މެލޭޝިއާގެ 14 ވަނަ އެމްބީއޭ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

އެގޮތުން، މުބާރާތުގެ އޯޕަން ކެޓަގަރީގެ ފިރިހެން ޑަބަލްސް ބައިގެ އިތުރުން އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުން ވަނީ ރާއްޖޭގެ ކުޅުންތެރިން ރަން މެޑެލް ހާސިލްކޮށްފައެވެ.

އޯޕަން ކެޓަގަރީގެ ފިރިހެން ޑަބަލްސް ފައިނަލުގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ވަނީ، 31-28 އިން އިންޑޮނޭޝިއާގެ ރިސްކި އަންތަސާރީ އާއި ސަޢޫދީ ޢަރަބިއްޔާގެ ރިކީ އަހުމަދު އަންދާ ފައުޒީ ބަލިކޮށްފައެވެ.

މިއަދު ކުޅުނު މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުގައި ސަޢޫދީ ޢަރަބިއްޔާގެ އޯރާ ޖޮވިތާން އާއި އިންޑޮނޭޝިއާގެ ރިސްކި އަންތަސާރީގެ ޕެއާ އަތުން ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާހާ ޢަބްދުއްރައްޒާޤުގެ ޕެއާ މޮޅުވީ 31-21 އިންނެވެ.

މީގެއިތުރުން، އިއްޔެ ކުޅުނު މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ރާއްޖޭގެ ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާޤު ވަނީ، 31-19 އިން ސްރީ ލަންކާގެ އަޗިނީ ނިމެޝިކާ އާއި މެލޭޝިއާގެ ނޯރް އައިދާގެ ޕެއާ ބަލިކޮށްފައެވެ.

މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ އިތުރު ނަތީޖާތަކަށް ބަލާއިރު، އޯޕަން އަންހެން ސިންގަލްސް އިވެންޓުން ނަބާހާ ރިހި މެޑެލް ހޯދިއިރު، މި ބައިގައި ނަބީހާ ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ. ފިރިހެން ސިންގަލްސް އިވެންޓްގައި ނިބާލް ވަނީ ލޯ މެޑެލް ހޯދައިފައެވެ.

ބެޑްމިންޓަން ދުނިޔޭގެ ޖަމްޢިއްޔާ، ބީޑަބްލިއުއެފް އިން މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަސްޕެންޑްކުރުމާއެކު، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިންނަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ އެވެ. އެހެންކަމުން، ރާއްޖޭގެ ކުޅުންތެރިން މިވަގުތު ކުޅެނީ، ބީޑަބްލިއުއެފް ލެވެލް ނޫން މުބާރާތްތަކުގައެވެ.

މެލޭޝިއާގެ ސްޓޭޓް ލެވެލް މުބާރާތެއް ކަމަށްވާ، އެމްބީއޭ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފޯމެޓް އޮތްގޮތުން ކުޅެނީ،31  ފޮއިންޓުން ނިމޭ ގޮތަށް އެއް ސެޓަށެވެ.