އެ މާޒީ ކިހާ ރީތި ހެއްޔެވެ؟ މި ސުވާލަކީ، އަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ހިތްތަކުގައި އަބަދުވެސް އުފެދެމުންދާނެ ސުވާލެކެވެ. ޚާއްޞަކޮށް މާޒީ ދުށް، އެ ޒަމާނުގެ ފޮނިކަން ތަޖުރިބާކުރި މީހުންނަށް މި ސުވާލުގެ ޖަވާބު ސިފަވަނީ ނުހަނު ރީތިކޮށެވެ. އާދެ، އެއީ ބޮލުގެ ރިހުންތަކާ، ހިތަށް ދޭ އުނދަގޫތައް ނުހަނު މަދު ޒަމާނެކެވެ. ދިރިއުޅުމުގެ ކަންތައްތަކުގައި ބޮޑެތި ފިކުރުތަކާއި ކަންބޮޑުވުންތަކާއި، މޮޅިވެރިކަމަކީ އެދުވަސްވަރުގެ މީހުންނާ މުޅިން ނުގުޅޭ ސިފަތަކެކެވެ.

ޤުދުރަތުގެ ޠަބީޢީ ހިމޭންކަމުގެ ހިތްގައިމު އަޑުތަކާއި، ޖިސްމުގައި އަޅައިގަންނަ ހިތްގައިމު ފިނިފިނި ވައިރޯޅި އާއެކު، ރިޔަލާއި ފަލި ބޭނުންކޮށްގެން ކަނޑު ދަތުރުތައް ކުރި ޒަމާނަކީ އެ މާޒީ ދުށް ކޮންމެ މީހަކުވެސް ފަޚުރާއެކު އެ ވާހަކަ ދައްކާލާ ހިތްވާނެ ވާހަކައެކެވެ. އެ ޒަމާނުގެ ކޮންމެ ދުވަހަކީވެސް ސާދާ، ހިމޭން އަދި ހަމަޖެހުން އޭގެ އެންމެ މަތީ ދަރަޖައަށް ލިބިގަނެވޭ ދުވަހެކެވެ. އަޅުގަނޑުމެންގެ މުނިކާފަޔާ، ކާފައާއި ބައްޕަ، މަންމައާއި، މާމަ އާއި މުނިމާމަ ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއީ ފިކުރުކުރާ ކަންބޮޑުވުމާ މާޔޫސްވުން ނެތް ޒަމާނެކެވެ.

ހިތްތަކުގައި ރުޅިވެރިކަމެއް، މޮޅިވެރިކަމެއް، ހަސަދައެއް ނެތް ޒަމާނެކެވެ. މީސްމީހުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެފައި، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަމާއި ކުލުނު ފެންނަން ހުންނަ ޒަމާނެކެވެ. އެކަކު އަނެކަކުގެ މައްޗަށް ޝަހުވަތެއް، ހަސަދައެއް ނުބާއްވައި، ހިތްތަކުގައި އަބަދުވެސް އޮންނަނީ ޞާފުކަމާއި ހިމޭންކަމެވެ. ނަފުސުގައި އަބަދުމެ ހިތްހަމަޖެހުމުގެ މާތައް ފޮޅި، އެ ގުލްޒާރުގައި މީރުވަސް އަބަދުވެސް ދުވަމުން ދިޔަ ޒަމާނެކެވެ. އުފަލާއި ހިތްހަމަޖެހުން ކޮންމެ މީހެއްގެ ފަރާތުންވެސް ފެންނަމުން ދިޔައެވެ.

އެ މާޒީއަކީ ހަމަޔަޤީނުންވެސް ނުހަނު ރީތި މާޒީއެކެވެ. އާދެ، އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަމާންކަން އެންމެ ފުރިހަމައަށް ލިބުނު ޒަމާނެކެވެ. އެފަދަ ހިތްގައިމު މާޒީއެއް އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ދިރިގެންވާނެއެވެ. ހިތާމަ އަކީ އެ މާޒީ ނުދެކޭ ބަޔަކަށް އެ މާޒީގެ ފޮނި މީރުކަން އިހުސާސް ނުކުރެވޭނެކަމެވެ. ހަމަ ޔަގީނުންވެސް އެދުވަސްތަކެއް އެނބުރިއެއް ނާންނާނެއެވެ. އެއީ މާޒީއެވެ. އެ ސަފްހާތައް މިއަދު ވަނީ ލައްޕާލާފައެވެ.