ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާ އެންމެ ބޮޑަށް އެދޭ އެއް ކަމަކީ މުދާވެރިކަމާއި ތަނަވަސްކަމެވެ. އެހެންކަމުން، މުދާ ހޯދުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް، މުދާ އިތުރުވުމުގެ ހަޤީޤީ ސިއްރަކީ ކޮބައިކަން އެނގޭނީ، އިސްލާމީ އަގީދާގެ އަލީގައެވެ. މުދާ އިތުރުވުމަކީ ހަމައެކަނި ފައިސާ ނުވަތަ މާއްދީ ތަކެތި އިތުރުވުމެއް ނޫނެވެ. ބަރަކާތް ލިބިގެންވާ ތަނަވަސްކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުގައި ހޭދަކުރުމުން ލިބިގެންދާ ނިޢުމަތެކެވެ.

އިންސާނުންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ، މުދާ ޚަރަދުކުރުމަކީ އެ މުދަލުން މަދުވުން ކަމަށެވެ. ނަމަވެސް، އިސްލާމްދީން މިކަމަށް ބަލަނީ މުޅިން ތަފާތު ނަޒަރަކުންނެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ މަގުގައި ހޭދަކުރާ މީހުންގެ މުދާ އިތުރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. 

﴿261﴾ مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ. މާނައީ: اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (އަލް ބަޤަރާ 261 ވަނަ އާޔަތް)

މި އާޔަތުން ދޭހަވަނީ، ހޭދަކުރާ ކޮންމެ ދިރްހަމެއް ނުވަތަ ދިނާރެއް، އެތައް ގުނައަކަށް އިތުރުވެ، އޭގެ ބަރަކާތް ލިބޭނެ ކަމެވެ.

ޒަކާތަކީ މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިފައިވާ އަޅުކަމެކެވެ. މިއީ މުދާ ޠާހިރުކުރުމުގެ ވަސީލަތެކެވެ. ޒަކާތްދިނުމުން މުދަލަށް ބަރަކާތް ލިބި، ތަނަވަސްކަން އިތުރުވެއެވެ. މީގެ އިތުރުން ޞަދަޤާތް ދިނުމާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމާއި، ޢިލްމުވެރިންނަށާއި، ދީނީ މަދަރުސާތަކަށް އެހީވުމާއި، މިސްކިތްތައް ބިނާކުރުމާއި، މުސްލިމު އުންމަތަށް ފައިދާކުރާ ކޮންމެ ކަމަކަށް ޚަރަދުކުރުމަކީ ﷲ ގެ މަގުގައި ކުރެވޭ ހޭދައެކެވެ. ކުޑަ ކަމަކުން ނަމަވެސް، ހިތުގެ އިޚްލާޞްތެރިކަމާއެކު ޚަރަދުކުރާ ކޮންމެ ދިރްހަމެއް، ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވެއެވެ.

ﷲ ގެ މަގުގައި ހޭދަކުރުމުން ލިބޭ ފައިދާތައް ހަމައެކަނި މާއްދީ ތަނަވަސްކަމަށް ލިބޭ ބަރަކާތްތަކަށް ނިސްބަތްނުވެއެވެ. އެންމެ ބޮޑު ފައިދާއަކީ ހިތަށް ލިބޭ ހަމަޖެހުމާއި، އަމާންކަމެވެ. ﷲ ގެ މަގުގައި ހޭދަކުރާމީހާގެ މުދަލުން ބަރަކާތް ލިބުމުގެ އިތުރުން، އެމީހެއްގެ ޢުމުރާއި، ޞިއްޙަތާއި، ޢާއިލާއަށްވެސް އެ ބަރަކާތް ފޯރައެވެ. އަދި އާޚިރަތުގައި ލިބޭނެ މަތިވެރި ދަރަޖަތަކާއި، ސަވާބުވެރިކަމަކީ މި ދުނިޔޭގެ މުދާވެރިކަމަށްވުރެ މާ މަތިވެރި ނިޢުމަތްތަކެކެވެ. ހޭދަކުރުމަކީ މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށްދޭ ކަމެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، ބޭނުންޖެހިފައިވާ މީހުންނަށް އަތްފޯރުވައިދިނުމަކީ އިސްލާމީ މުޖުތަމަޢެއްގެ ރީތި ސިފައެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، މުދާ އިތުރުވުމުގެ ހަޤީޤީ ސިއްރަކީ، އެ މުދާ ﷲ ގެ މަގުގައި ހޭދަކުރުމެވެ. ދުނިޔޭގެ ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، އާޚިރަތް ބާއްޖަވެރިކުރުމުގެ މަގުގައި މުދާ ހޭދަކުރުމަކީ، މުސްލިމު އުންމަތުގެ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ﷲ ގެ މަގުގައި ދީލަތިކަމާއެކު ހޭދަކުރުމުން، ދުނިޔޭގައި ބަރަކާތްތެރިކަމާއި ތަނަވަސްކަން ލިބި، އާޚިރަތުގައި މަތިވެރި ސަވާބު ލިބިގެންދާނެއެވެ. އެހެންކަމުން، މުދާ އިތުރުކުރުމުގެ ހަޤީޤީ ގޮތްދެނެގަނެ، ދީލަތި އަތްތަކެއްގެ ވެރިންނަށް ވަމާތޯއެވެ!