ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފަސް ލައްކައެއްހާ ގަސް އިންދުމުގެ މަސައްކަތްތައް ހަފްތާ ބަންދުތަކުގައި ކުރައްވަމުންގެންދަވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ، ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ސްޓެލްކޯ އިން ޕްލެޖްވެފައިވާ ގޮތަށް ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ފަހުމީ ވިދާޅުވީ، ސްޓެލްކޯ އިން ޚިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދު ދުވަސްތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ.
"މާތްﷲ ގެ އިރާދަފުޅާއެކު ރައީސްގެ ވަޢުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސް ލައްކަ ގަސް އިންދިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
