ފުވައްމުލަކަކީ، އެއްފަހަރަށްވުރެ ގިނަ ފަހަރު ފަޅުވެ އަލުން އާބާދުވެފައިވާ ރަށެއްކަމުގައި ބުނެވެ އެވެ. އެންމެ ފަހުން އެރަށް ފަޅުވީ، މީގެ 480 ވަރަކަށް އަހަރު ކުރިން އައްސުލްޠާނުލް ޙާއްޖު ޙަސަން 3 ވަނަ ސިރީރާދަަވީރު މަހާރަދުންގެ ދެވަނަ ރަސްކަމާއި، އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ފުރަތަމަ ރަސްކަމާއި ދެމެދުގެ ދުވަސްވަރެއްގައި ކަމަށްވެސް ބުނެވެ އެވެ. އެ ދުވަސްވަރު މުލައް ފަޅުކޮށްފައި ފޭބި މީހުންގެ ތެރެއިން އެއްޖަމާޢަތެއްގެ މީހުން ދިޔައީ، ހައްދުންމައްޗަށެވެ. އެ އަތޮޅަށް ދިޔަ މީހުން މުލަކަށް އެނބުރި އައީ، ހައްދުންމަތީ ދަނބިދޫގައި ހުންނެވި އެދުރުބޭކަލަކު ގޮވައިގެންނެވެ. އޭނާ ކަނޑައެޅުއްވި ދުވަހެއްގެ ކަނޑައެޅިފައިވާ ސާޢަތެއްގައި އެބައި މީހުން މުލަކަށް ފައިބައި، އަލުން ވަޒަންވެރި ވީއެވެ. އެ ވަޒަންވެރިވުން މިއަދާ ހަމައަށް ދެމިގެން އައިސްފައިވާކަމުގައި ވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ރަށުގައި، ދަރަހިލިގެން، މީހުން މަރުވުން ގިނަވެ ރަށް ނާމާންވުމުން ހުވަދު އަތޮޅަށާއި، އައްޑުއަތޮޅަށް ރަށުގެ ކޮންމެވެސް ބަޔަކު ހިޖުރަކޮށް އުޅުނުކަމުގައިވެސް ބުނެވެ އެވެ.
ހައްދުންމަތިން އެނބުރިއައި މުލަކު މީހުން އެ އަތޮޅުން ގެނައި އެދުރު ބޭކަލަކީ، އެ އަތޮޅު ދަނބިދޫ، ހާނަދޮންއަބާކިރު(ދޮންއަބޫބަކުރު) ނަމަކަށްކިޔާ ބޭކަލެކެވެ. އޭނާއާއެކު ކުޑަ ފިރިހެން ދަރިފުޅަކުވެސް ގެނައި ކަމަށް ބުނެވެ އެވެ. ދޮންއަބާކިރުގެ ހަޔާތުގައި، މި ކުޑަ ފިރިހެން ދަރިފުޅު ބޮޑުވެ، އޭނާގެ ބައްޕަގެ މަޤާމުގައި އެދުރުކަން ކުރާން ފައްޓައިފިއެވެ. ފަހުން އޭނާއަށް ދައުލަތުން، ކަންގަތި ކޮލީގެ ލަޤަބެއް ދެއްވިއެވެ. އޭގެ ފަހުގައި އޭނާއަކީ، މޫސާ ކާންނާކަލޭގެފާނެެވެ. ދޮންއަބާކިރުކަލޭގެއާއި، އޭނާގެ ދަރިކަލުން، މޫސާ ކާންނާކަލޭގެފާނު، ވަޒަންވެރިވެލެއްވީ، މުލަކު މާދަޑު އަވަށުގައެވެ. މޫސާ ކާންނާކަލޭގެފާނު އެރަށު ކޭހަރިތައި، މަރިޔަންފާނާއި، ކައިވެނިބައްލަވައިގެން، މި ދެކަނބަލުންނަށް ދެ ފިރިހެންކުދިން ލިބުނުކަމުގައި ވެއެވެ. ދޮށީ، އިބްރާހީމެވެ. ފަހުން އިބްރާހީމް އެދުރުތަކުރުފާނެވެ. ހަގީ، އަޙްމަދެވެ. ފަހުން އެއީ، އަލްފަޤީޙުލް ޙާފިޡް އަޙްމަދު އެދުރުކަލޭގެފާނެވެ. އާދެ! މަޝްހޫރު ދޫޑިގަމު އެދުރުކަލޭގެފާނެވެ.
