ފުރާވަރުގެ ދުވަސްވަރު މާލެއަށް އައީ ނުހަނު އުންމީދާއި އެކުއެވެ. އެ އުންމީދުގައި ކުލަ ޖައްސަން އޭނާ އެންމެ ފުރަތަމަ ދިރިއުޅުނީ ބައްޕަ ފަރާތު ތިމާގެ މީހެއްގެ ކައިރީގައި ގޭތެރޭގެ ބައެއް ކަންކަމުގައި އެހީވުމަށް 'ގެންގުޅޭ' ކުއްޖެެއްގެ ގޮތުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މީގެ 6 ވަރަކަށް އަހަރު ކުރިން އޭނާ ފެށި ވިޔަފާރިއަކީ މިހާރު ބްރޭންޑެކެވެ. އެންމެ ޒުވާން އުމުރުފުރާގައި އޭނާގެ ކެރިއާ ފެށީ ޑްރާމާތަކުގައި ސަޕޯޓިން ރޯލް ކުޅެގެންނެވެ. އެއަށްފަހު 31 އަހަރު ވަންދެން ބިނާކުރި ނެށުމުގެ ކެރިއާގެ ތެރެއިން އެމީހެއްގެ ކޮރިއަގްރަފީ އެކި ލަވަތަކުން ފެނުނެވެ. މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙަންމަދު، ފިލްމީ އެވޯޑެއް ހޯދި ލަވައެއްގެ ކޮރިއަގްރަފީގެ މަސައްކަތް ކޮށްދިނީވެސް ހަމަ އެނެށުންތެރިޔާއެވެ. އުފަން ރަށް ކަމުގައިވާ އއ. އުކުޅަހުގެ އިތުރުން އެހެނިހެން ރަށްރަށުގައި އޭނާގެ އީދު ޝޯވ ނެށުމަށް އުފެދުނު ޑިމާންޑް މިއަދު ވަނީ ރާއްޖެއިން ބޭރަށްވެސް ފުޅާވެފައެވެ. އަމިއްލަ ވަޒަނުގެ ގައުމީ އެވޯޑަށް 8 ފަހަރުމަތިން ނަން ހުށަހަޅައިގެން އެންމެ ހިތްވަރުދިނުމުގެ އެވޯޑެއްވެސް ނުލިބުނު މި ފަންނާނު މިއަދު ދަނީ ރާއްޖެއިން ބޭރުގައި އެވޯޑަކަށްފަހު އެވޯޑެއް ހާސިލުކުރަމުންނެވެ. ނަމަވެސް ކޮންމެ އެވޯޑަކާއިއެކު މީހުން ދޭން ފެށީ ބަދުނާމެވެ. ބުލީންގެ ލަކުނުތަކަށް ފަރުވާލެއްނެތި ކުރިއަށްދާ މި ފަންނާނު "ތީރު" އަށް ދިން ހާއްސަ އިންޓަވިއުއާއި ދިމާލަށް ޖެހިލަމާހެއްޔެވެ.
މަލާމާތުން ތަރުހީބަށް
ސުނީތާ ނަށަން ދަސްކުރީ ޓީވީ ބަލައިގެންނެވެ. އާންމުންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ނެށި ދުވަސް ދުވަސް އެއީ ސުނީތާގެ ހަނދާނުން ނުފިލާނެ ދުވަހެކެވެ. އެއީ އޭރު މާލޭގައި ބޭއްވި "ގެލެކްސީ" ޓެލެންޓް ޝޯވއެވެ. އެ ޝޯވގައި އުމުރުން 14 އަހަރުގެ ސުނީތާ ހުށަހަޅައިދިނީ ހިންދީ ބަތަލު އާމިރް ހާންގެ ލަވަ "ޑޯލެ ޑޯލޭ ދިލް ޑޯލޭ" އަށެވެ. އާމިރް ހާން އެ ލަވައިގައި ފެނިގެންދަނީ އަންހެން ނެށުންތެރިއެއްގެ ރޯލުގައި މަޖާކޮށް ނަށާތަނެވެ. އެ ހުށަހެޅުމަށް އަމާޒުވީ މަލާމާތެވެ. 500 މީހުންގެ އޯޑިއެންސްއިންވެސް އޭނާ އެދުވަހު ނެށި ދެވަނަ ލަވައަށްވެސް ދިނީ މަލާމާތެވެ. މުޅި ރޭ އެކަމާއި ރުއި ސުނީތާ ޖެހިގެން އައި ދުވަހު ހޭލީ އާފަތިހަކާއިއެކުއެވެ. ނުގުޑާ އަޒުމެއްގައި އޭނާ ދެން ފެށީ ޑްރާމާއެއްގެ ބެކްގްރައުންޑް ޑާންސަރެއްގެ މަސައްކަތްކުރާށެވެ. އަހަރުތަކެއް ފަހުން ސުނީތާ ވަނީ "ހިތް ދީވާނާ" ނަމުގައި ލަވަ އަލްބަމެއް ޕްރޮޑިއުސްކޮށް ބާޒާރަށް ނެރެފައެވެ.
