ޓެކްނޮލޮޖީ ކުންފުނި، އެޕަލްއިން އެކުންފުނީގެ މެކްބުކްގެ އައު އަގުހެޔޮ ވާޝަނެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މަސައްކަތް ކުރަމުންދަނީ އާންމުކޮށް އެކުންފުނިން އުފައްދާ ތަކެއްޗަށްވުރެ އަގުހެޔޮ ޕްރޮޑަކްޓެއް ނެރުމަށެވެ. މި ޑިވައިސްގައި އޭ18 ޕްރޯ ޗިޕް ހިމެނޭނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓްކޮށްފައިވެ އެވެ. ކުރިއަށް ނެރޭ އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އިން ފެންނަ އެޑްވާންސް ޕްރޮސެސަރު މި މެކްބުކްގައި ހިމެނޭނެ ކަމަށް އެޕަލް އިން ބުނެފައި ވެއެވެ.


އެނަލިސްޓް މިންގް-ޗީ ކުއޯ ބުނި ގޮތުގައި އާ ޑިވައިސްއަށް ކަރަންޓް ދޭނީ އެޕަލްގެ އެމް ސީރީޒް ޗިޕްތަކުން ނޫން ކަމަށާއި އޭ18 ޕްރޯ ޕްރޮސެސަރުންނެވެ. ބަޖެޓް ކުޑަ މި މެކްބުކް ނެރޭނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ކުއޯ ބުނާ ގޮތުގައި އަގުހެޔޮ އެޕަލް މެކްބުކްގައި 13 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބުނެވެ އެވެ. މި ޑިވައިސްގެ މާސް ޕްރޮޑަކްޝަން މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ނުވަތަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށާނެ ކަމަށް ބެލެވޭއިރު، 2026 ވަނަ އަހަރުގެ ކޮންމެވެސް ދުވަހަކުން ރިލީޒް ކުރެވޭނެ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ އެނަލިސްޓުން ލަފާކުރެއެވެ. މި އާ މެކްބުކް ވިއްކަން ފަށާނެ އަގަކީ 699 ޑޮލަރާއި 799 ޑޮލަރާ ދެމެދުގެ އަގެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް ފަންނީ މާހިރުން ލަފާކޮށްފައިވެ އެވެ.