ފުވައްމުލަކު، ދޫޑިގަމު އެދުރުކަލޭގެފާނަކީ، އަލްފަޤީޙުލް ޙާފިޡް އަޙްމަދު މޫސާބުނު ހާނަ ދޮންއަބާކިރުއެވެ. މަންމައަކީ، މުލަކު މާދަޑު، ކޭހަރިތައި މަރިޔަންފާނެވެ. ދޮންއަބާކިރުގެ ޢާއިލާ މުލަކު، މާދަޑުގައި، ދިރިއުޅެމުން ދަނިކޮށް، ދޮންއަބާކިރު ނިޔާވެއްޖެއެވެ. މީނާ ވަޅުލެވުނީ، އެ އަވަށުގައި، އޭނާ ބިނާކުރެއްވި، ހާނާރު މިސްކިތްދޮށުގައެވެ. ދޮންއަބާކިރު ނިޔާވުމުން އެދުރުބޭކަލެއްގެ މަޤާމުގައި ހުންނެވީ، މޫސާ ކާންނާކަލޭގެފާނެވެ. ދޮންއަބާކިރު ނިޔާވުމުގެ ކުރިން، އޭނާގެ ކާފަދަރީންގެ ތެރެއިން، އިބްރާހީމަށް ނުޖޫމީ ޢިލްމުވެރިކަމާއި، ފަންޑިތަވެރިކަން ދަސްކޮށްދިނުމަށާއި، ވާދޫ ދަންނަކަލޭގެފާނުގެ އަރިހަށް އިބްރާހީމް ފޮނުވުމަށް، ވަޞިއްޔަތް ކުރެއްވިކަމުގައި ބުނެވެ އެވެ. މޫސާ ކާންނާކަލޭގެފާނު ނިޔާވިއިރު، އިބްރާހީމް އެދުރުތަކުރުފާނަކީ، އެ ދުވަސްވަރު ރާއްޖޭގައި ހުރި، އެންމެ ބޮޑު ނުޖޫމީ ޢިލްމުވެރިޔާކަމުގައި ބުނެވެ އެވެ. އަދި ފަންޑިތައަށްވެސް އަރާހުންނެވި އެދުރުބޭކަލެއްމެއެވެ. އޭނާ ނިޔާވީ މާލޭގައެވެ. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1 ވަނަ ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގެ ކުރީކޮޅުގައި، ދުޝްމަނުންގެ ކިބައިން، މާލެއާއި، ރާއްޖެ ސަލާމަތްކުރުމަށް، ދުޢާވެރިކަން ކުރެއްވުމަށް، މާލެ ގެންނަވާފައި ހުންނަވަނިކޮށެވެ. މި އިބްރާހީމް އެދުރުތަކުރުފާނުގެ ދަރިކޮޅެއް ނެތެވެ.