ސުނީތާގެ ޒަވާޖީ ހަޔާތް
މިއަދު "ތީރު" ގެ ފަރާތުން މި ގެނެސްދެނީ، ގިނަ މީހުންނަށް އެނގޭ ގޮތުގައި ނެށުންތެރިއެއް، ލަވަ ކިޔުންތެރިއެއް، އެކްޓަރެއް އަދި މިހާރު ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރު ސުނީތާ ޢަލީގެ ވާހަކަތަކަށެވެ. އެއް ގަޑިއިރުން ކިޔާދެވޭ ވަރަށްވުރެ ގިނަ ވާހަކަތަކުގެ ތެރޭގައި ސުނީތާ އެންމެ ފުރަތަމަ ކިޔާދިނީ ނޫސްވެރިން އޭނާއޭ ކިޔައިގެން ޖަހާ މޮޅެތި ސުރުހީތަކުގެ ވާހަކައެވެ.
"މިހާރު ނެށުމުގެ ކެރިއާއިން ހޯދަން ބޭނުންވާވަރުގެ ކާމިޔާބީ ހޯދިއްޖެ. ދެން ބޭނުމީ މީހަކާއި އިނދެގެން ރަނގަޅު ދިރިއުޅުމެއްގައި އުޅެން، ކައިވެންޏަކީ ވަރަށް ހައްސާސް ފިޔަވަޅެއް. އަޅުގަނޑު އިންނާނީ އެމީހަކު އަޅުގަނޑުގެ ގައުމާއި އުސޫލުތަކާއި އެހެނިހެން ކަންކަމަށް އިހުތިރާމްކުރާ ވަރު ބެލުމަށްފަހު. މީހާއަކީ ކާކުކަން ދަސްނުކޮށް މީހަކާއި އިންނަން އަޅުގަނޑު ބޭނުމެއް ނޫން" އުމުރުން 47 އަހަރުގެ ސުނީތާ އަލުން ކައިވެންޏެއް ކުރުމާއި ގުޅޭގޮތުން ހިޔާލުދިނީ މިހެންނެވެ.
ސުނީތާއާއި ހަވާލާދީ ޖީކިއު މެގަޒިންއިން ރިޕޯޓްކުރިގޮތުގައި ސުނީތާ ވަނީ ވަރަށް ހަގު އުމުރެއްގައި އޭނާގެ ބެސްޓް ފްރެންޑާއި ކައިވެނިކުރަން ނިންމާފައެވެ. އެހެން ނަމަވެސް އެ ފިރިހެންމީހާއާއި ސުނީތާ އިންނަން އާއިލާއިން އެއްބަހެއް ނުވިއެވެ. އެންމެފަހުން ރަށުގެ އެކި މީހުން ލައްވާ ސުނީތާ އޭނާގެ އާއިލާ މީހުންނާއި ވާހަކަދައްކުވަން ދޮރުން ދޮރަށް ދިއުމުގެ މަސައްކަތް އެއް ދުވަހެއްގައި މެންދުރު ފަށައިގަތެވެ. އެދުވަހުގެ ހަވީރު 5 ޖެހިއިރު، އާއިލާ މީހުން ވަނީ ސުނީތާއާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރަން ރުހުން ދީފައެވެ. ނަމަވެސް ފުޓްބޯޅަ ކުޅެން ޝައުގުވެރިކަން ބަހައްޓާ ޅަފުރައިގެ ސުނީތާ އޭނާއާއި އެއް އުމުރުގެ ފިރިހެންކުދިންނާއި އެއްކޮށް ޕްރެކްޓިސް ކުރުމާއި އޭނާގެ ފިރިމީހާ ދެކޮޅުވެރިކަން ދެއްކިއެވެ. އެކި ސަބަބުތަކާއި ވިދިގެން ސުނީތާ އެންމެ ފަހުން އޭނާގެ ފިރިމީހާ ކައިރިން ވަރިވިއެވެ. އޭގެ ފަހުން އެތައް ފަހަރަކު ޒަވާޖީ ހަޔާތެއް ފެށުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ހިނގަނީ އެކަމުގެ ފަހަތުގައި، ހިކުމަތްތަކެއް ހުރެގެންކަން ސުނީ ގަބޫލު ކުރެއެވެ.
