ދުފުމަށް ބޭނުން ކުރާ މައިގަނޑު އެކަތި ކަމަށްވާ ފޯކާއި ބެހޭގޮތުން އަބަދުވެސް އިވެމުންދަނީ އޭގެ ގެއްލުން ބޮޑުކަމާއި ނުރައްކާބޮޑު ކަމުގެ ވާހަކައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ފޯކުގައިވެސް ކޮންމެސް ފައިދާތަކެއް ވާނޭކަމެވެ. ދިވެހިންގެ ތެރޭގައި ދުފުމަކީ ވަރަށް އާންމު ކަމެކެވެ. ދުފުމުގެ ކޮންމެވެސް މިންވަރެއް ހިއްސާ ނުކުރާ ދިވެއްސަކު ނުހުންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވީއިރު ދުފުމުގައި ބޭނުންކުރާ ފޯކުން ލިބޭ ފައިދާތަކެއްގެ ވާހަކަ ހިއްސާކޮށްލުން ވަރަށްވެސް މުހިންމެވެ.
ފޯއް ހެފުމުން އަނގައިގެ އެތެރޭގައި ހުންނަ އެސިޑުގެ މިންވަރު ދަށްވެއެވެ. މިހެން މިކަން ދިމާވަނީ ފޯކަކީ އޭގައި އަލްކަލައިން ހިމެނޭ އެއްޗަކަށްވާތީއެވެ. މިގޮތަށް އެސިޑުގެ މިންވަރު މަދުވާކަމަށް ވާނަމަ ދަތްފަނި ކެއުމުން ދުރުވާނެއެވެ. އެސިޑަކީ ދަތްފަނި ކެއުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ފޯއް ހެފުމަކީ ދަތްފަނިކެއުމުން ދުރުކޮށްދޭނޭ ކަމެކެވެ.
އަނގަހިކި، ކުޅުހިކުމަކީ އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ކަމެކެވެ. ނަމަވެސް ފޯއް ހަފާނަމަ އޭގެ ސަބަބުން އަނގަތެރޭގައި ކުޅު އުފެދޭނެއެވެ. އެހެންކަމަަސް ވާނަމަ އަނގަހިނކި، ކުޅުހިކޭ ގޮތެއްނުވާނެއެވެ. ކަންމިހެންހުރުމުން ފޯއް ހަފާނަމަ އަނގައިން ދުވާ ނުބައިވަސް ދުވުން ހުއްޓޭނެއެވެ.
ފޯކަކީ އޭގައި ފައިބަރު އެކުލެވޭ އެއްޗެކެވެ. އެހެންކަމުގެ ހަޖަމުގެ ނިޒާމު ފުރިހަމަކާއެކީ ތަރުތީބުވުމަށް ފޯއް އެހީވެދެއެވެ. ބަނޑުހިކުމާއި ބަނޑުދިޔައިވުމުން ރައްކާތެރިކޮއްދޭން އެހީވެދޭނެއެވެ. މަސާނާގައި ހުންނަ އެސިޑުގެ މިންވަރު މަދުކުރުމަށްވެސް އެހީވެދޭނެއެވެ. އެހެންކަމަށް ވާނަމަ ބަނޑުގައި ވައިހެދުން، ނުވަތަ ގިނިވަޔަށް ގެނައުންފަދަ ކަންކަމުން ރައްކާތެރިވުމަށް އެހީވެދޭނެއެވެ.
ފޯކަކީ އޭގައި ސިކުނޑީގެ ނާރުތަކުގެ ސަމާލުކަން (އެލާރޓްނެސް) އިތުރުކޮށްދޭ އެއްޗެކެވެ. ގަދަޔަށް ދުފުމަކީ ބައެއްމީހުން "އެނބުރޭ" ކަމެކެވެ. މިކަން ދިމާވަނީ ސިކުނޑީގެ މި ނާރުތަކުގެ ސަމާލުކަން އިތުރުވެ ސިކުނޑިތެރޭގައި މާ ގަދަ ހަރަކާތްތަކެއް (އިންޕަލްސްތަކެއް) ހިނގާތީއެވެ. މިހެން ދިމާވަނީ އެކަށީގެންވާވަރަށްވުރެ ގިނައިން ފޯއް ބޭނުންކުރެވޭތީއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަކަށް ބޭނުން ކުރެވޭނަމަ ސިކުނޑީގެ މި ސަމާލުކަންވެސް އެކަށީގެންވާ މިންވަރެއްގައި ހުންނާނެއެވެ. ދިވެހި ކާބަފައިންނަކީ އެބައިމީހުންގެ މަސައްކަތްތަކުގައި ދުފައިގެން މަސައްކަތްކުރަން ތިބޭ ބައެކެވެ. ނަތީޖާއަކީ މަސައްކަތުގެ ފެންވަރު ރަނގަޅުވުމެވެ. ހަމައެއާއިއެކު ކަނޑުދަތުރު ތަކުގައި އޮޑީގެ ހުންގާނުގައި ހުންނަ މީހުންވެސް އަބަދުމެ ތިބެނީ ދުފައިގެނެވެ. މިއީ އެބައިމީހުންގެ ސަމާލުކަން އިތުރުކުރަން ގަސްތުގައި ކޮށް އުޅުނު ކަމަކަށްވެސް ވެދާނެއެވެ.
ފޯކަކީ ހަށިގަނޑުގައި ހުންނަ ހޯމޯންތަކުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން އަންހެނުންގެ މައްސަރުކަންތަކުގައި ދިމާވާ އުނދަގޫތައް ލުއިކޮއްދިނުމަށް އެހީވެދޭނެއެވެ.
އަނގައިގެ ހަރަކާތްތަށް ގިނަވުމަކީ މޫނުގެ މަސްތަށް ވަރުގަދަވާނެ ކަމެކެވެ. އެހެންކަމުން ފޯއް ހަފާނަމަވެސް މިކަން މިމޭރުމުން ހިނގާނެއެވެ.
ފޯކުން ލިބޭ ބައެއްފައިދާ ތަކުގެ ވާހަކަ ދެވޭއިރު ފޯއް ހެފުމުގައި ސަމާލުވާން ޖެހޭނެއެވެ. ސާފުކޮއްގެން ބޭނުން ކުރުމާއި ޖަރާސީމު ފިލުފައިގެން ބޭނުން ކުރުން މުހިންމެވެ.