އަލްޢައްލާމާ ވާދޫ، ދަންނަކަލޭގެފާނުގެ އަރިހަށް، ޢިލްމުވެރިކަން ހޯއްދެވުމަށް އަޙްމަދު ބުނު މޫސާ ދުރުވިއިރު އޭނާގެ ޢުމުރަކީ، 15-20 އަހަރު ކަމުގައި ބުނެވެ އެވެ. އަޙްމަދު ހިމެނުނީ، އައްޝައިޚް މުޙައްމަދު ޖަމާލުއްދީނުގެ އެންމެ އިސް 3 ދަރިވަރުންގެ ތެރޭގައެވެ. އާދެ! ވާދޫ، އަބޫބަކުރާއި، އައްޑޫ މީދޫ މުޙައްމަދާއި، މުލަކު އަޙްމަދެވެ. ވާދޫ އަބޫބަކުރަކީ، ފަހުން އަލްޤާޟީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. މީދޫ މުޙައްމަދަކީ، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނެވެ. އަޙްމަދަކީ، އަލްޙާފިޡުލް ފަޤީޙް ދޫޑިގަމު އެދުރު ތަކުރުފާނެވެ. އަޙްމަދަކީ، ފިޤުޙު ޢިލްމުގެ އިތުރަށް، ޤާރީވެރިކަމުގެ ޢިލްމަށް، އަރާހުންނެވި ޤާރީވެރިއެކެވެ. >>ރާއްޖެ ސަލާމަތުން އޮތްހައި ހިނދަކު، މާލޭގައި އިސްލާމީ ރަސްކަން، އައްޑޫއަތޮޅުގައި ފިޤުޙު ޢިލްމުވެރިކަން، މުލަކުގައި، ޤާރީވެރިކަން ލެހެއްޓެވުމަށް، ވާދޫ ދަންނަކަލޭގެފާނު، ދުޢާކުރައްވާކަމުގައި ވިއެވެ. ކޮންމެއަކަސް ކަމުގެ ނިޝާންތަކާއި، ހެކި ދިވެހި ތާރީޚުގެ ޞަފްޙާތަކުން ފެންނަން ހުރެއެވެ.
ވާދޫ ދަންނަކަލޭގެފާނު ނިޔާވުމަށްފަހު، އަލްޙާފިޡް އަޙްމަދު އެނބުރި މުލަކަށް ދުރުވެފައި، ދުރުވީ ޙައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށް މައްކާއަށެވެ. ލަފާކުރެވޭގޮތުގައި، މި ދަތުރު އޭނާ ކުރެއްވީ، އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ރަސްކަމުގައެވެ. ޙައްޖުދަތުރުން އެނބުރި ރާއްޖެ ދުރުވުމަށްފަހު، އޭނާ ދުރުވީ، އޭނާގެ ބައްޕައާއި، ކާފަގެ ރަށްކަމުގައިވާ، ލ. ދަނބިދޫއަށެވެ. އެ ރަށުގައި ހުންނަވައި، އިސްދޫ، ޚަޠީބުގެ ދި އާމިނާމަނިކެއާއި، ކައިވެނިބެއްލެވިއެވެ. މި ކައިވެނިކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މުލަކު ރައްޔިތުންގެ ފަރާތުން އޭނާގެ އަރިހަށް ބަޔަކު ފޮނުވުނެވެ. އެމީހުން ރައްޔިތުންގެ ނަމުގައި އެދުނީ، އަނބިކަނބަލުންނާއެކު، މުލަކަށް ދުރުވެ، އެރަށުގައި، ވަޒަންވެރިވެލެއްވުމަށެވެ. އަދި އެކަލޭގެފާނުގެ ކާފައާއި، ބައްޕަ، އަދި ބޭބެ ބެލެހެއްޓެވިގޮތަށް މުލައް ބަލަހައްޓަވައި ދެއްވުމަށެވެ. މުލަކު ރައްޔިތުން އެދުނުގޮތް ޤަބޫލުކުރައްވައި، މުލަކަށް ދުރުވިއިރު، މުލައްއޮތީ ވަރަށްބޮޑަށް ބަލިމަޑު ޙާލުބޮޑުވެ، ތަދުމަޑުކަންވެސް ކުރިމަތިވެފައެވެ. އަލްޙާފިޡް އަޙްމަދު މުލަކަށް ދުރުވުމާއެކު، ރަށަށް ފަންޑިތަ ހައްދަވައި، ރަށް ވަށައި ހިންގަވާން ފެއްޓެވިއެވެ. މި ހިންގެވުމުގައި، އެއްދުވަހަކު، ދޫޑިގަމު ބޮޑުފަންނުން އެއްގަމަށް އަރުއްވައި، އެތާގައިއޮތް ހުސްބިމެއް ދައްކަވައި، އެތަނުގައި އޭނާގެ ގެ އަޅައިދިނުމަށް އެދިލެއްވިއެވެ. އެދުރުކަލޭގެފާނު، އެދިލެއްވިގޮތަށް މުލަކު ރައްޔިތުން އެ ބިމުގައި އެޅި ގެއަކީ، ދޫޑިގަމު އެދުރުގެއެވެ. އެދުރުކަލޭގެފާނު، މި ދުނިޔެ ދޫކުރެއްވުމަށްދާންދެން ހުންނެވީ، އެ ގޭގައެވެ.
