މިއީ ދިވެހިންނެވެ. ދިވެހި ގައުމަށް އުފަން، ދިވެހި ބަހުން މޮށެ އުޅޭ ދިވެހިންނެވެ. ދުނިޔެއަށް އިޝްތިހާރުވެ މަޝްހޫރުކަން ހޯދަން ބޭނުންވާ ދިވެހިންނެވެ. އެކަމަކު ހައިރާންވާން ޖެހޭކަމަކީ މިއީ ދިވެހިންނަށް ވާން ބޭނުންނުވާ ދިވެހިންތަކެއް ކަމުގައި ވާތީއެވެ. އޮތިއްޔާ އޮތްކަމަކުން ދިވެހިންގެ އަސްލުވަންތަކަން ގެއްލުވާލާ ނަގާލަނީއެވެ. ދިވެހިންގެ ދިވެހި ވަންތަކަން އެއީ އަދި މާ "ރަނޑު" ކަމެއް ކަމަށް ދެކި، އެގޮތްތައް ދޫކޮށްލަން ފަށައިފިއެވެ. އާނއެކެވެ! މިއަދު އަނެއްކާ މިއޮތީ އެހެން މައުލޫއެއް ފެންމަތިވެފައެވެ. ދިވެހި ރުކުގެ ވާހަކައެވެ!
ދިވެހިން ދިވެހި ރުއްތައް ކަނޑާ އުކާލާ ވާހަކައެވެ. ދިވެހި ރަށްރަށުގެ މަލަ މައްޗާއި މޫނުމައްޗާއި ހޭޅިފަށުގައި ހުރިއްޔާ ހުރި ރުކެއް މުލުން ލުހެލާ ވާހަކައެވެ. ހުސްބިމެއްގައި ގަހެއް ރުކެއް އިންދިޔަސް، ދިވެހި ރުކެއް ނަމަނަމަ ނުޖަހާ ވާހަކައެވެ. އަޖައިބެއް ފަހެނުވާނެ ހެއްޔެވެ؟ ދިވެހި ގައުމީ ގަހަކީ ދިވެހި ރުކޭ ކިޔާތީ އަޑު އަހަމެވެ. އެކަމަކު މިއަދު ދިވެހި ރުކަށް، ފެންކައްކާ ބޮލީގެ އިއްޒަތްވެސް ނޭރުވީއެވެ.
ބުނާތީ އަޑު އެހީމެވެ. މާ މޮޅު ފަރަންޖީއަކު ބުނިކަމުގައި ވިއެވެ. ރަށެއްގައު ހެދި ރުއްފަލަކަށް ނިސްބަތްކޮށް މަލާމާތްކޮށް އެ ރުއްތަކުގެ ބަޅުކަމުގެ ވާހަކަ ދެއްކިއެވެ. އެއަށްފަހު މާ މޮޅު ގޮތެއްކަމުގައި ބުނެ ތެދަށްހުރި ކަދުރު ރުއްތަކެއްގެ ފޮޓޯ ދެއްކިއެވެ. އެހާރުން ދިވެހިންނަށްވެސް ދިވެހި ރުއް ހަޑިވެއްޖެއެވެ. ކަދުރު ރުއް މާ ކަމުގޮސްފިއެވެ. ދިވެހިންނަށް ދިވެހި ރުއް ކަމުނުދިޔައީ ބަޅުލާތީޔޯލައެވެ.
އާނއެކެވެ. މަދު ރުކެއް ނޫނީ ތެދަށް ނުހެދެއެވެ. ބަޅުލުމަކީ އަޅެ ހުތުރުކަމެއް ހެއްޔެވެ. އެއަކީވެސް މިޔަކީވެސް ގުދުރަތުގެ އަޖައިބުކުރަނިވި ގާނޫނުގެ ތެރެއިން ތަރުތީބުވެ ހިނގާ ކަންކަން ވިއްޔާއެވެ. ދިވެހި ރުއް ބަޅުލާ ހެދޭ ހެދުމަކީ އަޅެ ކިހާ އަޖައިބު ކުރަނުވި، ރީތި ކަމެއް ހެއްޔެވެ؟ ގުދުރަތުގެ ކިހާ ފުރިހަމަ ފަރުމާއެއް ތޯއެވެ.
އެހެނަސް ނިކަން ދެކެބަލާށެވެ! ބަޅުލާތީއޭ ކިޔާފައި ދިވެހިންނަށް ދިވެހި ރުއް ކަމުނުދާން ފަށައިފިއެވެ. ފަނާއި ފުޅައްޕާއި ކާށި ވެރޭތީ އެވެސް ތުރާލަކަށް ވެއްޖެއެވެ. ދިވެހި ރުއް މަތިން މުޅިން ފޫހިވެއްޖެއެވެ. ބަޔަކު ބުނާތީ އަޑު އިވެއެވެ. ގައުމީ ނިޝާނުގައިވެސް އެ ފެންނަނީ ކަދުރު ރުކެކެވެ. އެހާމެ ތެދެވެ. ފަންތަކުގެ ސިފަވެސް ވަސްތަރެވެ. މާލެއާއި ހުޅުލޭގެ މަލަމަތިން މިއަދު ފެންނަނީ ކަދުރު ރުކެވެ. އެއީ މާލެއެވެ. މާލޭގައި ހުންނާނީ މޮޅުވީމައެވެ. ދެން އަންނާނީ ރަށްރަށަށެވެ. ދެލޯފުޅާ އަންނާކަށް ނެތެވެ! އައިސްފިއެވެ. ރަށްރަށުގައިވެސް ދިވެހި ރުކަށްވުރެ، ކަދުރު ރުކަށް ލޯބިކުރާ މީހުން އިންތިހާއަށް ގިނަވެއްޖެއެވެ. ދިވެހި ރުއް ބަޅުކޮށް ގުދުކޮށް ހެދޭތީއެވެ.