އިސްލާމްދީނުގައި ޒުވާނުންނަށް ވަނީ، ވަރަށް ހާއްސަ އަހަންމިއްޔަތެއް ދެއްވާފައެވެ. ޒުވާނުންނަކީ، އިސްލާމްދީނުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހެއެވެ. އަދި، ޤައުމުގެ ފައިދާއަށްޓަކައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވެސް ވާން ޖެހެއެވެ.

ޒުވާނުންނަކީ ޤައުމީ ނަޒަރަކުން ބަލާއިރުވެސް، ޤައުމު ބިނާކުރުމަށްޓަކައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރަންޖެހޭ ބަޔެކެވެ. ޤައުމު ބިނާކުރުމުގައި ޒުވާނުން އަމަލީ ގޮތުން ބައިވެރިވުމަށްޓަކައި، މުޖުތަމަޢުގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަމަށްޓަކައި، ޒުވާނުންނަށް ފައިދާހުރި ތަޢުލީމެއް ދޭން ޖެހެއެވެ. ޒުވާނުން ހަރުދަނާ ގޮތެއްގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. އަދި، ޒުވާނުންނަކީ، ހިދުމަތްތެރި ބަޔަކަށް ހެދުމަށްޓަކައި، ރަނގަޅު ފުރުޞަތުތަކެއް އެބައިމީހުންނަށް ހޯދައި ދޭން ޖެހެއެވެ. ޤައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައެވެ.

އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މިހާރުވެސް ގިނައީ، ޤައުމަށް ފައިދާހުރި ރަނގަޅު މަސައްކަތްތަކެއްކުރާ ޒުވާނުންނެވެ. އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާގައާއި ސަރުކާރުގެ ދާއިރާގައެވެ. މިހެން ދެންނެވިނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައިވެސް، އެބައެއްގެ ފަރާތުން ޤައުމަށް މާބޮޑު ފައިދާއެއް ނުލިބޭ، ދީނީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތާ، އަދި ނުސީދާ މަގަކުން ހިނގާ، މަދު ބަޔަކު ތިބިކަން އެއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މިފަދަ ޒުވާނުންނާ ވާހަކަ ދައްކައި، އެމީހުންނަށް ދިމާވާ މައްސަލަތައް އޮޅުންފިލުވައި، އެފަދަ ޒުވާނުންނަކީ، މުޖުތަމަޢު އަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ޒުވާނުން ޤައުމު ބިނާކުރުމުގައި މުހިންމު ބަޔަކަށް ހެދުމަކީ، މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެކެވެ. ޤައުމުގެ މުސްތަގުބަލަކީ، އަޅުގަނޑުމެންގެ ޒުވާނުން ކުޅަދާނަކަމާއި ހުޝިޔާރުކަމުގެ މައްޗަށް ބައްޓަން ކުރެވޭ އެއްޗަކަށް ހެދުމަށްޓަކައެވެ.

 

("އިސްލާމްދީނުގައި ޒުވާނުންގެ މަޤާމް" – އަލްއުސްތާޛު މަޢުމޫން އަބްދުލް ގައްޔޫމް – ދީނުގެމަގު، އަހަރު 19، އަދަދު 7، ޞަފްހާ 1، 04 މާރިޗް 2005)