ޒުވާން އުމުރުގައި ނުރަޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. މިއީ ނަފްސާނީ ގޮތުންވެސް ބައެއް މީހުންނަށް އަސަރުކުރާ ކަމެކެވެ. މިކަން ހުއްޓުވުމަށް ނުވަތަ ލަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުރެއެވެ.
ނުރަޖެހުމުގެ މައިގަނޑު ސަބަބުތައް
އަވަހަށް ނުރަޖެހުމުގެ ފަހަތުގައި ސިއްހީ މައްސަލައެއް އޮތްތޯ ބެލުމަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އިސްތަށިގަނޑު މާ އަވަހަށް ނުރަވުމުގެ ފަހަތުގައި ސިއްހީ މައްސަލައެއް އޮތްތޯ ބަލަންވާނެއެވެ. ޒުވާން އުމުރުގައި ނުރަޖެހުމުގެ އެންމެ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ މެލަނިން އުފެއްދުމުގެ ނިޒާމަށް އަންނަ ބަދަލުތަކެވެ. މީގެ އިތުރުން ހަށިގަނޑުން ވިޓަމިން ބީ12 އާއި ދަގަނޑު އަދި ޒިންކްގެ މިންވަރު މަދުވުމުންވެސް ޒުވާން އުމުރުގައި ނުރަ ޖަހަން ފަށާނެއެވެ.
ހަމުގެ ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ނުރަތައް ފޮރުވަން ބޯ ކަޅުކުރަން ބޭނުންކުރާ ކަޅު ހީނާފަތް ޕެކެޓްތަކުގައި ހުންނަ އެމޯނިއާ ކެމިކަލުން އިސްތަށިގަނޑަށް ދުރު މުސްތަގުބަލުގައި ގެއްލުންވާނެއެވެ. އަދި އިސްތަށިގަނޑު ކުރަކިވާންވެސް މެދުވެރިވާނެއެވެ. އެއާއެކު، ބޮލުން ނުރަތައް ނުއުފުރުމަށްވެސް ސަމާލުކަން ދޭށެވެ. އިސްތަށިތައް އުފުރީމަ ހަމަ ބޮލުގެ ހަންގަނޑުގައިވާ ފަށަލައިގެ އެހެން ތަންތަނަށްވެސް ވާންވެ، އިތުރު ފޮލިކަލްސް އިން ނުރަ އިސްތަށި ނިކުންނަން މެދުވެރިވާނެއެވެ. އިސްތަށިގަނޑަށް ނުބައި ބަދަލެއް އަންނަކަން ފާހަގަވެއްޖެ ހާލަތެއްގައި އާންމުކޮށް ބޭނުންނުކުރާ ގުދުރަތީ ތެލެއް ނުވަތަ ހާބަލް ޝެމްޕޫއެއް އުނގުުޅުމަކީ ރަނގަޅު ހިޔާލެކެވެ.
ނުރަޖެހުން މަދުކުރުމަށް އިންޑިޔާގައި އާޔުރްވެދިކް ފަރުވާތައް ހޯދައެވެ. އޭގެ ތެރޭގައި އާމްލާ ތެލުން ބޯ މަސާޖް ކުރުން ހިމެނެއެވެ. އާމްލާ ތެލުގެ ތެރެއަށް އޯބަތް ޕައުޑަރު އަޅައިގެން އޯވާނައިޓްވަންދެން މި ތެޔޮ ބޮލުގައި ހާކަންވާނެއެވެ. ޖެހިގެން އަންނަ ދުވަހު ރަނގަޅަށް ބޯ ދޮވެލާށެވެ. މި ޓްރީޓްމެންޓް ހަފްތާއަކު ދެ ފަހަރު ކުރިއަށްގެންދާށެވެ.
ގިނަ އިންޑިޔާ މީހުންނަކީ ގަވާއިދުން ކާށި ތެޔޮ ބޭނުންކުރާ މީހުންނެވެ. ނުރަ ޖެހުން މަދުކުރުމަށް ކާށި ތެލާއި އެއްކޮށް ހާއްސަ ހެއާ ޓްރީޓްމެންޓެއް އިންޑިޔާގައި ބޭނުންކޮށް އުޅެއެވެ. އެގޮތުން ހަފްތާއަކު 2 -3 ފަހަރު ކާށި ތެލުން ބޯ މަސާޖްކޮށްފައި އެއް ރޭ ވަންދެން ބެހެއްޓުމަކީ އިންޑިޔާގައި އާންމު ކަމެކެވެ. ނުރަ ޖެހުން މަދުކުރުމަށް މިގޮތަށް ކަންތައް ކުރުމަށްފަހު ހެނދުނު ބޯ ދޮންނަ ގަޑީގައި ލުނބޯ ހުތްކޮޅެއް ބޮލުގައި ހޭކުމުންވެސް ފައިދާ ކުރާނެ ކަމަށް އިންޑިޔާ މީހުން ގަބޫލުކުރެއެވެ. މިއީ އެއް ގޮތެވެ. ދެވަނަ ޓްރީޓްމެންޓަކީ ގުދުރަތީ ހާލިސް ގިތެޔޮ އެވެ. ބޮލުގައި އޯވާނައިޓްވަންދެން ގިތެޔޮ ކޮޅެއް އުނގުޅައިގެން ހެއާ ކެޕެއް އަޅާށެވެ. ޖެހިގެން އަންނަ ދުވަހު ބޯ ދޮވެލާށެވެ. މިގޮތަށް ކަންތައް ކުރުމުން މަސްތަކެއް ފަހުން ނުރަ ޖަހާވަރު މަދުވެފައިވާކަން ފާހަގަކުރެވޭނެއެވެ.
ޒުވާން އުމުރުގައި ނުރަޖެހުމަކީ ފަރުވާ ހޯދިދާނެ އަދި ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. އެކަށީގެންވާ ފަރުވާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ރަނގަޅު ބަދަލުތަކާއެކު، ނުރަޖެހުން ލަސްކުރެވިދާނެ އެވެ. އެހެންކަމުން، މިކަމާ ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.