ރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު، ބިންކުޑަ އަދި އާބާދީ މަދު ޤައުމެކެވެ. ނަމަވެސް، މިފަދަ ކުޑަ ޤައުމެއްގައިވެސް އެއްގަމުގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްސަކޮށް މި ފަހަކަށް އައިސް، މިފަދަ އެތައް އެކްސިޑެންޓުތަކެއްގެ ވާހަކަ މީސްމީޑިޔާގެ އެކި ޕްލެޓްފޯމުތަކުގައި ދެކެވެމުންދާތީ، މިއީ ގިނަ ބަޔެއްގެ ކަންބޮޑުވުން އުފެދިފައިވާ މައްސަލައެއްކަން އެނގިގެންދެއެވެ.

މި ހިނގާ އެކްސިޑެންޓުތަކަށް ބަލާއިރު، ވެފައި ހުންނަނީ ހަޤީގަތުގައިވެސް ވެގެން ނުވާނެފަދަ އެކްސިޑެންޓުތަކެވެ. މި ގިނަ އެކްސިޑެންޓުތަކުގެ ފަހަތުގައި އޮންނަ އެއް ސަބަބަކީ، އުޅަނދު ދުއްވާ ފަރާތްތަކުގެ ކަންފަސޭހަ ކަމާއި ފަރުވާކުޑަކަމެވެ. މަގުމަތީގެ ޤަވާއިދުތަކަށް ބޯނުލެނބޭތީ، އަދި އެއްވެސް އިރެއްގައި އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަން ނުދެވޭތީ މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވެއެވެ.

މީގެ އިތުރުން، ބައެއް ފަރާތްތަކުން އުޅަނދު ދުއްވުމުގައި ފޮނިކެނޑުމާއި ބޮޑާކަން ދެއްކެން އުޅުމުގެ ސަބަބުންވެސް އެކްސިޑެންޓު ހިނގާކަންވެސް ފާހަގަކުރެވެއެވެ. ބާރަށް ދުއްވުމާއި ދަތި ތަންތަނުން ދެމިގަތުމާއި މޮޅެތިހާ ވައްތަރުތައް ޖެއްސުމަކީވެސް އަމުދުން މާ މޮޅު ކަމެއް ކަމުގައި ދެއްކެން އުޅޭ މީހުންގެ ސަބަބުން ހިނގާ އެކްސިޑެންޓުތައްވެސް މަދެއް ނޫނެވެ. އަނެއް ބަޔަކީ މަސްތުގެ ހާލުގައި "ހޭކެނޑިގެން" ތިބޭ ހާލު އުޅަނދު ދުއްވާ މީހުންނެވެ. މިފަދަ ހާލަތްތަކުގައި ޚުދު އެމީހުންނަށާއި، މަގުމަތީގައި ދުއްވާ އެހެން ފަރާތްތަކަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑެތި ނުރައްކާތައް ކުރިމަތިވެއެވެ. މިފަދަ އެކްސިޑެންޓުތަކުގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ގެއްލުންވެ، ދިރިއުޅުމުގެ ބޮޑެތި ބަދަލުތައް އަންނަކަން ފާހަގަކުރެވެއެވެ.

މިފަދައިން ހިނގާ އެކްސިޑެންޓުތަކުގެ ވާހަކަ ދެކެވެން ފަށައިފިނަމަ، އަބަދުވެސް އުފެދޭ އެއް ސުވާލަކީ، މިއީ ލައިސަންސު އޮތުމާއި ނެތުމާ ގުޅުން ހުރި ކަމެއްބާއެވެ؟ އެހެނީ، އެކްސިޑެންޓެއް ހިނގައިފިނަމަ، ކުށްވެރިވަނީ އަބަދުވެސް ލައިސަންސު ނޯންނަ މީހާއެވެ. ޚަބަރުތަކުގައި ނުވަތަ މީސްމީޑިޔާގައި ވާހަކަ ދެކެވޭއިރު، ނަންގަނެވޭނީވެސް އޭނާއެވެ. ލައިސަންސެއް ނެތުމަކީ ޤަވާއިދާ ޚިލާފު ކަމެކެވެ. ނަމަވެސް، ލައިސަންސު އޮތް ކިތައް މީހުން ކަންފަސޭހަކަމުންނާއި، ފަރުވާކުޑަކަމުން، ނުވަތަ މަސްތުގެ ހާލުގައި ވުމުން އެކްސިޑެންޓުތައް ހިންގާފައިވާނެ ބާވައެވެ؟

މިކަންކަމަށް ބަލާއިރު، ލައިސަންސެއް ނެތުމަކީ ބޮޑު މައްސަލައެއްކަން ކަށަވަރެވެ. އެހެނަސް ހަމައެކަނި ލައިސަންސެއް ނެތުމަކީ އެކްސިޑެންޓު ގިނަވުމުގެ މައިގަނޑު ސަބަބުކަމުގައި ބުނެވޭނެ ހެއްޔެވެ؟ އެހެންކަމުން، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހަމައެކަނި ލައިސަންސު ނެތް މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މަގުމަތީގެ ޤަވާއިދުތަކާއި ހިލާފަށް، އަދި އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅަން ޖެހޭނެއެވެ. އާދޭހެވެ! ހަރުކަށި ފިޔަވަޅުތަކެވެ. އަދި ރައްކާތެރިކަމުގެ ހެޔޮ އާދަތައް އަށަގަންނުވައި، ކޮންމެ މީހަކުވެސް ޒިންމާދާރުކޮށް އުޅަނދު ދުއްވުމަށް ހިތްވަރު ދިނުމަކީ، މިފަދަ ހިތާމަވެރި ހާދިސާތަކުން އަޅުގަނޑުމެން ސަލާމަތްވެވޭނެ އެންމެ ރަނގަޅު ގޮތެވެ. ހަގީގަތަށް ބުނާނަމަ، ތެދުތެދަށް ބުނާނަމަ މިއީކީ ލައިސަންސު އޮތުމާ ނެތުމާ ގުޅުން ހުރި ކަމެއް ނޫނެވެ!