އެއްގަމު އުޅަނދު ދުއްވުމަކީ، އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ކުރާ ކަމެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް މަގުމަތީގައި ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަކީ ނިސްބަތުން މަދު ބައެއް ނޫނެވެ. އާންމުކޮށް ގިނަބަޔަކު ހީކުރަނީ ބާރަށް ދުއްވަނީ ވަކިތަނަކަށް ދާން ލަސްވެގެން ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ބާރަށް ދުއްވަނީ ވަކި ލަސްވެގެނެއް ނޫނެވެ. އާދޭހެވެ! ފަހަރުގައި ލަސްވެގެން، ބާރަށް ދުއްވާ މީހަކުވެސް ހުރެދާނެއެވެ. އެހެނަސް މިފަދަ ކަންކަން ހިނގާ މައިގަނޑު ސަބަބުތަކަށް ބަލާލުމަކީ މުހިއްމު ކަމެކެވެ.

ގަޑިއަށް ފަރުވާތެރިވުމަކީ މިއަދު މަދުބައެއްގެ ކިބައިން ނޫނީ ނުފެންނަ ސިފައެކެވެ. މިއަދު ގިނަ ބަޔަކު ގަޑިއަށް ފަރުވާތެރިވުމަކީ މާ މުހިއްމު ކަމެއް ކަމަކަށްވެސް ނުދެކެއެވެ. ގަޑިއަށް ފަރުވާތެރިނުވާ ނުވަތަ ގަޑިއަށް ކަމޭނުހިދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ބާރަށް ދުއްވާ މީހުންގެ ތެރެއިން ވަކި ތަނަކަށް ދާން ލަސްވެގެން، ބާރަށް ދުއްވާ މީހުން މަދުވާނެއެވެ. އޮފީހަށް ނުވަތަ މަސައްކަތަށް ދާން ލަސްވެގެން ބާރަށް ދުއްވާ މީހުންވެސް ނުވަތަ ކޮންމެވެސް ކަމަކަށް ލަސްވެދާނެތީ ބާރަށް ދުއްވާ މީހުން އުޅުނަސް، އެއީ ނިސްބަތުން މަދު ބައެއްކަން ޔަގީނެވެ.

އަދި ހަމައެހެންމެ، ގިނަފަހަރަށް ބާރަށް ދުއްވަނީ ޒުވާންކަމުގެ ޖޯޝުގައި ހިތްހަމަ ޖައްސާލުމަށެވެ. އެހެން ނޫންނަމަ، ގޮތްދައްކާލާ ފޮނިކަނޑާލާށެވެ. ތިމާގެ މޮޅުކަން އެހެންމީހުންނަށް ދައްކާލައި، އަނެކާއަށްވުރެ ބާރަށް ދުއްވާލާށެވެ. ބައެއް ފަހަރު މަސްތުގެ ހާލުގައި ހުރެގެންވެސް މިފަދަ ނުރައްކާތެރިކަން ބޮޑު ގޮތްގޮތަށް ދުއްވާކަން ފާހަގަކުރެވެއެވެ. ކޮންމެވެސް މިފަދަ ސަބަބަކާއި ހުރެ، ނުރައްކާތެރިގޮތްގޮތަށް ބާރަށް ދުއްވާ މީހުން ވަރަށް ގިނައެވެ. މިފަދަ ކަންކަމުގެ ސަބަބުން މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ، މީހުންނަށް އަނިޔާވެ، ފުރާނައަށްވެސް ގެއްލުންވުމުގެ ހިރާސް ބޮޑެވެ.

ވީމާ، މަގުމަތީގައި ބާރަށް ދުއްވަނީ ހަމައެކަނި ލަސްވެގެންނޭ ބުނެވޭކަށް ނެތެވެ. ހަމައެކަނި ލަސްވެގެން ބާރަށް ދުއްވާ މީހާ ކުއްވެރި ނުކުރާށެވެ. ލަސްވުމަކީވެސް ބައެއްފަހަރު ބޮޑުވެގެންވާ ކުށަކަށްވެސް ވެއެވެ. ލަސްވިޔަސް ބާރަށް ނުދުއްވާށެވެ. އަދި އެހެން ބޭކާރު ކަމަކާ ލައިގެންވެސް ބާރަށް ނުދުއްވާށެވެ. ބާރަށް ދުއްވުމަކީ މުޅި މުޖުތަމަޢަށް ނުރައްކާތެރިވެދާނެ ކަމެއް ކަމުން، މިފަދަ ކަންކަމަށް ފަރުވާތެރިވެ، މަގުމަތީގެ ސަލާމަތަށް ސަމާލުކަން ދިނުން މުހިއްމެވެ. އެންމެން ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ.