ކޮންމެ އަތޮޅެއްގައިވެސް ޒުވާން ޖޯޝާއި އިހުސާސްތައް އުތުރިއަރާކަމާއި ދޭތެރޭ ޝައްކެއްނެތެވެ. ދިވެހި ޒުވާނުންނަކީ ހުނަރުވެރިންކަމާއި ދޭތެރޭވެސް ޝައްކެއް ނެތެވެ. ކޮންމެ އަތޮޅެއްގައިވެސް ފަންނުގެ ވެރިން ވަކި އެކަކު އަނެކަކަށް ދުލެއް ނުކުރެއެވެ. ވަޒީފާގައި ބުރަކޮށް އުޅެމުންވެސް ނޫކަށީގައި ހިފާފައިވާ ޖޯޝު ނުނެރެ ހުރުމަކީ ދިވެހި ޒުވާން ފިރިހެނުންނަށް ވަރަށް އުނދަގޫވާ ކަމެކެވެ. އެގޮތަށް ބަންޑުންވި އިހުސާސެއްގެ ނަމެއް ބުނެލާނަމެވެ. އެއީ "ތަންނި ގްރަފީ" އެވެ. ޒުވާން ޖޯޝަކުން މި ލެންސްގެ އަލިކަން ދުނިޔެއަށް ފާޅުކުރީ ށ. ފުނަދޫއަށް ނިސްބަތްވާ މުޙައްމަދު ތަސްނީމެވެ. ތަސްނީމް މަސައްކަތްކުރަނީ ށ އަތޮޅު ހޮސްޕިޓަލްގެ މެޑިކަލް ރިކޯޑް ބަލަހައްޓާ އޮފިސަރެއްގެ ގޮތުގައެވެ. ނަމަވެސް މުޅި އަތޮޅުގެ ގިނަ ބަޔަކު އޭނާ ދަންނަނީ ފޮޓޯ ނަގާ ތަންނިގެ ގޮތުުގައެވެ. އިވެންޓްތަކުގައި ނަގާ ފޮޓޯތައް މުޅި އަތޮޅަށް މަޝްހޫރުވެ ތަންނިގެ މަސައްކަތަށް ށ. އަތޮޅުގައި ޑިމާންޑް ބޮޑުވިއެވެ.
"ތީރު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ތަންނި ބުނީ އޭނާ ވަރަށް ކުރީއްސުރެ މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ ގާތްގަނޑަކަށް 2012 ވަނަ އަހަރު ހިސާބުގައި ކަމަށެވެ. އޭރު އޭނާ ފޮޓޯ ނަގަން ފެށީ ސްމާޓް ފޯނަކުންނެވެ. އެއަށްފަހު ކެމެރާއަކާއި ހަމައަށް ދިޔައެވެ.
"ފޮޓޯ ނަގަމުން ނަގަމުން ގޮސް 2013 ގައި އަލަށް ކެމެރާއެއް ގަތިން" ހޮބީ ފެށުނު ގޮތުގެ ވާހަކަ ކިޔާދެމުން ތަންނި ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ ތަންނި މި ދާއިރާއަށް ނިކުތީ ރިހިވެލި ބީޒް ރިޒޯޓްގައި މަސައްކަތްކުރަމުންނެވެ. އެތަނުގައި އޭރު ތަންނި އުޅުނީ ރެސްޓޯރެންޓް ވެއިޓަރަކަށެވެ. ނަމަވެސް އެތަނުން ދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ތަންނި ޕާޓްޓައިމް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި ފޮޓޯ ސްޓޫޑިއޯ އިންޗާޖެއްގެ ގޮތުގައި ވެސް މަސައްކަތްކުރިއެވެ. ރިޒޯޓް ބަންދުކުރުމުން ދެން އޭނާ ވަން އެންޑް އޮންލީ ރީތި ރަށުގައި 2015 އިން ފެށިގެން 2016 އާއި ހަމައަށް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. މިހާރު އޭނާއަކީ ފެޝަން ފޮޓޯގްރަފީ ފިޔަވާ ހުރިހާ ބާވަތެއްގެ ފޮޓޯ ނަގާ މީހެކެވެ. އެހެނަސް، މީގެ ކުރިން އޭނާގެ ދެ އަތުން އެ ބާވަތުގެ ފޮޓޯތައްވެސް ޕޯޓްފޯލިއަށް އިތުރުކޮށްފައިވާ ކަމަށް ތަންނި ކިޔާދިނެވެ. އެކަމަކު މިހާރު އެ ބާވަތުގެ ފޮޓޯތައް ނަގަން އަދި ފުރުޞަތު ނުލިބޭކަން ފާހަގަކުރިއެވެ. ތަންނި ބުނީ އޭނާ އެދާއިރާއަށްވެސް ވަންނަން ޝައުގުވެރިވާ ކަމަށެވެ.