އެދުރުކަލޭގެފާނުގެ ދެކަނބަލުންނަށް، ދެ އަންހެންކުދިން ލިބުނެވެ. އެދުރުކަލޭގެފާނު ނިޔާވުމަށްފަހު، އެ ކުދިންގެ ބޮޑުބޭބެ އިބްރާހީމް އެދުރުތަކުރުފާނާއި ބައްދަލުކުރުމަށް، މާލެއަށް ދިޔަ ދަތުރެއްގައި، އެ ކުދިން ދަތުރުކުރި އޮޑި ހުވަދު އަތޮޅު ރިބިދޫ، މާކަނޑުން ރޭގަނޑު ނިކުންނަން އުޅެނިކޮށް، ކަނޑު ތޮއްޓަށް އަރައި، އޮޑި ހަލާކުވި ޙާދިޘާގައި، އެ ދެބޭން މަރުވެ ވަޅުލެވިފައިވަނީ، ގއ. ރިބިދޫގައެވެ. ވުމާއެކު އެދުރުކަލޭގެފާނުގެވެސް ދަރިފަސްކޮޅެއް ނެތެވެ.
އަލްޙާފިޡުލް ފަޤީޙު އަޙްމަދު ދޫޑިގަމު، އެދުރުގޭގައި ހުންނެވި ހުންނެވުމުގައި، ގިނަ ވަގުތު ހޭދަކުރައްވަނީ، އެ އަވަށު، ކާރިގަޑިގޭފަންނުގައި ހުރި މިސްކިތެއްގައި އަޅުކަން ކުރެއްވުމުގައެވެ. މިގޮތުން އަޅުކަންކުރައްވަން ހުންނެވި ހުންނެވުމެއްގައި ރަމަޟާން މަހެއްގެ ހާރުދަމުގައި އެކަލޭގެފާނަށް، އެ މިސްކިތު ޤަބުރުސްތާނުގެ ތެރެއިން މައްޗަށް އަރައިގެން ގޮސްފައިހުރި، އަލިގަޑެއް ފެނިލެއްވިކަމުގައި ބުނެވެ އެވެ. އެރޭގެ ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ފައިބަންނަވާފައި، އެ މިސްކިތް އެތަނުން ނެގުމަށް އެންގެވިކަމަށާއި، އެ މިސްކިތް ހަމަ އެދުވަހު ރޫޅާލައިގެން ގެންގޮސްއެޅީ، ދޫޑިގަމު އުނަކެޑެފަންނުގައި ކަމަށްވެސް ބުނެވެ އެވެ. އޭގެ ފަހުގައި އެދުރުކަލޭގެފާނު އަޅުކަން ކުރައްވަން އިންނަވަނީ، އެ މިސްކިތުގައެވެ. އޭނާ ނިޔާވުމުން، ވަޅުލެވިފައިވަނީވެސް، އެ މިސްކިތުގެ އިރު އުތުރުގައި އަތިރިމައްޗާއި، އާދެ! ހޭޅިއާއި ދެމެދުގައެވެ.
