ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް 6000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަކަމުގައި ތަފާސްހިސާބުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6015 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މިއަހަރުގެ މެއި އަދި ޖޫން މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުރީ 4000ގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ޖުލައިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ މެއި އަދި ޖޫންމަހުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެފައެވެ. އެގޮތުން ޖުލައިމަހު ރާއްޖެއަށް 180،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. 

އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %73.1 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.0 ފަތުރުވެރިންނެވެ. އަދި %2.7 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.