އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 30 ޖުލައި 2025 ވަނަ ދުވަހު މި ކުންފުނީގެ ވެބްސައިޓްގައި ޢާންމުކޮށްފިއެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މިކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވުމާއިއެކުގައެވެ. ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ.

މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 2 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް ކުންފުނީގެ އެހެނިހެން ވިޔަފާރި ތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 11 އިންސައްތައިގެ ދަށްވުމެކެވެ. 

ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓާރގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއިއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 198 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 163 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 3 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާއި އަޅާ ބަލާއި އިރު  ސާފު ފައިދާ 15 މިލިއަންއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.