ޣައްޒާގެ އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކު އީދު ހެދުން ގަނެގެން، އެކުއްޖާގެ މަންމަ އާއިއެކު ގެއަށް ދިޔަ މަގުމަތީގައި އިސްރާއީލްގެ ހަމަލާއެއް އަމާޒުވެ އެކުއްޖާ ޝަހީދު ވެއްޖެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގެ ސަރަހައްދަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ޝަހީދުވި ނުވަ އަހަރުގެ އަންހެން ކުއްޖާ އަކީ ކުރިއަށް އޮތް ފިތުރު އީދަށް އައު ހެދުމެއް ގަނެގެން، އެކުއްޖާގެ މަންމައާއިއެކު ގެޔައް ދިއުމުގެ މަގުމަތީގައި ހުރި ކުއްޖެއް ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަލަސްތީނުން 22 މީހަކު ޝަހީދުވެފައިވާއިރު އޭގެތެރޭގައި ނުވަ ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިސްރާއީލްގެ ސިފައިން ހުއްޓުމެއްނެތި ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 700 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ 2014 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް މިފަދަ ހަމާލާތަކެއް ދިން ފުރަތަމަ ފަހަރެވެ.