ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް "ޓޫއޮފް އަސް" ބޭންޑް ހޮވައިފިއެވެ.
އެމްއެމްޕީއާރްސީން ބުނީ މޯލްޑިވްސް ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ސަގާފީގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށްގެން ބާރުވެރިކުރުވުންކަމަށެވެ.
ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖެއްސީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާރފޯމަންސްތައް ހިމެނޭހެން ހުރިހައި ޝޯއަކާއި އިވެންޓެއްގައި މި ބޭންޑުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރަމުންދާނެކަމަށެވެ.
މީގެއިތުރުން ސެޕްޓެމްބަރ މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19" ގައި އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތުވެސް ޓޫ އޮފް އަސްއަށް ވަނީ ލިބިފައެވެ. މި ހުރިހައި ޤައުމެއްގައިވެސް އެ ބޭންޑުން ރާއްޖެ އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.
ޓޫ އޮފް އަސް އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ޑެސްޓިނޭޝަން އިނިޝިއޭޓިވްސް ފުޅާކޮށް ރާއްޖެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމާއި ލޯކަލް ކްރިއޭޓިވް ކޮމިއުނިޓީއާއި ދެމެދު ގުޅުންބަދަހިކުރުމަށް އެ ކުންފުނިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
