މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ، "ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" ގައި ބައިވެރިވާން ހުޅުވާލިއިރު، އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަވާނެ އެވެ.
އެމްބީބީއޭ އިން މި އަހަރު އެންމެ ފުރަތަމަ ނެރުނު ކަލަންޑަރުގައި ލަބެރަ ނެތެވެ. ލަބޭރާ މުބާރާތް ބާއްވާ ގޮތަށް ނިންމާފައިވަނީ، އޭރު ކަލަންޑަރުގައި ހިމަނާފައި އޮތް ފުވައްމުލަކު ބޮޑީބޯޑިންގ ޗެލެންޖްގެ ބަދަލުގައެވެ. މިއީ ލަބެރަ ސިރީޒް ކުރިއަށްގެންދާ ހަތަރުވަނަ ފަހަރެވެ.
އެމްބީބީއޭ އިން ހާމަކޮށްފައިވާ ގޮތުން، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ހަމަވާނެ އެވެ.
އަންނަ އޮގަސްޓް މަހުގެ 5 އިން 8 ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހިމެނެނީ ތިން ކެޓަގަރީއެކެވެ. އެއީ، މެންސް އޯޕަން އިވެންޓްގެ އިތުރުން ޑްރޮޕް-ނީ އާއި ޖޫނިއާ މެންސް އިވެންޓެވެ.
އެމްބީބީއޭ އިން އެންމެ ފަހުން ބޭއްވީ ލަބެރަ ބޮޑީބޯޑިންގ ޗެލެންޖްގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާ އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދު އެވެ.