ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސެވެ. އެއީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށްވެސް ހިދާޔަތު ދައްކައިދޭ މާތް ފޮތެވެ. މި މާތް ފޮތުގެ އަކުރުތައް ދަސްކޮށް، ތަޖުވީދު އެނގި، ތަރުތީލުކޮށް ކިޔެވޭ ފެންވަރަށް ދަރިވަރުން ތަމްރީނު ކުރުމަކީ ހަމަޔަގީނުންވެސް ވަރަށް މަތިވެރި އަދި މުހިންމު މަސައްކަތެކެވެ. ނަމަވެސް، މިއަދު މިފަދަ ކަންކަމަށް ވަރަށް ބޮޑެތި ފީތަކެއް ނަގާކަމީ، އާއްމުކޮށް ގިނަ ބެލެނިވެރިން ކުރާ ޝަކުވާއެކެވެ.
މިއަދު ޤުރުއާން ދަސްކޮށްދޭ ޓިއުޝަންތަކަށް ވަރަށް ބޮޑެތި ފީތައް ނަގައެވެ. ކުޑަކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުން ފެށިގެން، ބޮޑެތި މީހުންނަށް ތަޖުވީދު ކިޔަވައިދިނުމާ ހަމައަށްވެސް، ކޮންމެ ޓިއުޝަނަކަށްވެސް މަހުން މަހަށް ބޮޑެތި އަދަދުތަކެއް ދައްކަން ޖެހެއެވެ. ހަމައެހެންމެ، ޤުރުއާން މުބާރާތްތަކަށް ކުދިން ތައްޔާރުކޮށް، ފަރިތަކޮށްދިނުމަށްވެސް ބޮޑު ފީތަކެއް ނަގައެވެ. މިކަމަކީ ކުޑަ ވަގުތުކޮޅަކަށް ނަގާ ފީއެއް ނަމަވެސް، މަހެއްގެ މައްޗަށް ނުވަތަ މުބާރާތަކަށް ހޭދަވާ ވަގުތާ އަޅާ ބަލާއިރު ބޮޑެތި އަދަދުތަކެއް ކަމުގައި ވެއެވެ.
ހަމައެހެންމެ، ޤުރުއާން މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރުމަށްވެސް ބޮޑެތި ފީތައް ނަގައެވެ. މުބާރާތްތަކުގައި ބައިވެރިވާ ކުދިންގެ ބެލެނިވެރިން ނުވަތަ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މި ފީތައް ދައްކަން ޖެހެއެވެ.
މިކަންކަމަކީ ގިނަ ބެލެނިވެރިން ފާޑުކިޔައި، ޝަކުވާކުރާ ކަންކަމެވެ. އެބަޔަކު ދައްކާ ވާހަކައަކީ ޤުރުއާން ދަސްކޮށްދިނުމަށް ނަގާ ފީ އެހާ ބޮޑުވެގެން ނުވާނެ ކަމެވެ. ނަމަވެސް، ހައިރާންވާ ކަމަކީ، އެހެން ތަކެއްޗަށާއި އެހެން ކަންކަމަށް މާ ބޮޑެތި ފީތަކާއި ރުފިޔާ ދައްކަން ޖެހުނަސް، މިފަދަ ބެލެނިވެރިންގެ ތެރެއިން ޝަކުވާއެއް ކުރާ މީހަކު މަދުކަމެވެ. މިސާލަކަށް، މާ ބޮޑު އަގުތަކުގައި ފޯނު ނުވަތަ އެހެން މުނިފޫހިފިލުވުމުގެ ސާމާނު ގަތުމާއި، ގޭތެރޭގައި ބޭނުންކުރާ އެހެން ތަކެއްޗަށް ހަރަދުކުރުމުގައި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޤުރުއާނާ ގުޅުންހުރި ކަމެއް ވީމަ އެކަނި ފީ ބޮޑުވެގެން ޝަކުވާ ކުރަނީއެވެ. މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ ތެރޭގައި ދީނީ ކަންކަމަށް ދެވޭ އަހައްމިއްޔަތު ކުޑަކަން ނުވަތަ ދީނީ ހިދުމަތްތަކުގެ އަގު ކުޑަކުރަން ބޭނުންވާކަމެވެ.
ހަގީގަތުގައި މި ކަންކަމަށް ނަގާ ފީ ކުޑައެކޭވެސް ނުބުނެވޭނެއެވެ. އެހެނީ ބައެއް ޤުރުއާން މުދައްރިސުން ބުނާ ގޮތުން، ސުކޫލަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ކިޔަވައިދޭން ދިއުމަށްވުރެ މިގޮތަށް ފީ ނަގައިގެން ކިޔަވައިދިނުމުން ލިބޭ އެއްޗެއް ބޮޑުވެފައި ގިނައެވެ. އަދި ޤުރުއާން ކިޔަވައިދޭ ބައެއް މުދައްރިސުން، އެހެން މުދައްރިސުން ނަގާ ފީ ތަކަކީ ބޮޑެތި ފީތަކެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވެސް އެބަހުރެއެވެ. ހަގީގަތުގައި ފީތައް ބޮޑުކުރަން ޖެހޭ އެއް ސަބަބަކީ ދިރިއުޅުމުގެ ހާލަތު ހުންނަން ގޮތުން ކަމުގައި ދެކޭ މުދައްރިސުންވެސް މަދެއް ނޫނެވެ.
އެއްފަރާތުން ޤުރުއާން ދަސްކުރުމުގެ މުހިންމުކަން އެނގިތިބެ، އަނެއް ފަރާތުން އެކަމަށް ދައްކަން ޖެހޭ ފީއާމެދު ޝަކުވާކުރުމަކީ ހައްލެއް ނެތް މައްސަލައެއްކަމަށް ވެދާނެއެވެ. މުޖުތަމަޢުގެ ފެންވަރުގައި ޤުރުއާނާ ގުޅުންހުރި ހިދުމަތްތަކަށް ހިތްވަރުދީ، ފަސޭހަކަމާއި ލުއިކަމާއި އެކު ޤުރުއާނާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަން ޖެހެއެވެ. އަދި ބެލެނިވެރިންވެސް، ދުނިޔެވީ ކަންކަމަށް ހޭދަކުރާ ފައިސާއާ އަޅާބަލާއިރު، ދީނީ ޢިލްމު ހޯދުމަށް ކުރާ ހަރަދުގައި ބަރަކާތްތެރިކަން އެކުލެވޭކަން ދަނެ، އެކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.