ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހާދިސާތަކަކީ، ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ފުން އަސަރެއް ކުރުވާނެ ކަންކަމެވެ. ތުއްތު ކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، އާންމު ރައްޔިތުން އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށްވެ، އިންސާނީ އެހީތެރިކަމުން މަހުރޫމްވެ، އަސާސީ ބޭނުންތަކުން ދުރުވެފައިވާ މަންޒަރުތައް ފެންނަމުންދާއިރު، މުޅި އިސްލާމީ އުންމަތުގެ ޒިންމާދާރުކަން ކޮބައިތޯ ސުވާލު އުފެދެއެވެ. މި ނާޒުކު ހާލަތަކީ، އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް އަސަރުކުރާނެ ކަމެއް ކަމުގައިވާއިރު، މިކަމަށް މުޅި އިސްލާމީ އުންމަތް ޒިންމާވާން ޖެހެއެވެ.
ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތަކީ، އިންސާނިއްޔަތުކަމަށް ގޮންޖެހުމެކެވެ. އެތައް ހާސް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެ، ގެދޮރު ގެއްލި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތައްވެސް ގެއްލިފައިވާ ހިނދު، ބޯފެނާއި، ކާނާއާއި، ސިއްޙީ ޚިދުމަތްތައް ނތައް ނުލިބި، ބަލިމަޑުކަމާއި ބަނޑުހައިހޫނުކަން ވަނީ އާންމުވެފައެވެ. މި ހާލަތު ބަދަލުކުރުމަށްޓަކައި، ކޮންމެ ގޮތަކުން ނަމަވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ އަދި އިންސާނީ ވާޖިބެކެވެ.
އެހެންނަމަވެސް، ޣައްޒާގެ މި ބިރުވެރި ހާލަތަށް އިސްލާމީ ޤައުމުތަކުގެ ވެރިންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ގިނަ ފަހަރަށް ފެންނަނީ ހަމައެކަނި ބަޔާން ނެރުމާއި، ޤަރާރު ފާސްކުރުމާއި، ބަސްބުނުން ފަދަ ކަންކަމެވެ. އަމަލީ ގޮތުން ޙައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ކަމުގެ ހެކި ނުފެނެއެވެ. މިފަދަ ރަމްޒީ ފިޔަވަޅުތަކުން ޣައްޒާގެ ރައްޔިތުންނަށް ލިބޭނެ އެދެވޭ އެހީއެއް ނެތެވެ. އެމީހުން ބޭނުންވަނީ ޢަމަލީ އެހީތެރިކަމާއި ހަރުދަނާ ފިޔަވަޅުތަކެވެ.
މި ހާލަތުގެ އެއް ސަބަބަކީ، ބައެއް އިސްލާމީ ޤައުމުތަކުގެ ވެރިން ބޭރުގެ ނުފޫޒުތަކަށް ހުށަހެޅިފައިވުމެވެ. އެބޭފުޅުންނަށް މިނިވަންކަމާއެކު ނިންމުންތައް ނިންމުމަށް ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. ބައިނަލްއަޤްވާމީ ބާރުތަކުގެ ނުފޫޒު އެމީހުންގެ މައްޗަށް ފޯރާފައިވާތީ، ޣައްޒާގެ މައްސަލައިގައި އިސްލާމީ އުންމަތަށް ބޭނުންވާ މިންވަރަށް ވަކާލާތު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. އެމީހުންގެ މަޤާމުތައް ދެމެހެއްޓުމަށް އިިސްކަންދިނުން، އުންމަތުގެ މަޞްލަޙަތަށްވުރެ އިސްވެފައިވާކަން ފާހަގަކުރެވެއެވެ.
މިއަދު ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހާލަތަކީ، މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް އޭގެ އަސަރު ފޯރާފައިވާ ހާލަތެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޣައްޒާގެ އަޚުންނާއި އުޚްތުންނަށްޓަކައި ދުޢާކުރުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް އަޒުމް ކަނޑައަޅަން ޖެހެއެވެ. މިކަން ޙާޞިލުކުރެވޭނީ އިސްލާމީ ޤައުމުތައް އެއްބައިވަންތަކަމާއެކު، އެއް މަޤްޞަދަކަށް މަސައްކަތްކުރުމުންނެވެ. ހަމައެކަނި ބަސްބުނުމާއި ގަރާރު ނެރުމަކުން ނުފުދޭނެއެވެ. ޒިންމާދާރުކަމާއެކު އަމަލީ މަސައްކަތްތަކެއް ކުރުމަށް ކޮންމެ މުސްލިމަކުވެސް ގޮވާލަން ޖެހެއެވެ.
އިސްލާމީ އުންމަތުގެ ޒިންމާ އަދާކުރުމުގެ ގޮތުން، ގައުމުތަކުގެ ވެރިން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުގެ މެދުގައި ވިލަރެސްކުރެވިފައިވާ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގެ ތެރެއިން އަމަލީ ނަތީޖާއެއް ފެނިގެން ދާނެއެވެ. މީގެ އިތުރުން، ޣައްޒާއަށް ބޭނުންވާ އަސާސީ ތަކެއްޗާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަކީ ކުރެވޭނެ ކަމެކެވެ. އިސްލާމީ އުއްމަތުގެ ވެރިން އިސްވެ އެއް އަމާޒަކަށް މަސައްކަތްކުރާނަމަ، މިއީ ނުވާނޭ ކަމެއް ނޫނެވެ. ހަމައެއާއިއެކު ޣައްޒާގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން އެހީތެރިވުމާއެކު، އިސްރާއީލްގެ މައްޗަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރުމަކީވެސް އިސްލާމީ ވެރިންނަށް ކުރެވިދާނެ އާދައިގެ ކަންކަމެވެ. މީގެ އިތުރުންވެސް ބައިނަލް އަގުވާމީ ގަވާއިދުތައް ތަންފީޒު ކުރުނަށް ބައިނަލްއަގުވަމީ ޖަމުއިއްޔާތަކަށް ޕުރެސަރުކޮށް، އިންސާފު ގާއިމުކުރުނަށް ޕުރެސަރު ކުރުމަކީވެސް ކުރެވިދާނެ އާދައިގެ ކަންކަމެވެ. ނަމަވެސް ފެނިގެންދަނީ މިފަދަ އާދައިގެ ކަންކަން ކުރުނަށްވެސް އިސްލާމީ ގައުމުތަކުގެ ވެރިން ނުކުޅެދިފައިވާ މަންޒަރެވެ.
ޣައްޒާގެ ނިކަމެތި ހާލަތަކީ، މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއް ކަމުގައި ދެކި، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ވާޖިބެކެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ޙައްޤުގައި ތެދުވެ، އެމީހުންނަށް އެހީތެރިވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އަޅުގަނޑުމެންގެ ދީނީ އަދި އިންސާނީ ޒިންމާއެކެވެ. މިކަމުގައި ވެރިއެއް ރައްޔިތެއް ތަފާތެއް ނެތެވެ. އެހެނަސް ވެރިންގެ ދައުރު ބޮޑުވެފައި ބާރުގަދަވާނެކަމީ އެއްމެންދަންނަ ހަގީގަތެކެވެ. މާތް ﷲ އަޅުގަނޑުމެންނަށް މިކަމުގައި ތައުފީޤު ދެއްވާށި! އާމީން.