ބަނޑުފުރާނަ މުއްތިކުރަން ޒަރޫރީ އެއްޗެކެވެ. އެހާ ބުރަ މަސައްކަަތްކޮށްފައި ލިބޭ އެތިކޮޅުން މުއްސަނޖަކަށްވިޔަސް ފަގީރަަކަށްވިޔަސް ނުވަތަ މެދުފަންތީގެ މީހަކަށްވިޔަސް ޒަރޫރީ ނޫން ބޭނުންތައް ފުއްދާނެކަން ގައިމެވެެ. މި ބޭނުންތައް ފުއްދަން ބޮލަށް ވަންނަ ވަސްވާހުގެ ނަތީޖާއިން ބޮލުގައި އަތް އަޅައިގެން ތިބެނީ ކިތައް މީހުންބާއެވެ؟ ފައިސާއިން އެކިއެކި ހިދުމަތާއި މުދާތައް ގަންނަން އަހަރެމެން އަވަދިނެތި އުޅޭއިރު އޭގެއިން ހަގީގީ އުފާވެރިކަން ލިބޭކަމާއި ދޭތެރޭ ސުވާލު އުފައްދަމާ ހެއްޔެވެ؟ ލޮލުގެ ނޫރު ފަދަ ފައިސާކޮޅު ހޭދަކުރުމާއި އުފާވެރިކަމާއި އޮތް ގުޅުމާއި ދޭތެރޭ ސައިންސްވެރިންގެ ހިޔާލަށް ބަލަމާ ހެއްޔެވެ؟ މި ލިޔުމުގައި މި ހިމަނާލާ ކަންކަމަކީ ފައިސާ ހޭދަކުރުމުގައި އުފާވެރިކަން ގެރެންޓީވާ ކަންކަން ކަމަށް ނަފްސާނީ އިލްމުވެރިން ގަބޫލުކުރެއެވެ. 

އޭގެ ކުރިން ބައެއް ނަފްސާނީ އިލްމުވެރިން  މިކަމާއި ގުޅޭގޮތުން ހަދާފައިވާ ކޭސް ސްޓަޑީއަކަށް ބަލަމާ ހެއްޔެވެ.

ފިލް އަކީ އަބަދުވެސް އެކި އެކި ކުދި ސާމާނުތައް ގަންނަ ހިތްވާ މީހެކެވެ. އެންމެ ފަހުގެ އިލެކްޓްރޯނިކްސް ތަކެތިން އޭނާގެ މުޅި ގެ ވަނީ ފުރިފައެވެ. ގިނަ އެއްޗެހި އަދިވެސް ހުރީ ފޮށިތަކުގައި ބަންދުކޮށްފައި ހުރި ގޮތްތައް ހުޅުވާވެސް ނުލައެެވެ. ބޮޑު ކަލެކްޝަނެއް ހުރި ނަމަވެސް، އޭނާއަށް ހުސްކަން އިހުސާސް ކުރެވުނެވެ. އުފާވެރިކަން ނުލިބޭ ކަންކަމަށް ޚަރަދުކުރި މިންވަރު ހިސާބު ކުރުމުން، އޭނާއަށް ހައިރާންކަމެއް ލިބުނެވެ. 

އުފަލަށް ޚަރަދުކުރަންވީ ގޮތް ދަސްކުރުމަށްފަހު ފިލް ނިންމީ ފައިސާއިން އައު ތަޖުރިބާތައް ހޯދުމަށެވެ. އޭނާ ގެންގުޅޭ ބޭނުން ނުކުރާ އިލެކްޓްރޯނިކް ސާމާނު ވިއްކައިގެން އެ ފައިސާ ތަފާތު ގޮތަކަށް ބޭނުންކުރި އެވެ. ފުރަތަމަ ފޮޓޯގްރަފީ ކްލާހަކަށް ސޮއިކުރިއެވެ. އެއީ އެކަމަކަށް އަބަދުވެސް ޝައުގުވެރިކަން ހުރި ނަމަވެސް ދުވަހަކުވެސް ފިލްއަށް ނުފެށުނު މަސައްކަތެކެވެ. ދެން، ހަފްތާއަކު އެއް ފަހަރު ގޭތެރެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ހޯދުމަށްޓަކައި ސާފުކުރާ މީހަކަށް އޭނާ ކުޑަ އުޖޫރައެއް ދޭން ފެށިއެވެ. އެންމެ ފަހުން ކުޑަކުދިންގެ ހިޔާއަކަށް ކޮންމެ މަހަކު ހަދިޔާތައް ދިނުމަށްވެސް ފިލް ނިންމިއެވެ. 