ފަންނަށް އޮންނަ ލޯބި ނުބައި ސުރުހީއަކަށް
ސުނީތާ ބުނިގޮތުންނަމަ އޭނާ ޝޯވތަކުގައި ނަށަނީ ކޮންމެހެން ވިޔަފާރި އުސޫލުންނެއް ނޫނެވެ. އޭނާ ޝޯވތަކުގައި ނަށަނީ ރަށްރަށުން އޭނާއަށް އޮންނަ ޑިމާންޑާއި ލޯތްބެއްގެ ބޮޑުކަމުންނެވެ. ސުނީ ބުނީ އޭނާގެ ސަޕޯޓަރުންނަކީ ހަޔާތުގައި ހޯދާ ކާމިޔާބީގެ ބޮޑު ހިތްވަރެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ އީދުގެ މުނާސަބަތުގައި އޭނާ ރަށެއްގެ ސްޓޭޖްމަތީގައި ދެއްކި ވާހަކައެއް މާނަ އޮޅޭ ފަދަ ސުރުހީއެއްގައި ފެނިގެންދިއުމުގެ ކަންބޮޑުވުން ސުނީތާ ހިއްސާކުރިއެވެ. "އަޅުގަނޑުގެ އުމުރުން މިހާރު 47 އަހަރު. ވީމާ، ކުރިން ނަށާ ވަރަށް ނުނެށުނަސް އަޅުގަނޑަށް ވީވަރަކުން ޝޯވތަކުގައި ބައިވެރިވާނެ ވާހަކަ ދެއްކީމަ އެވާހަކަ ކޮންމެވެސް އެއް ނޫހެއްގެ ސުރުހީއަށް އެރީ މުޅިން ނުބައިކޮށް. އޭރު އެތަނުގައި ތިބި ސަޕޯޓަރުން ގަބޫލުކުރާނެ އަޅުގަނޑުގެ ސަޕޯޓަރުންނާއި ފަންނަށް އަޅުގަނޑުގެ ހިތުގައި އޮންނަ ލޯބި" ސުނީތާ ބުނެފައި ވެއެވެ.
ބޮލީވުޑް ތަރިއެއް ހައިރާންކުރުވި
މިހާރު ހޮލީވުޑްގައި ޖާގަ ކަށަވަރުކޮށްފައިވާ ކުރީގެ ބޮލީވުޑް ތަރި، ޕްރިޔަންކާ ޗޯޕްރާ (ޕީސީ)އަށް މުޅި ރާއްޖެއިން އެންމެ ބޮޑު ސަޕޯޓެއް ކުރަނީ ސުނީތާ ކަމާއި ދެކޮޅު ހަދާނެ އެއްވެސް މީހަކު 2014 ވަނަ އަހަރުގައި ނޫޅޭނެއެވެ. މަޝްހޫރު ޖީކިއު މެގަޒިންއަށް ދީފައިވާ އިންޓަވިއުއެއްގައި ސުނީތާ ވަނީ 8 އަހަރުގެ ލިވިން ރިލޭޝަންޝިޕެއް އޭނާ ނިންމި ވަގުތުކޮޅެއްގެ ވާހަކަ ހިއްސާކޮށްފައެވެ. އޭރުގެ ލޯބިވެރިޔާ ކައިރިން ސުނީތާ ރުޅިވީ އެމީހަކު ސުނީތާއަށް ބޭވަފާތެރިވުމުގެ ސަބަބުންނެވެ. އެކަމުން 'މޫވް އޯން' ވާން މަސައްކަތްކުރުމުގެ އެއް އަހަރު ފަހުން ސުނީތާއަށް ފެންނަނީ ޕީސީގެ ބައްޕަ ނިޔާވި ހަބަރެވެ. ޕްރިޔަންކާގެ ހަޔާތުގައި އެހާ ބޮޑު ހިތާމައެއް މެދުވެރިވީ ނަމަވެސް ބައްޕަ ނިޔާވިތާ ހަފްތާއެއް ނުވަނީސް ޕްރިޔަންކާ ވަނީ "މޭރީ ކޮމް" ފިލްމުގައި އެކްޓްކުރުމަށް ސޮއިކޮށްފައެވެ. ޕީސީ ދިރިއުޅުމާއިގެން ކުރިއަށްދިއުމުގައި ހިތްވަރު ހޯދިގޮތަށް ސުނީތާ ސަޕޯޓްކުރިއެވެ. މިއީ އޭނާގެ ފޭންޑަމްގެ ފެށުމުގެ ގޮތުގައިވެސް ސިފަކުރެވިދާނެއެވެ.