ތަންނި ބުނާގޮތުންނަމަ އޭނާ އެންމެ ބޮޑަށް ޝައުގުވެރިކަން ބަހައްޓަނީ ވައިލްޑް ލައިފް (ދިރޭ ތަކެތީގެ) ފޮޓޯގްރަފީއަށެވެ. މިކަން އޭނާއަށް ފަހިވެގެންދިޔައީ ކުޑައިރުއްސުރެ އޭނާއާއި ގާތް ރަހުމަތްތެރިކަމެއް އޮންނަ ބެސްޓް ފްރެންޑް އޭނާއަށް ހަދިޔާކުރި ކެމެރާ ލެންސެއްގެ ސަބަބުންނެވެ. "ވައިލްޑްލައިފް ފޮޓޮގްރަފީއަށް ބޭނުންކުރާ ލެންސް އެއީ ބެސްޓްފްރެންޑް ގިފްޓަކަށް ދިން އެއްޗެއް" ތަންނި ބުނެފައިވެ އެވެ. ރާއްޖޭގައި މި ދާއިރާގެ ފޮޓޯތައް ފުޅާ ދާއިރާއެއްގައި ނުނެގުނަސް އޭނާގެ މަސައްކަތްތަކަށް ތަރުހީބު ލިބޭކަން ތަންނި ފާހަގަކުރިއެވެ. އެހެނަސް، ފޮޓޯ ނަގަން އޮންނަ ލޯތްބެއްގެ ބޮޑުކަމުން ރާއްޖެއިން ބޭރުގެ މަންޒަރުތައްވެސް ތަންނިގެ ކެމެރާގެ ލެންސަށް އަރާފައިވެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން އިންޑިއާގެ ސިއްކިމްގައި އޭނާ ނެގި ތަސްވީރުތައް ވެސް ހިމެނެއެވެ.
ތަންނި އެންމެ ގިނައިން ނަގަނީ ސްޕޯޓްސް ފޮޓޯގްރަފީގެ ތަސްވީރުތަކެކެވެ. މި ނޫނަސް ތަންނި ގްރަފީއިން ކައިވެނީގެ ފޮޓޯއާއި ވީޑިއޯއާއި ޕޯޓްރެއިޓް ފޮޓޯގްރަފީއާއި ކޮމާޝަލް ފޮޓޯގްރަފީއާއި ފޮޓޯ އެޑިޓިންގެ ހިދުމަތް ދެއެވެ. "ވީޑިއޯގްރަފީ މިހާރު ދެން ކޮންމެވެސް ވަރަކަށް ކުރަން. ލަވަ ހެދިފަހުން. ދެން ވެޑިން ވީޑިއޯކޮޅުކޮޅުގެ ރީލްސް ހެދޭ ވަރަށް" ތަންނި ފޮޓޯގްރަފީއިން ފުޅާކުރަމުންދާ މަސައްކަތެއްގެ ވާހަކައެއް އިންޓަވިއުގައި ތަންނި ހިމެނިއެވެ.
ތަންނި ބުނީ އޭނާ ދިރިއުޅޭ އަތޮޅުގެ އިތުރުން އޭނާގެ އަންހެނުންގެ ރަށުންވެސް ތަންނި ގްރަފީއަށް ޑިމާންޑް އުފެދުނު ކަމަށެވެ. އެއީ ހދ. ކުޅުދުއްފުށިއެވެ. ހަމަ އެގޮތަށް ހއ. އިންވެސް ތަންނިގެ ޚިދުމަތް ހޯދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މިވަގުތު ސޯޝަލް މީޑިއާގެ ޕޭޖްތަކުން ޚިދުމަތް ދިނަސް، އަމިއްލަ ސްޓޫޑިއޯއެއް ހުޅުވައިގެން އޭނާގެ ތަޖުރިބާ މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ އެހެން ކުދިންނަށް ދިއްކޮށްލުމަކީ ވެސް ތަންނިގެ ހުވަފެނެކެވެ. މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ތަންނި ބުނީ އަލަށް ފޮޓޯގްރަފީގެ މަސައްކަތް ފަށާ ކުދިން އޭނާ ކައިރިން މަސައްކަތާއި ބެހޭ ސުވާލުތައް ކުރުމުން ވަރަށް އުފާވާ ކަމަށެވެ. ށ. ފުނަދޫ ސްކޫލުގެ މީޑިއާ ކްލަބުން ވެސް ދޭތެރެ ދޭތެރެއިން ތަންނިގެ އެހީއަށް އެދޭ ކަމަށް ތަންނި ބުންޏެވެ. އަދި ބައެއް ކުންފުނިތަކުންވެސް ފޮޓޯ ނެގުމާއި ކުޅޭ ކަންކަމުގައި އޭނާގެ ހިޔާލު ހޯދާ ހަދާ ކަމަށް ތަންނި ބުންޏެވެ.
