ރާއްޖެއަށް ދިމައިވެފައިމިވާ ކޮވިޑުގެ ބިރުވެރިކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުން ދަނީ ސިއްހީ ހިދުމަތްތެރިންނެވެ. މިބަލީގެ ފުރަތަމަ ކޭސް ފެނުމަށްފަހު މިއަދާ ޖެހެންދެން ސިއްހީ ހިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށް، މަލުގެ ގުލްދަސްތާތަކުން ޝުކުރު ބަރުތީލަކުރަމެވެ.
މިފަހުން ރާއްޖޭގެ ކޮވިޑުގެ ކޭސްތަށް ވަނީ ބިރުވެރި މިންވަރަކަށް އިތުރުވެފައެވެ. ކޮވިޑްގެ މި ބޮޑު ބާނި ކުޑަ ނުވެ އިތުރަށް ބޮޑުވަމުންދާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. މިއަދު ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެ ކުޑަދޫ ނިކުމެފައެވެ. ސިއްހީ ނިޒާމު އޮތީ ބޮއްސުންލާފައެވެ. ސިއްހީ ހިދުމަތުގައި އުޅެމުންދާ ޑޮކްޓަރުން، އެ ދާއިރާއިން ކިޔަވަމުންދާ ކުދިންގެ އެހީއަށް އަންނަނީ އެދެމުންނެވެ. ނިތްކުރިމަތިން ދާ ނުހިކޭ ހާލު، ލޮލުފިޔަ ނުޖަހާ، އަރުތެރެ ތެންމާނުލާ މަސައްކަތް ކުރަމުންދާ ހީވާގި ނަރުހުން އެދި ގޮވަނީ ނަރުސްކަން ކިޔަވާ ދަރިވަރުންގެ އެހީ އަށެވެ. މިއީ ސިއްހީ ދާއިރާގެ އެންމެ މަތީ ފަޑީގެ ހާލަތެވެ. އެވެރިން ކުރަމުންދާ އެ ބުރަ މަސައްކަތުން އެވެރިންނަށް ލުޔަކަށް އެދެން މި ޖެހުނީ ކޮވިޑުގެ މި ބޮޑެތި ބާނިތަކުގެ ތެރޭގައެވެ. މިރާއްޖޭގެ މާދަމާ ސިފަކުރަންވެސް ދައްޗެވެ. ހިތުގާ ތަސްވީރުކުރަންވެސް އަމުދުން ނުކުޅަދާނައެވެ.
މިހާރުވެސް ނަރުސްކަން ކިޔަވާ ދަރިވަރުންނާއި ޑަކްޓަރުކަން ކިޔަވާ ދަރިވަރުން އަންނަނީ އެކި އެކި ގޮތްގޮތުން އެޗް.އީ.އޯ.ސީ އަށް އެހީތެރިވަމުންނެވެ. އެގޮތުން ސާމްޕަލްނެގުމުގައްޔާއި އެޗް.އީ.އޯ.ސީ ގެ އެތެރޭގެ އިދާރީ ބައެއް މަސައްކަތްތަކުގައިވެސް މިދަރިވަރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަރުސްކަން ކިޔަވާ ބައެއް ދަރިވަރުން މިހާރުވެސް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރަމުން އެބަދެއެވެ. މިއީ ދަރިވަރުން ގައުމަށްޓަކައި ވަމުންދާ ވަރަށް މަތިވެރި ގުރުބާނީއެކެވެ. މުސާރައެއް އަދި އެލަވަންސެއްވެސް ލިބޭނޭ ކަމުގެ އެއްވެސް އުންމީދެއް ނެތި، އެދަރިވަރުންގެ ތައުލީމީ ހަޔާތުގެ ތެރެއިން އެކުރާ މިންނެތް މަސައްކަތަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ޝުކުރުވެރިވުން ހައްގެވެ. މާދަމާ ނަރުހުންނަށްވެ، ހިދުމަތަށް ނުކުންނަން ތިބި މި ދަރިވަރުން މިއަދު ދައްކާ އެ ނަމޫނާ އަކީ ގައުމު ފަހުރުވެރިވާ ފަދަ ނަމޫނާއެކެވެ.
ދަސްކުރުމުގެ މަރުހަލާގައި ސީދާ ކޮވިޑުގެ ބަލިމީހުނަށް ފަރުވާ ދޭ ތަނަކަށް ނުކުތުމުގައި ޖެހިލުންވުމާއި ކަންބޮޑުވުން ހުރިނަމަވެސް، އެ ހުރިހާ ނުތަނަވަސް ކަމަކާއި ހާސަކަމެއް އެއްކިބާކޮށް އެ ދަރިވަރުން ނުކުމެ އެތިބީ މި ދީބާ ދިވެހި ރައްޔިތުންގެ ހައްގުގައެވެ.
ސިއްހީ ހިދުމަތްތެރިންނާއި އެކުދިންގެ އެދުމަކީ، ކޮވިޑުގެ މި ބާނި ކުޑަކުރުމަށް އެންމެ ބޭފުޅުންވެސް ފަރުދީ ޒިންމާނެގުމެވެ. ދައުލަތުގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންގަތުމެވެ.
