ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން (ދިރާގުން) ސޮއިކޮށްފި އެވެ.
އެމްއައިބީން ބުނީ މި ސިމްޕޯޒިއަމްގައި ސިނާއަތުގައި ތިބި މީހުން ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށް، ސިނާއަތުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސިމްޕޯޒިއަމްގެ ޒަރީޔާއިން ފަތުުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ ޚިޔާލުތައް އެއްތަނެއްގައި ބަދަލުކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށް އެމްއައިބީއިން ބުނެފައި ވެއެވެ. އަދި މި ސިމްޕޯޒިއަމްގައި ގެސްޓްހައުސް އިންޑަސްޓްރީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާ ބެހޭ ގޮތުން ފަންނީ ތަޖުރިބާކާރުން ލަފާ ދޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.
އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި ގެސްޓްހައުސްތަކާއި އެއާ ގުޅުންހުރި ހިދުމަތްދޭ ފަރާތްތައް ހިމެނެ އެވެ. މީގެ އިތުރުންވެސް، އެމްއައިބީ އިން ބުނީ މި ސިމްޕޯޒިއަމްގައި ޕެނަލް ޑިސްކަޝަންތަކާއި އެކި ދާއިރާތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސިނާއަތާ ގުޅޭ އާ ޕްރޮޑަކްޓްތައް ޕްރެޒެންޓް ކުރުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްއަށް ގެސްޓްހައުސް ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އެ އަހަރުވެސް މި ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދިރާގުންނެވެ.
މިއަހަރު މި ސިމްޕޯޒިއަމް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.