އޭނާ ވަޒީފާ އަދާކުރި ޑިޖި ފޮޓޯއިން އޭނާއަށް ދިން ތަމްރީންގެ ވާހަކަ ތަންނި އަދިވެސް ފާހަގަކުރެއެވެ. އެތަނުން އޭނާ ދުބާއީ ފަދަ ތަންތަނަށް ފޮނުވައިގެން ތަމްރީންކުރުވި ވާހަކަ ތަންނި ޝުކުރާއިއެކު ފާހަގަކުރިއެވެ. ތަންނި ބުނާގޮތުންނަމަ ފޮޓޯގްރަފީ ދާއިރާއަށް އޮންނަ ލޯބި ތަންނިއަށް މިހާރަށްވުރެ އައު އުސްމިނަކަށް ނުގެންދެވެނީ ސްޓޫޑިއޯއެއް ނެތުމުގެ ސަބަބުންނެވެ. އެކަމަކު މި ހުވަފެން ސީދާކުރުމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ދާއިރާގައި ފައިތިލަ ސާބިތުކުރަން ބޭނުންވާ ޒުވާނުންނަށް އޮންނަ ފުރުސަތުތައް ތަނަވަސްނުވުމުގެ ކަންބޮޑުވުން ތަންނި އަހަރެމެންނާއި ހިއްސާކުރިއެވެ. އެގޮތުން، ކެމެރާއާއި ކެމެރާއަށް ބޭނުންވާ ސާމާންތައް ރާއްޖެއިން ނުލިބުމުގެ ދަތިކަމުގެ މައްޗަށްވެސް އޭނާ ވާހަކަދައްކާފައިވެ އެވެ. މިހާރު އޭނާ ބޭނުންކުރަނީ ކެނަން ބްރޭންޑްގެ ކެމެރާއެކެވެ. އޭގެ ވެސް ސްޕެއާ ޕާޓްސްތައް ރާއްޖެއިން ލިބެނީ އެންމެ ފިހާރަައަކުން ކަމަށް އޭނާ މިސާލަކަށް ދައްކާފައިވެ އެވެ. އާދައިގެ ސާދާ ދިރިއުޅުމެއްގައި އުޅެމުންދާ ތަންނި ބުނީ ބޭރުން ހޯދަން ބަލާއިރު ޝިޕިންއާއި ހުރިހާ ކަމެއް ހިމަނާފައި މިއީ ވަރަށް އަގު ހޭދަވާ އިންވެސްޓްމެންޓެއް ކަމަށެވެ. އޭގެ އަނެއްކޮޅުން ރާއްޖެއިން ގަންނަން ބަލާއިރުވެސް ބޭރުން ގަންނަ އަގަށްވުރެ ދެގުނަ އަގުބޮޑު ކަމަށް އޭނާ ބުންޏެވެ.
ތަންނި ގްރަފީގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމާއި، ވަގުތަށް ފަރުވާތެރިވުމާއި، އަދި ކޮންމެ މަސައްކަތެއްގައިވެސް އީޖާދީ ގޮތްތައް ބޭނުންކުރުމެވެ. ތަންނި ގްރަފީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ށ. އަތޮޅުގައި މުހިންމު މަގާމެއް ހޯދާފައިވާ ބްރޭންޑެކެވެ. އަދި ކުރިމަގުގައި ތަންނި ގްރަފީގެ ޕޭޖްތަކަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭނެކަން ޔަގީނެވެ. ތަންނި ގްރަފީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަަރ ކުރާ ހިސާބުން ރިސޯޓްތަކާއެކު އެކްލޫސިވް ޕާޓްނަރޝިޕް ގާއިމުކުރަންވެސް ތަންނި ހުރީ ތައްޔާރަށެވެ.
ކޮންމެ މީހެއްގެ ކާމިޔާބީއަކީ އެކަނި މަސައްކަތުން ހޯދާ ކާމިޔާބީއެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެކަން ތަންނި ވެސް ގަބޫލުކުރެއެވެ. އިންޓަވިއު ނިންމާލުމުގެ ގޮތުން ތަންނި ބުނީ އޭނާގެ މި މަސައްކަތުގައި އަނބިމީހާ އަދި މަންމައާއި ބައްޕަގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރުވެރިވާ ކަމަށެވެ.
https://www.instagram.com/thanniphotography?igsh=MW9wbG5sYWo2N3U3eg==