ޚަދީޖާ ޢަބްދުލް ކަރީމަކީ، ފާއިތުވި 15 އަހަރު ދުވަހު ޤުރުއާން އުނގަންނައިދިނުމުގެ މުގައްދަސް މަސައްކަތުގައި ނުހަނު ޝައުޤުވެރިކަމާއެކު ދެމިހުރި، އަދި މިހާރުވެސް އެ މަސައްކަތުގައި ހީވާގިކަމާއެކު އުޅެމުން ގެންދާ މީހެކެވެ. މިކަމަކީ އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭ މަސައްކަތެއްގެ ގޮތުގައި ޚަދީޖާ ސިފަކުރެއެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ޑިޕްލޮމާ އަދި ޑިގްރީ ހާސިލުކޮށްފައިވާ ޚަދީޖާ، މިހާރު ދަނީ މި ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކަޑައްތުކުރަމުންނެވެ. މ. މުލީގައި، އެންމެންވެސް ލޯބިވާ "ހައްޖަ މިސް" ގެ ނަމުން މަޝްހޫރުވެފައިވާ ޚަދީޖާއަކީ، ހުރިހާ އުމުރުފުރައަކަށްވެސް ޤުރުއާން ކިޔަވައިދޭ ފަރާތެކެވެ. އެގޮތުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ޚަދީޖާ އަންނަނީ ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްކުރަމުންނެވެ.
"އަޅުގަނޑުގެ އުސޫލަކީ ކޮންމެ ދަރިވަރެއްގެ ވެސް ފެންވަރާ ގުޅޭ ގޮތަށް ކިޔަވައިދިނުން. އަކުރު ފިލި ނޭނގޭ ކުދިންނަށްވެސް ފަހުމުވާނެ ގޮތަށް އަކުރު ބުނެދެމުން، ފިލި ބުނެދެމުން އަޅުގަނޑު ކުރިއަށް ދަނީ. އެއްވެސް ކުއްޖެއް، ނުވަތަ މީހެއްވެސް ދުލެއް ނުކޮށްލަން" ޚަދީޖާ ފާހަގަކުރިއެވެ.
ޚަދީޖާ ފާހަގަކުރާ ގޮތުގައި، ކީރިތި ޤުރުއާން އުނގަންނައިދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އޭނާ ކައިރިއަށް ޤުރުއާން ކިޔަވަން އަންނަ އެއްވެސް ކުއްޖެއް އަދި އެއްވެސް މީހެއް ދޫކޮށް ނުލާކަމަށާއި، އޭނާއަށް ދެވުނު މިންވަރަކަށް ވަގުތު ދީގެން، އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނެތި، މި މަސައްކަތް އަބަދުވެސް ކުރާ ކަމުގައި ޚަދީޖާ ބުންޏެވެ. ޚަދީޖާ އިތުރަށް ބުނީ، ޤުރުއާނުގެ ޢިލްމު ހާސިލުކޮށް، ގިނަގިނައިން ޤުރުއާން ކިޔެވުމަކީ، ދުނިޔަވީ ފައިދާތަކުގެ އިތުރުން، އާޚިރަތުގައިވެސް ބާއްޖަވެރިކަން ލިބޭނެކަމެއް ކަމުގައިވާތީ މިކަމަށް ކޮންމެ ބޭފުޅަކުވެސް ޚާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.
ޚަދީޖާ އިތުރަށް ބުނި ގޮތުގައި ގޭގައި ހުރެގެން ޤުރުއާން އުނގަންނައިދިނުމަކީ، އެހެނިހެން ވަޒީފާތަކަށް ދާން ދަތިވާ އަންހެނުންނަށް ގޭގައި ހުރެގެން އާމްދަނީ ހޯދޭނެ ފަސޭހަ މަގެއް ކަމުގައެވެ. އަދި ލިބޭ މާއްދީ ފައިދާއާއެކު، މިއީ ކުރެވޭ އަގުހުރި ދީނީ ޚިދުމަތެއް، އަދި އަޅުކަމެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޚަދީޖާގެ ފަރާތުން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްފައިވާ ކުދިން ކިޔަވާ އަޑު އަހާއިރު ލިބޭ އުފަލަކީ ބަޔާންކުރަން ދަތި އުފަލެއް ކަމުގައި ޚަދީޖާ ބުންޏެވެ. އަދި އުފާވެރި އާއިލާތަކާއި ދީނީގޮތުން ހަރުދަނާ، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަން ޚަދީޖާ ފާހަގަކުރިއެވެ.