ދިވެހި ނޫހެއްގައި އޮތް ލިޔުމެކެވެ. އެ ލިޔުމުގެ ސުރުހީގައި ލިޔެފައި އޮތެވެ! "މުހިއްމީ ތެމޫތަ؟ ނޫނީ ގައުމުތަ؟". މިފަދައިންނެވެ. މި ލިޔުން އަމާޒުކޮށްފައި އޮތީ މި ފަހުން ބޭންކުން ގެނައި ކުއްލި ބަދަލަކަށް އަމާޒުކޮށްފައެވެ. ޑެބިޓު ކާޑު ބޭނުންކޮށްގެން ރާއްޖެއި ްބޭރުގެ އޮންލައިން ސައިޓުތަކުން ކުރާ ވިޔަފާރިތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރުމާއި އެކު 30 އިންސައްތައިގެ ފީއެއް ނަގަން ނިންމި ނިންމުމަށް އެ ލިޔުމުގައި ވަނީ އަލިއަޅުވާލާފައެވެ. ތެމޫ އަކީ އެފަދަ އެއް ވެބްސައިޓެވެ. މި ފަހަކުން މަޝްހޫރުވެގެން އައި އެއް ވެބްސައިޓެވެ.
މިފަދަ އޮންލައިން ވެބްސައިޓުތަކުން ދިވެހިން ވިޔަފާރިކުރާލެއް އިންތިހާއަށް ގިނައެވެ. ސަބަބު ވަރަށް ސާފެވެ! އަގު ހެޔޮކަމުންނެވެ. މުދަލުގެ ފެންވަރު އަދި އެއްމެ ހިތްހަމަޖެހޭ ކޮލިޓީއެއްގައި ނެތަސް، މުދަލުގެ ހެޔޮ އަގަކީ މިފަދައިން ވިޔަފާރި ކުރަން ދިވެހިން ޝައުގުވެރިވާ މައިގަނޑު ސަބަބެވެ. މިފަދަ ވިޔަފާރިތަކުން އާއްމު ބޭނުންތަކަށް މުދާ ގެންނައިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުންވެސް އެބައިމީހުންގެ ގިނަ މުދާތަކެއް ގެންނަނީ މިފަދަ ސައިޓުތަކުންނެވެ. އަދި އެ މުދާތައް ހެޔޮ އަގުގައި ގެނެސް ފައިދާ ލައިގެން ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކައެވެ.
ބޭރުގެ ސައިޓުތަކަށް ދިވެހި ރުފިޔާ ކާޑުން ޑޮލަރު ކަނޑާނަމަ ކެނޑިގެންދަނީ ބޭންކު ރޭޓުންނެވެ. އެއީ 15.42 އެއްގެ ރޭޓުންނެވެ. މިއީވެސް މިފަދަ ސައިޓުތަކުން ގަންނަ މުދަލުގެ އަގުހެޔޮކަން ދިވެހިންނަށް އިހުސާސްކުރެވޭ އެއް ސަބަބެވެ. އެހެނީ ޑޮލަރުގެ ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއަށްވުރެ މަތީގައެވެ. މިއީ ގައުމުގެ ހާލަތެވެ. ޑޮލަރުގެ އަގު ހިފަހައްޓައިދޭން ސަރުކާރުތަކުން ކުރާ އެއްވެސް ކަމެއް ކާމިޔާބުވާތަނެއް ނުފެނެއެވެ. ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު އުފުލިގެންދާއިރު، ބޭންކު ރޭޓަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން މިއީ ބޭންކުތަކަށްވެސް ލިބޭ ބޮޑު ބުރައެއްކަން އަދުގެ ހާލަތު ނުލާހިކު ރީތިކޮށް ހާމަކޮށްދެއެވެ.
އާދޭހެވެ! ދައްކަން މިއުޅޭ އަސްލު ވާހަކައަށް އެނބުރިލަން ހިނގާށެވެ! ދިވެހިންނަށް މިއަދު މުހިއްމީ ތެމޫ ހެއްޔެވެ؟ ނުވަތަ ގައުމު ހެއްޔެވެ؟ ގައުމެއް ނެތޭ، ދިވެހިން ކިޔާތާ ވީ ދުވަހެއް ވެއްޖެއެވެ. ގައުމު ދިވެހި ރައްޔިތުންނަށް ކޮށްދޭ ކަމެއް އިހުސާސްކުރެވޭ ރައްޔިތުން މަދެވެ. ސަބަބުތައް ސާފެވެ. ވެރިކަމަށް އަންނަ ކޮންމެ ބަޔަކު، ވެރިކަމުގެ ތެރެއިން ގައުމުގެ ބައިތުލްމާލުން ވައްކަންކޮށް މުއްސަނދިވެގެން ފައިބާ ކަމީ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމެކެވެ. އާދައިގެ ރައްޔިތު މީހާގެ އަސާސީ މުސާރައިން ހަރަދުތައް ފަރުނުޖެހި އުޅެން ޖެހިފައި، ސަރުކާރުގެ ބޮޑުން، ރައްޔިތުންގެ ފައިސާއިން ޖީބުތައް ފުރާއިރު، ނަޒާހަތްތެރިކަމާއި އެކު، އިހުލާސްތެރިކަމާއި އެކު ގައުމުގެ ހާލަތަށް ފަރުވާތެރިވެ ސަމާލުވާނެ ނިކަމެތި ރައްޔިތަކު ހުންނާނެބާއޭ ސުވާލު އުފެދެއެވެ. އަމިއްލަ ހާލައިގެން ނޫޅެވިގެން އުޅޭ އިރު، ގައުމާމެދު ވިސްނުމުގެ ހިޔާލެއް ފިކުރެއް ރައްޔިތުންގެ ހުންނާނެތޯއެވެ؟ ކަރަންޓުގެ އަގު އެހާ ބޮޑުވެފައި، ބިލު ހަދާގޮތެއް، ހެދޭ ގޮތެއް ނޭނގިފައި ވާނުވާގައި ރައްޔިތުން ތިބޭ ހާލު، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައި، ބޭސްފަރުވާއަށް އަދިވެސް ސަލާން ޖަހަން ޖެހިފައި، ގަވާއިދުންކާ ބޭސްކޮޅު ނުލިބިފައި، ލުއިލޯނުގެ ބުރަކަން ބުރިކަށިމަތިން ނުފިލާ ހާލު، މަސް ދެބައި ނުވަނީސް މުސާރަކޮޅު ހުސްވެފައި ތިބޭހާލު ގައުމާއި މެދު ފިކުރެއް ކުރަން ރައްޔިތަކަށް އަވައްޖެއް ވާނެބާއެވެ؟ ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ، ތިމާ ގައުމަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަން ބުނާ ބުނުމަކީ ޒަމާނުއްސުރެ ބުނެ އުޅޭ ބުނެމެކެވެ. އެކަމަކު، މިއަދު ގައުމު އެބަޔަކަށްޓަކައި އެތަކެއް ކަމެއް ކޮށްދީ، ގައުމުގެ ނުރުހުމުގައި ގައުމުގެ ނާޖާއިޒު ފައިދާ ނަގަމުން ދުނިޔޭގެ އުފާވެރިކަން މިލްކު ކުރަމުންދާ ބަޔަކު، ނިކަމެތި ރައްޔިތު މީހާ ކުރެން މިފަދައިން ބުނުމުން ރައްޔިތުންގެ ގާތަށް އަންނާނީ ރުޅިއެވެ. ބަޔަކު ނުހައްގުން މުއްސަނދިވާ ކަމާއި ވައްކަމާއި ކޮރަޕްޝަނުގެ ފައިސާއިން ގައުމު ދަވާލާކަމީ މިއަދު ރައްޔިތުން ގަބޫލުކުރާ ބޮޑު ހަގީގަތެކެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މިކަން މިމަގުން ހިނގާ ކަމީ ހަމަ އެއްމެން ދަންނަ ހަގީގަތެކެވެ. ވީއިރު، ސުވާލަކީ މި ގައުމާއި މެދު ވިސްނާނޭ ނިކަމެތި ރައްޔިތަކު ހުންނާނެތޯއެވެ؟
އާދޭހެވެ! އަމިއްލަ ހާލައިގެން ނޫޅެވިގެން އުޅޭ އިރު، އަމިއްލަ ހާޖަތްތައް ނުފުދިގެން ތިބޭއިރު، ސިޔާސީ ވެރިން ގައުމު ކައި ހުސްކުރާއިރު، ގައުމު ސިޔާސީވެރިންނަށް ކާންދީ އުޅޭއިރު، ނިކަމެތި ރައްޔިތު މީހާއަށް މުހިއްމު ވާނީ، އޭނާއަށް ކާންދޭ އަތެއް ނޫންތޯއެވެ! ފަހަރުގައި ދިވެހި އާއްމު ރައްޔިތުންނަށް މިއަދު، ގައުމަށް ވުރެ ތެމޫ މުހިއްމު ވެދާނެއެވެ. ގައުމުގައި 1000 ރުފިޔާއަށް ލިބޭ އެއްޗެއް، ތެމޫގައި 50 ރުފިޔާއަށް ހުރުމުން، ނިކަމެތި ރައްޔިތު މީހާއަށް މިއަދު މުހިއްމު ވާނީ ތެމޫއެވެ. އެހެނީ ކުރިން ދެންނެވިހެން، ގައުމުގެ މާލިއްޔާއިން ކައިގެން ބޮއެގެން، އަޗާތަޅާ އުޅޭ ބަޔަކު އުޅޭކަން ރައްޔިތުންނަށް މިއަދު ޔަގީންވާތީއެވެ.
ނިކަން ދެކޭށެވެ! އިސްވެ ބުނެވުނު ހަބަރުގެ ކޮމެންޓު ސެކްޝަނުގައި ރައްޔިތުން މުޅިންހެންވެސް ލިޔެފައި ހުރީ ރައްޔިތުންނަށް މުހިއްމީ ތެމޫ ކަމުގައެވެ! ކީއްވެގެން ހެއްޔެވެ؟ ހުއްބުލްވަޠަން ނެތީ ކީއްވެ ހެއްޔެވެ؟ މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްތެވެ؟ އަޅުގަނޑުހިތުން މިކަމުގެ ޒިންމާ، ރާއްޖޭގެ ހުރިހާ ސަރުކާރުތަކުން ނަގަން ޖެހޭނެއެވެ. ރައްޔިތުން ގައުމި ދެކެ ފޫހި ކުރުވީ ހަމަ ތިޔަ ވެރިންނެވެ. މިއަދު ދިވެހިންގެ މެދުގައި ދިވެހި ގައުމަށްވުރެ، ފަރަންޖީ އެބްސައިޓެއްގެ އަގުވެސް މާ ބޮޑުވެއްޖެވެއެ! މިއީ ވިސްނާލުން މުހިއްމު ކަންކަމެވެ.