ކޮންމެ މީހަކުވެސް ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމަކީ، އަދި އެކިއެކި ބަލިބަލިން ރައްކާތެރިވެ، ބަލިވެއްޖެނަމަ ބޭސްފަރުވާކޮށް، އެ ބައްޔަކުން އަވަހަށް ސަލާމަތް ވެވޭތޯ މަސައްކަތްކުރުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ.

ސިއްހަތު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ، ހަށިގަނޑަށް ފައިދާހުރި ކާނާ ލިބިދިނުމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ސިއްހަތަށް ގެއްލުންހުރި އާދަތަކުން ދުރުހެލިވުމާއި، ވަކި ގަވާއިދެއްގެ މަތިން ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށް، ކުޅިވަރު ކުޅެ ހެދުމަކީވެސް، އެހާމެ މުހިއްމު ކަމެއްމެއެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން އިންސާނުން ސަލާމަތްވެ ތިބުމަށްޓަކައި އެކި އެކި ޤައުމުތަކުގައި އެފަދަ ބަލިބައްޔާމެދު ހޭލުންތެރިކުރުމުގެ ތަފާތު މަސައްކަތްތައްދަނީ ކުރަމުންނެވެ. 

އެހެންކަމުން، ނުރައްކާތެރި ބަލިބަލިން ދިފާއުވުމަށް އަޅަންވީ ފިޔަވަޅުތަކާ ބެހޭގޮތުން މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ، ދީނީ ނަޒަރަކުން ބަލާއިރުވެސް، އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ.

އެކިއެކި ބަލިބަލިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެނގިހުރި، އެގޮތުގެ މަތިން އަމަލުނުކުރުމަކީ ހަރާމް ކަމެކެވެ. އެނގިހުރެ ތިމާ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިނުގަތުމަށް ކީރިތި ޤުރުއާންގައިވަނީ އަމުރު ކުރައްވާފައެވެ. މާތްﷲ، ކީރިތި ޤުރުއާންގައި ވަހީކުރެއްވި އާޔަތެއްގެ މާނައިގައި "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ! އަދި އިހުސާންތެރިވާށެވެ! ހަމަކަށަވަރުން އިހުސާންތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ." މިހެން އަންގަވާފައިވެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންތައްތައްވެސް، އިސްލާމީ ރިވެތި އާދަތަކާއި އުސޫލުތަކާ އެއްގޮތަށް ދަމަހައްޓަމުން ގެންދިއުމަކީ، އަޅުގަނޑުމެން ދުޅަހެޔޮކަންމަތީ ތިބުމަށް ކުރެވޭ މަސައްކަތަކަށް ވާނެކަން ކަށަވަރެވެ.

 

("ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުން" – އަލްއުސްތާޛު މަޢުމޫން އަބްދުލް ގައްޔޫމް – ދީނުގެމަގު، އަހަރު 19، އަދަދު 17، ޞަފްހާ 1، 20 މެއި 2005)