ޖޫން 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.63 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %27.0 އިތުރު އދަދެއް ކަމަށެވެ. އަދި، ޖޫން 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.4 އިތުރު އަދަދެއް ކަމަށެވެ.
ޖޫން 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއިއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމާއި ގުޅިގެންނެވެ. މިއީ، ޖޫން 2024 އާ އަޅައިބަލާއިރު ޖޫން 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %13.1 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ޖޫން 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.
ޖޫން 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %10.4 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ބޭންކް އިންކަމް ޓެކުހާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީގެ 16.7% އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 960.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 634.0 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި 403.1 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 163.3 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިއަން ރުފިޔާ އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 133.1 މިލިއަން ރުފިޔާ (%5.1) ބަލައިގަނެފައިވެއެވެ.
ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 116.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