އެދުރުކަލޭގެފާނު ނިޔާވުމަށްފަހު، އެދުރުގެ ފަޅަށްހުރެ ވީރާނާވެފައި ވަނިކޮށް މުލަކު ދަޑިމަގު މައިގޭ، މުޙައްމަދު ތައްޚާނުގެ އަޙްމަދު ތައްޚާނު (އަލްޚަޠީބުލް ޙާފިޡު އަޙްމަދު ތައްޚާނު) އަލްމަރުޙޫމް އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ މަރިޔަމްދީދީއާއި ކައިވެނި ބައްލަވައިގެން، އެދުރުގެ މަރާމާތުކުުރައްވައި، އެ ދެކަނބަލުން ދިރިއުޅުއްވީ، އެގޭގައެވެ. އަޙްމަދު ތައްޚާނު ނިޔާވުމަށްފަހު، މަރިޔަމްދީދީ މާލާގަރި ޙަސަންތައްޚާނާ (މުލަކު ރައްވެހި) ކައިވެނި ބައްލަވައިގެން ކާރިގަޑިގޭގައި އުޅުއްވަމުން، އެދުރުގޭ ބޭރުގެ ޢިމާރާތްކުރެއްވިއެވެ. އެދުރުގޭގައި މިހާރު ދިރިއުޅެނީ، އަޙްމަދު ތައްޚާނުގެ ޢާއިލާއެވެ. އެންމެފަހުން އެ ގޭގައި ހުންނެވީ، ދޫޑިގަމު އަލްޚަޠީބުލް ޙާފިޡު މުޙައްމަދުދީދީއެވެ. އޭނާ ނިޔާވުމުން، މިހާރު އެގޭގެ ވެރިޔަކީ، މުޙައްމަދުދީދީގެ، ދަރިކަލުން، އަހްމަދުދީދީއެވެ. އަޙްމަދުތައްޚާނުގެ ދަރިކޮޅުގެ ގިނަބޭކަލުންނާއި، ބޭކަނބަލުންނަކީ، ކީރިތި ޤުރުއާން ހިތުދަސް ޢިލްމަށް ލޯބި ކުރައްވާ ބޭކަލުންނާއި، ބޭކަނބަލުންނެވެ.
ކުރިން ބަޔާންކޮށްފައި އެވަނީ ދޫޑިގަމު އެދުރުކަލޭގެފާނާ ބެހޭގޮތުން ލިބޭ މަޢުލޫމާތުގެ ފުރަތަމަ ގޮތެވެ. ދެވަނަ ގޮތަކީ، ކުރީގައި ދެންނެވިފައިވާ ދުވަސްވަރު، މުލައް ފަޅުވެފައިއޮއްވާ ރަށް އާބާދުކުރުވައި، އަލުން އެރަށުގައި މީހުން ވަޒަންވެރިކުރުވުމަށް، ސަރުކާރުގެ ފަރާތުން ފޮނުއްވި އެދުރުބޭކަލަކީ، ދަނބިދޫ، ހާނަ ދޮންއަބާކިރުއެވެ. މީނާ އައްޑު އަތޮޅަށް ދުރުވެ، އެ އަތޮޅު މީދޫއަށް ހިޖުރަކޮށްގެން ތިބި މުލަކު މީހުން ގޮވައިގެން މުލަކަށް ދުރުވެ، އަލުން މުލަކުގައި އެބައިމީހުން ވަޒަންވެރި ކުރެއްވީއެވެ. އޭގެފަހުގައި، އެކި ހިސާބަށް ގޮސްފައިތިބި މީހުން އެނބުރި ރަށަށް އައީއެވެ.
ކުރިން ދެންނެވިފައިވާ ފަދައިން މޫސާ ކާންނާކަލޭގެފާނުގެ ތިބި ދެކުދިންނަކީ، އިބްރާހީމާއި، އަޙްމަދެވެ. އިބްރާހީމް އެދުރުކަލޭގެފާނު، މުލަކުން މީހަކާއި ކައިވެނި ބައްލަވައިގެން އަންހެންކުއްޖަކު ލިބުނުކަމަށްވެ އެވެ. އިބްރާހީމް އެދުރު ތަކުރުފާނު (ކަލޭގެފާނު) މާލޭގައި ހުންނަވަނިކޮށް އެ ދަރިފުޅު ބައްޕައާއި، ބައްދަލުކުރަން ކުރި ދަތުރުގައި، އޮޑިފަރަށްއެރި ޙާދިޘާގައި، އޭނާވެސް މަރުވެ ވަޅުލެވިފައިވަނީ، ގއ. ރިބިދޫގައެވެ. އޭރު އޭނާ އިނީ ބަލިވެކަމަށް ބުނެވެ އެވެ. މިކަން ސާބިތުވަނީ، އޭނާގެ މަހާނައިގާ ޖަހާފައިވާ ގަލުންކަމަށްވެސް ބުނެވެ އެވެ.
