ރޯޔަލް އެމްބަސީ އޮފް ސަޢޫދީ ޢަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނޭޝަނަލް ކެޓަގަރީގެ ސިންގަލްސް ފައިނަލުގައި ނިބާލް އަހުމަދު ބަލިކޮށް، ހުސެއިން ޒަޔާން ޝަހީދު ޒަކީ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ، ޒަޔާން މި މެޗު ކާމިޔާބުކުރީ ފަހަތުންއަރައި 2-1 ގޭމުންނެވެ.

ނޭޝަނަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ގޭމުުން 21-16 އިން ނިބާލް ކުރިހޯދާފައިވަނިކޮށް، ޒަޔާން ވަނީ ދެންޖެހިގެންއައި ދެ ގޭމުން 22-20 އަދި 21-15 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ.

މި ކެޓަގަރީގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ނިބާލްގެ ޕެއާ އެވެ. ރިވައިވަލްގެ ދެ ޕެއާ ބައްދަލުކުރި ފައިނަލުގައި ޒަޔާން އާއި ނިބާލް ވަނީ، ސީދާ ދެ ގޭމުން މުހައްމަދު ޚަލަފް އިމްރާން އާއި ހަސަން ޒަޔާން މުޙައްމަދުގެ ޕެއާ ބަލިކޮށްފައެވެ. 

މުބާރާތުގެ ސޯޝަލް ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަހުލޫފް އާއި އިބްރާހިމް ނާޝިތު ހަމްދީ އެވެ.

މި ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޔޫހާ އަހުމަދާއި ޝުބާ މުޙައްމަދު ޝަރީފްގެ ޕެއާ އެވެ. އަދި، މިބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ޝިފާއު ޢަބްދުﷲ އާއި އަހުމަދު ޒިޔާދުﷲ ގެ ޕެއާ އެވެ.