ޖޫން މަސް ނިމުނުއިރު 140,000  އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޖޫންމަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %15 ކުރިއެރުމެއް ކަމަށެވެ.

އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު ރާއްޖެއަށް 1،108،130 ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.1 އިތުރުވުމެއް ކަމަށް ވެސް ބުނެއެވެ.

ފުރަތަމަ 6 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.4  ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.5 ފަތުރުވެރިންނެވެ. އަދި %2.8 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ. 

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު އައު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.