އޭގެ ހަ މަސް ފަހުން މިކަމުން އައި ތަފާތު ފިލްއަށް ފާހަގަކޮށްލެވުނެވެ. ފިލްއަށް އޭނާގެ ފޮޓޯގްރަފީ ކްލާހުން އާ ރައްޓެހިން ލިބުނެވެ. ޝައުގުވެރި ކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރު ހުސްވަގުތުތަކާއި، ހިލޭ ސާބަހަށް ކުރާ ހޭދައިން ފުރިހަމަ މަޤްޞަދެއްގެ އިޙްސާސެއް ލިބުނެވެ. "ކުރިން ހީކުރީ އިތުރު އެއްޗެހި ހުރުމުން އަހަރެންނަށް އުފާވެރިކަން ލިބޭނެ ކަމަށް. އެކަމަކު އިތުރު ހުސް ވަގުތު ހޯދުމަށް ހޭދަ ކުރުމާއި ފޮޓޯ ނަގަން ދަސްކުރުމާއި ކުޑަކުދިންނަށް ގަވާއިދުން ހަދިޔާ ދިނުމުގެ ސަބަބުން އަހަރެންނަށް ލިބުނު އުފަލެއް އެއްވެސް އައި ފޯނަކުން އަހަރެންނަށް ދުވަހަކުވެސް ނުލިބޭ" އޭނާގެ ތަޖުރިބާއާއި ގުޅޭގޮތުން ފިލް ބުނެފައި ވެއެވެ. 

  • މުދާ ނުވަތަ ތަޖުރިބާތަ؟

ދިރާސާތަކުން ތަކުރާރުކޮށް ދައްކާ ގޮތުގައި ކޮންސެޓްތަކާއި ދަތުރުފަތުރު ނުވަތަ ތަމްރީންތައް ފަދަ ތަޖުރިބާތަކަށް ފައިސާ ހޭދަކުރާ މީހުންގެ އުފާވެރިކަން، މާއްދީ މުދާ ގަންނަ މީހުންނަށްވުރެ މަތިއެވެ. އެފަދަ ތަޖުރިބާތަކުގެ ސަބަބުން ދިގުދެމިގެންދާ އުފާވެރި ހަނދާންތައް އުފެދެއެވެ. އަދި އިޖުތިމާއީ ގުޅުން ބަދަހިކޮށްދެއެވެ. މި ދެ ކަމަކީ އުފާވެރިކަމުގެ މައިގަނޑު އަސާސްްތަކެވެ. 

ވަގުތު ސަލާމަތްކުރަން ކުރާ ހޭދަތައް

ހުސްވަގުތު ހޯދަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ކަމެކެވެ. ވީމާ ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ހުސްވަގުތު ހޯދުމުގެ ބޭނުމުގައި ކުރާ ހަރަދުތަކަކީ ވަރަށް ބޭނުންތެރި ހަރަދެކެވެ. އެގޮތުން ޑެލިވަރީގެ ހިދުމަތަށް ކުރާ ހަރަދާއި އޮންލައިން ހިދުމަތްތަކަށް ކުރާ އިތުރު ހަރަދާއި ގޭތެރެ ސާފުކޮށް އަންނައުނު ދޮވެ އިސްތިރިކުރުމުގެ ހިދުމަތަށް ކުރާ ހަރަދުތަކުން ލިބޭ ހުސްވަގުތަކީ ކޮންމެ މީހަކަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. 