ޕީސީގެ ހެދުން އެޅުމާއި ހެއާ ސްޓައިލް އޭރު ކޮޕީ ކުރި ސުނީތާ ޕްރިޔަންކާއާއި އެންމެ ފުރަތަމަ ބައްދަލުކުރި ވަގުތުކޮޅުގެ ވާހަކަ ވަނީ އިންޑިޔާގެ މަޝްހޫރު ޖީކިއު މެގަޒިންގެ އިންޓަވިއުއެއްގައިވެސް ހިމަނާފައެވެ. ސުނީތާ ބުނިގޮތުގައި ޕްރިޔަންކާގެ ފޭނުންނާއިއެކު އޭނާގެ ނަމުގައި ބައިވެރިވި ފުޓްބޯޅަ މުބާރާތެއްގެ ތަށި ސުނީތާގެ ޓީމުން ހާސިލުކޮށްފައި ވެއެވެ. އެ ތަށި، ޚުދު ޕްރިޔަންކާ އަމިއްލައަށް ސުނީތާގެ އަތުން ނަގާފައިވަނީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވެސް ސުނީތާ ބުންޏެވެ.
"އަޅުގަނޑު އެދުވަހު ލައިގެން ހުރި ހެދުން އެއީ ޕީސީވެސް ލައި އުޅޭ ހެދުމެއްގެ އިމިޓޭޝަނެއް. އަޅުގަނޑު އޭނާއަށް ކުރާ ސަޕޯޓް ފެނިލުމުން ޕީސީ އިނީ ހައިރާންވެފަ. އަދި އަޅުގަނޑު ފޭންއެއްގެ ގޮތުގައި ކުރާ ސަޕޯޓަށް ޝުކުރުވެސް އަދާކުރި"
ބުލީ ކުރިޔަސް ފަހަތަށް ނުޖެހޭ
ސުނީތާއަކީ ނެށުމުގެ އިތުރުން ފުޓްބޯޅަވެސް ކުޅޭ ފަންނާނެކެވެ. އޭނާ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށްވެސް ކުޅެދީފައެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ތަރިން ބައިވެރިވާ ފުޓްބޯޅަ މުބާރާތްތައް ސުނީތާ ރާވާ ހެދިއެވެ. ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ)ގެ އެންމެ ބޮޑު ފޭންގެ ލަގަބު ހޯދި ސުނީތާ ވަނީ ޕީސީގެ މަޝްހޫރު ލަވަ "އެގްޒޮޓިކް" ގެ ނަމުގައި ޓީމެއް އުފައްދާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ފިލްމީ ތަރިން ބައިވެރިވި ފުޓްބޯޅަ ޓީމަށްވެސް "ޓީމް ޕްރިޔަންކާ"ގެ ނަން ދިނުމަށް ސުނީތާ ހިޔާލު ހުށަހެޅި ހިސާބުން ޕީސީއަށް ކުރާ ސަޕޯޓް، އެކި މީހުން ޖޯކަކަށް ހެދި ކަމަށް ސުނީތާ ބުންޏެވެ. އޭނާއާއި ދިމާލަށް "މޮޔަ"އެކޭ ގޮވާފައި ހަޑިހުތުރު ބަހުން އެކި މީހުން މަގުމަތިން އަދި ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ނަމަވެސް ސުނީތާ އެންމެ ފަހުން ވަނީ ޕްރިޔަންކާއާއި ބައްދަލުކޮށް، ޕްރިޔަންކާގެ އަތުން އެވޯޑެއްވެސް ގަބޫލުކޮށްފައެވެ.
