ގެއްލުނު ލޯތްބަކީ އަލުން އިޔާދަ ނުކުރެވޭނެ އެއްޗެއްކަން އެންމެންވެސް ގަބޫލުކުރާނެއެވެ. މީހަކާއި ރުޅިވާއިރު ހިތްކުދިކުދިވާކަމުގެ އިހުސާސް ކުރެވޭތީ އެގުޅުމާއި ދޭތެރޭ ވިސްނާ ފިކުރުކުރުމަކީ ވަކި ގޯސް ކަމެއް ނޫނެވެ. ހައްދުން މައްޗަށް ނުގޮސް، ގެއްލުނު ލޯބީގެ ގުޅުމުގެ ފަހަތުގައިވާ ފިލާވަޅުތައް ސިކުނޑިއަށް ހަނދާންކޮށްދޭށެވެ. ކިތަންމެ އެ ހަނދާންތައް ސިކުނޑިން އެއްފަރާތްކުރި ނަމަވެސް އެ ހަނދާންތައް 'ޝިފްޓް ޑިލީޓް' ނުވުމުގެ ފަހަތުގައި ހިކުމެއްތެއްވެއެވެ. އެއީ ކުރުކޮށް ބުނާނަމަ، ފިލާވަޅެވެ. އެ ފިލާވަޅުން އެއްޗެއް ދަސްވުމަކީ ގެއްލުނު ލޯބީގެ ސަބަބުން ފަހުން ތިބާއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށްވުން އެކަށީގެންވެ އެވެ. ވީމާ މި ލިޔުމުގައި މި ކިޔާދެނީ މީހަކާއި ރުޅިވުމަށްފަހު ހިތަށް ތަސައްލީ ހޯދާދިނުމަށް ހިތަށް އަރުވަންވީ ނުކުތާތަކެކެވެ. 

ވީގޮތް ބެލުން

ގިނަ ފަހަރަށް ދިމާވާ ކަމަކީ، އެކަނިވެރިކަކަމުގެ އިހުސާސް ކުރެވޭތީ ތިމާއަށް ވަރަށް ބޭނުންވާ ކަމަށް ހީވާ ޖަވާބުތައް ހޯދުމަށްޓަކައި ތިމާގެ ކުރީގެ ލޯބިވެރިޔާ ފަހަތުން ދުވަން މަޖުބޫރު ވުމެވެ. އާންމުކޮށް މިއީ ވަގުތާއި ހަކަތަ ބޭކާރުވާ ކަމެކެވެ. ސުވާލެއްގެ ޖަވާބު ނުލިބުނިއްޔާ، ތިމާގެ ކުށްތަކާއި ދޭތެރޭ އެހާ ބޮޑަށް ފިކުރުނުކޮށް ކުރިއަށް ދިއުމުން ނޫނީ ހިތާމައިން މިންޖެއް ނުވެވޭނެއެވެ. އޭނާގެ ފަރާތުން ޖަވާބެއް ލިބިއްޖެއްޔާވެސް އެކަމާއި މާބޮޑަށް ފިކުރު ނުކުރާށެވެ.

 

ހިތާމަކުރަން ވަގުތުދިނުން

ވަގުތަކީ ކޮންމެ ހިތާމައެއްގެވެސް ގިނި މަޑުކޮށްދޭ ނުވަތަ ހިތާމައިގެ ކޮޅު ނިންމާލަދޭ ބޭހެކެވެ. އެކި މީހުން ކަންކަމާއި ހިތާމަ ކުރާނީ އެކި އަދަދުތަކުގެ ދުވަސްތަކަށެވެ. ތިބާގެ ރަހުމަތްތެރިޔާ މީހަކާއި ރުޅިވީތާ އެއް މަސް ފަހުން މީހަކާއި ރައްޓެހިވިޔަސް ތިބާއަށް ފަހަރެއްގައި އެހާ ފަސޭހައިން 'މޫވް އޮން' ނުވެވިދާނެއެވެ. އަމިއްލަ ނަފްސު ކަމަކުން އަރައިގަތުމަށް ވަގުތު ދިނުމުން ފަސް އެނބުރި މަންޒަރަށް ބަލާއިރު ފިލާވަޅުތަކާ މެދު ވިސްނާލެވޭނެ އެވެ. އަދި ވަގުތު ދާވަރަކަށް ހަޔާތުގެ ބައިވެރިޔަކާއި ނުލާ ތިމާގެ ނަފްސު ކުރިއެރުވުމުގެ ފުރުސަތުވެސް ބޮޑެވެ. 

އިހުސާސްތައް ބަންޑުންކުރުން 

އުދާސްތައް ހިތުގައި ޖަމާކޮށް ހެދުމުން އަނެކާގެ ހިޔާލުތަކުން ދުރުވާން އުނދަގޫވާނެއެވެ. ތި ގުޅުމުގައިވީހާ ކަންކަން އިތުބާރުކުރާ މީހަކާއި ހިއްސާކުރުމުން ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ގެނުވާނެއެވެ. އެވަރުންވެސް ކުރިއަށް ނުދެވޭނަމަ ކައުންސެލިން ހޯދުމަކީ ރަނގަޅު ހިޔާލެކެވެ. 

ސިކުނޑި 'ރީސެޓަށް ލުން'

މާ ގިނަދުވަހުގެ ގުޅުމެއް ނިމިގެންދާއިރު ހިތަށް އެކި ކަހަލުގެ ވަސްވާސްތައް އަންނާނެއެވެ. "ބޭކާރު ވަގުތު" ކަމަށް ހިތަށް އަރާނެއެވެ. ހިތް އާދޭސްކުރާ ވަރުން އަނެކާގެ ސޯޝަލް މީޑިއާ ބަލަން މަޖުބޫރުވެދާނެއެވެ. އެ ގުޅުމުގެ ފަހަތުގައިވާ ފޮނިމީރުކަން އިރުއިރުކޮޅާ "ރިވައިންޑް" ވާނެއެވެ. އެހެން ހިތަށް ނާރުވާ، ތި ގުޅުން ނިމުމުގެ ފަހަތުގައިވާ ހުރިހާ ސަބަބެއް އިރުއިރުކޮޅާ ހަނދާނަށް ގެންނާށެވެ. އޭރުން އޭނާއާއި ދިމާވުމުގެ ކުރިން ތިބާއަކީ ކާކުކަން ފާހަގަކުރެވޭނެއެވެ. 

'ހަނދާންތައް ސާފުކުރުން'

އޭނާ ތިބާއަށް ދިންހާ ހަދިޔާތައް އުކާލާށެވެ. އަގުބޮޑު އެއްޗެއްނަމަ އޭނާއާއި އަނބުރާ ހަވާލުކޮށްލާށެވެ. ފޮނުވި މެސެޖާއި ފޮޓޯ އަދި ކޯލް ލޮގްތައް ފޮހެލާށެވެ. މީހަކާއި ރައްޓެހިވެގެން އުޅޭއިރު ފަހަރެއްގައި އޭނާއަށް ކަމުދާ ގޮތަށް ތިބާ ހެދުން އަޅާ ޒީނަތްތެރިވެދާނެއެވެ. އައު ހެއާސްޓައިލަކާއި ހެދުން އެޅުން، އައު ސްޓައިލަކަށް ބަދަލުކުރުމަކީ ހިތްހަމަޖެހުން ގެނުވާނެ ކަންކަމެވެެ.