ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފިއެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާހުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެމުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގަނެވުނު މަސައްކަތެކެވެ.

އެގޮތުން ސްޓެލްކޯގެ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރު، މި 35 މުވައްޒަފުންނަށް މިއަދު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދީފައެވެ.

 މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. 

މިއަދު އިފްތިތާޙުކުރި ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.