ބުރަ މަސައްކަތުގެ ރަހަ
ސުނީތާއަކީ މިހާރު "ސުނީ ސުޕްޝަލް" ގެ ނަމުގައި ދިވެހި ކާބޯތަކެއްޗަށް ހާއްސަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ސުނީގެ މި މަސައްކަތުގައި އޭނާގެ އަމިއްލަ އުފެއްދުންތައް ހިމެނޭއިރު ރަށްރަށުގެ އެކިއެކި އަންހެނުންގެ އުފެއްދުންތައްވެސް ހިމެނެއެވެ. ސުނީ ބުނީ އެންމެ ފުރަތަމަ މި މަސައްކަތް ފެށީ އޭނާގެ މަންމައަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. ސުނީސް ސްޕެޝަލްގައި އޭނާގެ ބައްޕައާއި އާއިލާގެ އެހެން މީހުން ހަދާ އުފެއްދުންތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކާށި ތެލާއި ހަވާދާއި ރިހާކުރާއި ދިވެހި ހަކުރާއި ކާޖާ ކަހަލަ ދިވެހި އުފެއްދުންތައް ހިމެނެއެވެ. އަދި ޓޮމާޓޯ ބަތާއި ކުޅިމަސް ކަހަލަ ދިވެހި ކެއުންތައްވެސް އޭނާ ތައްޔާރުކޮށް ހަދައެވެ. ސުނީ ބުނީ މި ތަކެއްޗަށް އޭނާއަށް ސްރީ ލަންކާއިންވެސް ޑިމާންޑް އޮންނަ ކަމަށެވެ. މުސްތަގުބަލުގައި ސުނީ ސްޕެޝަލްގެ އުފެއްދުންތައް އޭނާގެ އަމިއްލަ ކެފޭ ރެސްޓޯރެންޓެއްގައި ސާވްކުރުމަކީ ސުނީތާގެ ހުވަފެނެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ އެވޯޑްތަކުގެ ތަޖުރިބާ
"އަޅުގަނޑަށް އިންޑިއާއާއި ބަންގްލަދޭޝްގައި ލިބުނު ފަންނުގައި މަސައްކަތްކުރާ އަންހެނުންނަށް ދޭ ހިތްވަރުދިނުމުގެ އެވޯޑް. މިފަހުން ލަންކާގައި ބޭއްވި ބައިނަލްއަގްވާމީ އެވޯޑެއް ކަމުގައިވާ "ޝީ ފޯ ދަ ނޭޝަން" އިން ފަންނާނުންނަށް ދޭ އެވޯޑެއްވެސް އަޅުގަނޑަށް ލިބުނު. އެ އެވޯޑަށް އަޅުގަނޑު ނަން ހުށަހެޅީ އެކޮޅުގެ އެދުމުގެ މަތިން. އެމީހުންނަށް ފާހަގަވީ އަޅުގަނޑުގެ ފަންނަށްޓަކައި ކުރާހާ މަސައްކަތް. އެ އެވޯޑަށް ކޮންމެ ގައުމަކުން 4 މީހުން ޝޯޓްލިސްޓްވާނެ. އަޅުގަނޑުގެ އިތުރުން ރާއްޖެއިން އިތުރު ފަރާތްތައްވެސް ކުރިމަތިލި"
ސުނީތާ ބުނީ އޭނާއަށް ލިބުނު ބައިނަލްއަގްވާމީ އެވޯޑްތަކަކީ އޭނާ ގަންނަ އެވޯޑްތައް ކަމަށް ބުނެ، ބައެއް ނޫސްތަކާއި ފަންނާނުންނާއި އާންމުން ވާހަކަދައްކާ ހަދާ ކަމަށެވެ. އެކަމަކު އެޕްލިކޭޝަނަށް ނަގާ ފީއަކީ އެއީ އެވޯޑް ގަތުން ނޫން ކަން ސުނީތާ ފާހަގަކުރިއެވެ. އަދި އޭނާ ފަދަ އެހެން އެޕްލިކެންޓުންވެސް ފޯމް ލާން ނަގާ ފީއަށް ފައިސާ ދެއްކި ނަމަވެސް އެވޯޑް ލިބުނީ ޖަޖުންގެ ޕެނަލުން އެންމެ ހައްގުވެރި ކަމަށް ގަބޫލުކުރާ ފަންނާނަކަށް ނޫނީ އެވޯޑް ނާރުވާކަންވެސް ސުނީތާ ފާހަގަކުރިއެވެ. އެ އެވޯޑަށްފަހު މެލޭޝިޔާއިންވެސް ސުނީގެ ޕާފޯމެންސްއަކަށް ދައުވަތެއް ލިބުނު ކަމަށް މައުލޫމާތުދީފައިވާ ކަމަށް ސުނީ ބުންޏެވެ.
