ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރި މަސައްކަތް އެ ކުންފުނިން ނިންމާލައިފިއެވެ.
މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ފޭސް 1 ޤާއިމުކުރާ ޕަވާ ހައުސް އެނެކްސް 2 ގައި 80 ހާސް ލީޓަރުގެ ދެ ފިއުލް ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާރިޗް މަހު އެވެ.
މި މަޝްރޫޢުގެ ދަށުން، ޓޭންކް ތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން، ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި، 2 ފިއުލް ސްޓޯރޭޖް ޓޭންކް ހަރުކޮށް، ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސެޓެލްކޯ އިން ބުނީ މި ފިއުލް ޓޭންކުތައް ބަހައްޓަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓަރމާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ކަމަށެވެ.
ހުޅުމާލެ އަކީ ގްރޭޓަރ މާލޭ ސަރަހައްދުގައި އުމްރާނީ އަދި އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދެވެ.
އެހެންކަމުން، މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯ އަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތައް ލިބޭނެ އެވެ.
