ޓީވީ، މޯބައިލް ފޯނު، އައިޕެޑް އަދި ޓެބްލެޓް ފަދަ ވަސީލަތްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ އާންމު ބަޔަކަށްވެ، އެއާއި ނުލައި ދިރިއުޅުން ފުރިހަމަނުވާފަދަ އެއްޗަކަށް މިހާރު މިވަނީ ވެފައެވެ. އުނގެނުމަށާއި، މުނިފޫހިފިލުވުމަށާއި އަދި އެކަކު އަނެކަކާ މުޢާމަލާތުކުރުމަށް އެންމެންވެސް މިހާރު ބަރޯސާވަނީ ސްކްރީނަށެވެ. މި ވަސީލަތްތަކަކީ އޭގެ ޒާތުގައި ފައިދާތަކެއް ހުރި އެއްޗެއް ނަމަވެސް، މާ ގިނައިން ބޭނުންކުރެވޭނަމަ އެއިން ނުރަނގަޅު އަސަރު ކުރާނެ ތަކެއްޗެވެ. ވަކިން ޚާއްޞަގޮތެއްގައި ކުޑަކުދިންނަށް މިފަދަ ވަސީލަތްތަކުން ކުރާ އަސަރުތައް ވަރަށް ބޮޑެވެ.
އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން، އެކުދިންގެ އިޖުތިމާޢީ ގުޅުންތައް ހީނަރުވެ، އެހެން މީހުންނާއި ގުޅުން ބަދަހިކުރުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ. ހަމަ އެއާއެކު އެހެން މީހުންނާ ކުރިމަތިލާ މުޢާމަލާތުކުރުމަށް ކުދިންނަށް އުނދަގޫވާ ހާލަތްތަކަށް ވެސް ސްކްރީން ޓައިމް މާ ގިނަކުރުމުގެ ސަބަބުން މެދުވެރިވެގެންދެއެވެ.
މިގޮތުން، މައިންބަފައިންގެ ހައިސިއްޔަތުން ކުދިންގެ ދިރިއުޅުމުގައި 'ސްކްރީން ޓައިމް' މަދުކުރުމަށް ކުރެވިދާނެ ކަންކަމަށް ބަލައިލަމާހެއްޔެވެ.
ދަރިފުޅު އާންމުކޮށް ހުސްވަގުތު ހޭދަކުރަނީ ގޭތެރޭގައި ސްކްރީނުތަކުގެ ކުރިމަތީގައިނަމަ، އެކުދިންނަށް ބޭރުގެ ހަރަކާތްތަކަކީ ކިހާ މަޖާ އަދި އުފާވެރި ކަމެއްކަން ދައްކައިދިނުމަށްޓަކައި ކުދިން ގޮވައިގެން ހަފްތާއަކު ދެ ފަހަރު ނަމަވެސް ބޭރަށް ނުކުމެލާ ހަދާލާށެވެ. އެގޮތުން، ކުދިން ގޮވައިގެން ޕާކަށް ދިއުން ނުވަތަ މޫދަށް ދިއުން ފަދަ ހަރަކާތްތައް އެކުދިންގެ ބައިވެރިވުމާއެކު ރާވާލައި ކުރިއަށްގެންދާށެވެ. މި ހަރަކާތްތަކުން ސްކްރީނުތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ އިތުރުން، ކުދިންނަށް ބޭރުގައި އުޅުމުގެ އުފާވެރިކަން ލިބިގެންދެއެވެ.
ގޭތެރޭގައި މަންމައާއި ބައްޕަ ނުވަތަ ޢާއިލާގެ އެންމީހުން ކުރާ ކަންކަމުގައި ކުދިން ބައިވެރިކުރުވާށެވެ. އަދި ގޭތެރޭގައި އެކުދިން އެކުރާ ކުދި މަސައްކަތްތަކަކީވެސް މުހިންމު މަސައްކަތްތަކެއް ކަމުގެ އިހުސާސް އެކުދިންނަށް ކުރުވާށެވެ. އެގޮތުން، އެކުދިންނަށް އެހީތެރިވެވިދާނެ ކުދި މަސައްކަތްތަކުގެ ތެރޭގައި، ކެއުމަށް ކާ މޭޒު ތައްޔާރުކުރުން ނުވަތަ ތަރުކާރީ ފަދަ ތަކެތި ކޮށައިދިނުން ފަދަ، އެކުދިންވެސް ޝައުގުވެރިވާނެ ފަދަ މަސައްކަތްތައް ކޮށްއުޅެވޭނެއެވެ.
މީގެ އިތުރުން، އެހެންކުދިންނާއެކު ކުޅެ ހެދުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދޭށެވެ. އެހެން ކުދިންނާއެކު ކުޅެ، މުޢާމަލާތްކުރުމުން އެ ކުދިންގެ އިޖުތިމާޢީ ހުނަރުތައް އިތުރުވެ، މުނިފޫހިފިލުވައި، އަދި ސްކްރީންތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް އެހީތެރިވެދާނެއެވެ. ހަމައެހެންމެ، ކުދިން ސްކްރީން ކައިރީގައި ހޭދަކުރާ ވަގުތު މަޑުމަޑުން މަދު ކުރުމަށް ދަރިފުޅަށް ކޮންމެ ދުވަހަކު ތަފާތު ޝައުޤުވެރިކަން ހުރި ޙަރަކާތްތައް ތަޢާރަފުކޮށް، ސްކްރީނުގައި ހޭދަކުރާ ވަގުތު މަދުކުރަމުން ގެންދެވޭނެއެވެ.
މައިންބަފައިންގެ ހައިސިއްޔަތުން ކޮންމެ ކަމެއްވެސް އޭގެ އެންމެ ފައިދާހުރި ގޮތުގައި ޙާޞިލުކުރުމަށް އެންމެ ރަނގަޅުގޮތަކީ ކުދިންނަށް ނަމޫނާއަކަށްވުމެވެ. ކުދިން ގިނަފަހަރު ދަސްކުރަނީ އެހެންމީހުން ކުރާކަންތައްތައް ބަލައިގެންނެވެ. އެހެންކަމުން، ދަރިފުޅަށް މަޖާވާނެހެން ހީވާކަހަލަ ޙަރަކާތްތަކުގައި މަންމަ ނުވަތަ ބައްޕަ މަޝްއޫލުވެގެން އުޅޭތަން އެ ކުދިންނަށް ދައްކާށެވެ.
ދަރިފުޅަށް އެކި ބާވަތުގެ ޙަރަކާތްތަކުގައި ޝާމިލުވެއުޅުމުގެ ފުރުޞަތުތައް ހޯދައިދީ، ޓެކްނޮލޮޖީއާއި ޙަޤީޤީ ދުނިޔޭގެ ތަފާތު އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ބުނެދޭށެވެ. އަދި ސްކްރީނާ ނުލައި ކުރެވޭ ހަރަކާތްތައް ކުރުމަށް ހިތްވަރުދިނުމުން އެކުދިންގެ ދިރިއުޅުމަށް ގިނަ ފައިދާތަކެއް ކުރުމުގެ އިތުރުން، އެކުދިންގެ ކުރިއެރުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.