ހުނަރަށް އިންވެސްޓްކުރުން

ކޮންމެ މީހެއްގެ ކިބައިގައިވެސް ވަކި ހުނަރެއް ނުވަތަ ހޮބީއެއް ހުންނާނެއެވެ. ތިމާއަށް ކުރަން އެނގޭ ނުވަތަ ޝައުގުވެރިކަން ހުންނަ މަސައްކަތަކަށް  ބޭނުންވާ ސާމާނު ހޯދައިގެން އޭގެއިން ލިބޭ ނަތީޖާއަކީ ބޭކާރު ހަރަދެއް ކަމަށް އެއްވެސް މީހެއް ގަބޫލެއް ނުކުރާނެއެވެ. 

ހަދިޔާ

އެތައް ދިރާސާއަކުން ކަށަވަރުވާ ގޮތުގައި އަމިއްލަ މީހާގެ އުފަލަށް ފައިސާ ހޭދަކުރުމަށްވުރެ އެހެން މީހުންނަށް ފައިސާ ޚަރަދުކުރުމަކީ އަހަރެމެންނަށް އުފާވެރިކަން ލިބޭ ކަމެކެވެ. ތަންތަނަށް އެއްޗެހި ހަދިޔާ ކުރުމަށްވިޔަސް ނުވަތަ ސީދާ ހާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމުގައި ވިޔަސް، ދީލަތިކަމުން ސިކުނޑީގައި ހުންނަ އުފާވެރިކަމާއި ގުޅޭ ހޯމޯންއެއް އެކްޓިވް ކުރާ ކަމަށް ސައިންސްވެރިން ދެކެއެވެ. ސައިންސްވެރިން ދެކޭ ގޮތުގައި މިގޮތަށް ކަންތައް ކުރުމުން، ތިމާގެ ހަޔާތުގައި ދިމާވާ މައްސަލަތަކުން ވަގުތުކޮޅަކަށް ނަމަވެސް މީހާގެ ފޯކަސް އެއްފަރާތްކޮށްދެއެވެ. 

ތައުލީމު

މެދުނުކެނޑި އުނގެނުމާއި ތަރައްޤީއަކީ ދިރިއުޅުމުގެ ހިތްހަމަޖެހުމާއި ގުޅިލާމެހިފައިވާ ކަންކަމެވެ. ފޮތް ބެލުމާއި ކޯސްތަކުގައި ބައިވެރިވުމާއި ކޯޗިން ލެސަންސް ހޯދުމަކީ ތިމާގެ ޢިލްމާއި ހުނަރު ފުޅާކޮށްދިނުމަށް ކުރާ އިންވެސްޓްމެންޓެއް އެކަންޏެއް ނޫނެވެ. ހިތްހަމަޖެހުން ލިބެނީ ހަމައެކަނި މައުލޫމާތު ހޯދުމުން ނޫނެވެ. އުނގެނުމުން ލިބޭ ކުރިއެރުމާއިއެކު ގާބިލްކަމުގެ އިހުސާސް ވެސް ލިބެ އެވެ. ތައުލީމަކީ ގިނަ ފަހަރަށް އައު ފުރުސަތުތަކަށް ހުޅުވޭ ދޮރެއްވެސް މެއެވެ. 

ސިއްހަތާއި ރީތިކަމަށް ކުރާ ހޭދަ

ސިއްހަތާއި މީހާގެ ރީތިކަން ދެމެހެއްޓުމަށް ކުރާ ހަރަދަކީ ކޮލިޓީ ދިރިއުޅުމަކަށް ނުހަނު އަގުހުރި ހަރަދުތަކެކެވެ. އޭގެއިން އުފާވެރިކަން ލިއްބައިދެނީ ޖިސްމާނީ ގޮތުން ދުޅަހެޔޮ އިހުސާސެއް ކުރެވި، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތެއްގައި އަޅާލުމުގެ ހިތްހަމަޖެހުމެވެ.