މިދުނިޔޭގެ ދިރިއުޅުމުގައި އިންސާނާ އަށް ދިމާވާ ކޮންމެ ކަމަކީ، އެކިފަހަރު އެކިގޮތަށް ހިނގަމުން ބަދަލުވަމުންދާ ކަންކަމެވެ. މިކަންކަމުގައި، އުފަލާއި، ހިތާމަ، ތަނަވަސްކަމާއި، ފަގީރުކަން، ބަލިމަޑުކަމާއި، ހިތްދަތިކަން ތަހައްމަލުކުރަން ޖެހެއެވެ. ފުރިހަމަ އީމާންކަމުގެ ނޫރު ހިތަށް ވެރިވެފައިވާ ކޮންމެ މުއުމިނަކު މިކަން ރަނގަޅަށް ދަންނާނެއެވެ.
އީމާންކަމަކީ، ޙަޤީޤަތުގައި ދުނިޔެއާއި، ދުނިޔޭގައި ވާހާ ތަކެއްޗެއް އުފެއްދެވި އަދި އުފައްދަވާ ޚާލިޤުވަންތަ ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރުމެވެ. މި މަތިވެރި ޙަޤީޤަތުގެ އަލީގައި އިންސާނާގެ ހިތަށް ޔަގީންކަމާއި، ސާބިތުކަން ގެނެސްދެއެވެ. ހިތާމައާއި، ހިތްދަތިކަން ކުރިމަތިވާ ކޮންމެ ވަގުތެއްގައި މުއުމިނުންގެ ހިތްތަކުގައިވާ ފުރިހަމަ އީމާންކަން އެބައިމީހުންގެ ހިތްތަކަށް ހިތްވަރާއި، ހިތްހަމަޖެހުން ގެނެސްދެއެވެ.
ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވެ، އަމިއްލައަށް މަރުވުމަކީ، އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި ވަރަށް މަދުން ދިމާވާ ކަމެކެވެ. އެކަމަކު، އިސްލާމްދީން ނޫން އެހެން ދީންތަކުގެ އަހުލުވެރީން ދިރިއުޅުމުގައި ދިމާވާ ކުއްލި ހިތްދަތިކަމެއްގެ ސަބަބުން އަމިއްލަ އަށް މަރުވުމަކީ، ވަރަށް އާދައިގެ ކަމެކެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، މިހާރަކަށްއައިސް އަމިއްލަ އަށް މަރުވާ މީހުން ގިނަވަމުންދާން ފަށައިފިއެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެކެވެ. މިކަން މިހެންވުމުގެ އެންމެ ބޮޑު ސަބަބަކީ، އީމާންކަން ކުޑަވުމެވެ. ﷲ ގެ ރަހުމަތުން އުއްމީދު ކަނޑާލެވުމެވެ.
އަޅުގަނޑުމެން މުއުމިނުން ހިތްހަމަޖައްސަންވީ ގޮތް ވަނީ، ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ. " ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ " (އައް-ރަޢާދު: 28) މާނައީ: "ދަންނާށެވެ! ހިތްތައް ހަމަޖެހުންވަނީ ހަމައެކަނި ﷲ ހަނދުމަ ކުރުމުންނެވެ."
ކަންމިހެން ހުރުމާއެކު، އަޅުގަނޑުމެން ހޯދަންވާ ފަރުވާއަކީ، މިންވަރުފުޅަށް އީމާންވުމުގެ ފަރުވާއެވެ. މި ފަރުވާ ހޯދައިފިނަމަ، ގޮތްހުސްވެ ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާކަށެއް ނުޖެހޭނެ އެވެ.
(ހިތަށް ސާބިތުކަން ގެނެސްދެނީ، އީމާންކަމުގެ ސަބަބުންނެވެ. - އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް؛ ދީނުގެ މަގު އަހަރު 19، ޢަދަދު 21, ޞ.1 - 17 ޖޫން 2005)