ކޮންމެއަކަސް، އިބްރާހީމް އެދުރު ތަކުރުފާނާއި، އަޙްމަދު އެދުރުކަލޭގެފާނުގެ، ދަރިކޮޅެއް ނެތެވެ. އަޙްމަދު އެދުރުކަލޭފާނުގެ ދެކަނބަލުންވެސް ނިޔާވެ ވަޅުލެވިފައިވަނީ މުލަކު ދޫޑިގަމު އުނަކެޑެ މިސްކިތް ދޮށުގައެވެ.
ނޯޓް: މިއީ ފަތްތޫރައިގެ 32 ވަނަ ޢަދަދަށް އަލްމަރުޙޫމް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމުގައި 480 ވަރަކަށް އަހަރު ކުރިން ފުވައްމުލައް ފަޅުވިކަމަށް ބަޔާންކޮށް ލުޠުފީ ލިޔުއްވި ލިޔުން ލިޔެފައިވަނީ، 1981 ވަނަ އަހަރުގައި ކަމުން އެއީ މީގެ 43 އަހަރު ކުރިން ލިޔެފައިވާ ލިޔުމަކަށްވާތީ ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވިފަހުން މިހާރު މިވަނީ 523 އަހަރު ވެފައެވެ.
މި އެދުރުކަލޭގެ ފާނު ލ. އިސްދޫ، ޚަޠީބުގެ ދި އާމިނާމަނިކެއާއި، ކައިވެނި ބެއްލަވައިގެން ލ. އިސްދޫގައި ދިރިއުޅުއްވި ދުވަސްވަރު، އޭނާ އަތިރިއަށް ދުރުވުމަށް ކެނޑިމަގަށް އިސްދޫ މީހުން މިހާރުވެސް ކިޔަނީ، އެދުރުމަނިކު މަގެވެ. އެއީ، އިސްދޫގެ މަގުތަކަށް ނަންކިޔުމަށް 2022 ވަނަ އަހަރު އެކުލަވާލި ކޮމިޓީއިން ކަނޑައެޅުއްވީވެސް ރަށުގެ މަގުތަކަށް ޒަމާނުއްސުރެ ކީ ނަންތައް ބަދަލު ނުކުރަން ކަމަށް ވެފައި މިހާރުވެސް އެ މަގަށް އެ ނަންކިޔަން މި ދެންނެވި ކޮމިޓީއިންވެސް ކަނޑައަޅާފައިވާތީއެވެ. އެ މަގު އޮންނަނީ، ތުރުކީމަގާއި، ކޮލަރާ މަގާ ދެމެދުގައެވެ. މި ޚަޠީބުގެ ދި އާމިނާމަނިކެއާއި، ކާވަނިބެއްލަވައިގެން އިސްދޫގައި ދިރިއުޅުއްވަނިކޮށް، މުލަކު ރައްޔިތުންގެ އެދުމުގެ މަތީން އޭނާއާއި، އަނބިކަނބަލުން މުލަކަށް ފަހުން ހިޖުރަކުރެއްވީއެވެ. އެހެންވެ އެ ރަށު މީހުން މި އެދުރުކަލޭގެފާނަށް، ދޫޑިގަމު އެދުރުކަލޭގެފާނު ކިޔާ ހެދިއެވެ. މިއީ ލ. ދަނބިދޫ، ހާނަ ދޮންއަބާކިރުގެ (ދޮން އަބޫބަކުރު) މޫސާ ކަންނާ ކަލޭގެފާނު މުލަކު މާދަޑު، ކޭހަރިތައި، މަރިޔަންފާނާއި، ކައިވެނި ބައްލަވައިގެން ލިބުނު އިބްރާހީމާއި، އަޙްމަދާއި ދެބެން ތެރެއިން އަޙްމަދެވެ. ފަހުން އަޙްމަދު އެދުރުކަލޭގެފާނެވެ.
ކްރެޑިޓް: އިބްރާހީމް ޙަމީދު (އެޗް.ޑީ) ، އުއްމީދު ޖަމިއްޔާގެ ކަލްޗަރ އެންޑް ހެރިޓޭޖް އެމްބެސެޑަރ