ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވާް ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ މިއީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. އަދި ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ ކަމަށެވެ.

މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވުމެވެ. އަދި ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުމެވެ.

މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒެވެ.

މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ސްޓެލްކޯ އިން ވަނީ ޝުކުރުއަދާކޮށްފައެވެ.