އެހާމެ ބުރަ މަސައްކަތުން މޭކަޕްކޮށްފައި ގެއިން ބޭރަށް ދާއިރު މޭކަޕް ގަނޑުގަނޑަށް ހުންނަ ތަން ފެނޭތޯއެވެ؟ މި ހިތްދަތިކަން އިހުސާސްކުރަން ޖެހެނީ ކީއްވެގެންކަމާއި ދޭތެރޭ އެެއްވެސް އިރަކު ވިސްނާލިންތޯއެވެ؟ މާ އަވަސް އަރުވައިގެން މޭކަޕް ކުރީމާ ލިބުނު ލަނޑެއްތޯއެވެ؟ އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. ކިތަންމެ އަވަސް އަރުވައިގެން ކުރާ މޭކަޕެއްވެސް ގިނައިރު ވަންދެން ފޭޑް ނުވެ، ނުވަތަ ހަޑިނުވެ ހުރެދާނެއެވެ. އެކަމަށް ބޭނުންވަނީ ހަމަ އެންމެ ފަންޑިތައެކެވެ. އެއީ ތަރުތީބު މަގުން މޭކަޕް ކުރުމެވެ. މިހާރަކަށް އައިސް އެހާ ބައިވަރު ޓިއުޓޯރިއަލްސް ނެޓުން ލިބެން ހުންނައިރު ހަގީގަތަކީ ކޮބާކަމާއި ދޭތެރޭ ދެ ހިޔާލު އުފެދޭތޯއެވެ؟ މި ލިޔުމުގައި އަަހަރެމެން މި ބަލާލަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހުދާ ކައްޓަން މޭކަޕްކުރަން ގެންގުޅޭ ތަރުތީބަށެވެ.

1- ރަނގަޅަށް މޫނު ދޮވުން

ރަނގަޅަށް މޫނު ދޮވެ މޫނުގައި ހުންނަ ތެޔޮ ފިލުވުމުން މޭކަޕް 'ބޭސް' ނުވަތަ ފައުންޑޭޝަނާއި ކޮންސީލާ ރަނގަޅަށް 'ސެޓް' ވާނެއެވެ. އޭރުން ފައުންޑޭޝަން ގަނޑުގަނޑަށް ނުހުންނާނެއެވެ. ދެން އެއަށްފަހު މޮއިސްޒަރައިޒާއާއި ސީރަމް އުނގުޅާށެވެ.

2-  ކޮންސީލާ 

ކޮންސީލަރ ލޯ ކައިރިއާއި ނޭފަތުގެ ކޮޅުގައި، އަނގައިގެ ބޭރު ކަނުގައި، އަދި ކޯތާފަތުގެ ދަށުގައި އުނގުޅާށެވެ. އަބަދުވެސް މައްޗަށްވާ ގޮތަށް ކޮންސީލާ އުނގުޅާލުމަށްފަހު، އިނގިލިތައް ބޭނުންކޮށްގެން މަޑުމަޑުން ބްލެންޑް ކުރާށެވެ. ކޮންސީލާއެއް ބޭނުންކުރާއިރު ތިބާގެ ހަމުގެ ކުލައާއި ވީހާވެސް ކައިރި ކުލައެއް ހޯދަން އިހްތިޔާރުކުރާށެވެ. އަދި ލޯ ކައިރީގައި މާ ގިނައިން ކޮންސީލާ ނުހާކަން ސަމާލުވާށެވެ. އެއަށްފަހު، ކޮންސީލާގެ ތެތްކަން ރަނގަޅަށް ކެނޑެންދެން 2-3 މިނެޓް ވަންދެން އިތުރު އެހެން އެއްޗެއް މޫނުގައި ނުއުނގުޅާށެވެ. 

3- ސެޓިން ޕައުޑާ

ގިނައިރުވަންދެން ކޮންސީލާގެ އަސަރު ނުކެނޑުވުމަށްޓަކައި ސެޓިން ޕައުޑަރއެއް ބޭނުންކުރާށެވެ. ފުށްމާގަނޑެއް ބޭނުންކޮށްގެން ސެޓިން ޕައުޑަރ، ކޯތާފަތާއި ލޯކައިރީގައި ހާކާށެވެ. އަދި ދަތްދޮޅީގެ މެދާއި ނިތްކުރީގެ މެދުގައިވެސް ހާކާށެވެ. އެއާއެކު، ކޮންސީލާ ހާކާފައިވާ ހުރިހާ ތަނެއްގައި ސެޓިން ޕައުޑަރ ހާކަންވާނެއެވެ. 

4- ތުންފަތުގެ މޭކްއަޕް

ތުންފަތުގެ މޭކަޕް ގިނައިރުވަންދެން ތާޒާކަންމަތީ ހުންނާނީ ހަމައެކަނި ލިޕްލައިނަރ ނުވަތަ ލިޕްބާމްއިން އެކަންޏެއް ނޫނެވެ. މޫނެކޭ އެއްގޮތަށް ފުރަތަަމަ ތުންފަތުގައިވެސް މޭކަޕް ހާކަންވާނީ 'ބޭސް' ރަނގަޅަށް ސާފުކުރުމަށްފަހުއެވެ. ލިޕް ސްކްރަބެއް ބޭނުންކުރުމަށްފަހު ތުންފަތް ފޮހެލާށެވެ. ދެން ތުންފަތުގައި ބޭނުންކުރަންވާނީ 'ނޫޑް' ނުވަތަ މުށި ކުލައިގެ ފަންސުރެކެެވެ. ދެން މުޅި ތުންފަތުގައި އެކުލަ ޖައްސާށެވެ. އޭރުން ލިޕްސްޓިކްގެ ކުލަ ފޭޑްވިޔަސް ލިޕް ލައިނާގެ ކުލަ ހުންނާނެއެވެ.