ގޯވިންދާއަކީ އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅުގައި ސީރިއަސް ލޯބީގެ ރޯލުތައް ކުޅުނު އެކްޓަރެއް ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވީ 90ގެ އަހަރުތަކުގައި އޭނާ ކުޅުނު ކޮމެޑީ ރޯލުތަކުންނެވެ. ލޯބީގެ ފިލްމެއްގައިވެސް އޭނާގެ ކޮމެޑީ ބައެއް ނުހިމެނޭނަމަ އެ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބެއް ނުވިޔޭ ބުނުމަކީ މުޅިން ދޮގެއް ނޫނެވެ. އޭގެ ހެއްކަކަށް "ނަމްބަރު 1" ސީރީޒްގެ ފިލްމުތައް ފުދެއެވެ.
ގޯވިންދާ ކޮމެޑީ ރޯލުތައް ކުޅުނު ދުވަސްވަރުވެސް ސީރިއަސް ރޯލުތައް ކުޅުނެވެ. އަދި އެފަދަ ކިތަންމެ ފިލްމެއް ނުކުޅެ ދޫކޮށްލާފައިވެސްވެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި 1999ގެ މިއުޒިކަލް ރޮމޭންޓިކް ޑްރާމާ ފިލްމު "ތާލް"އެވެ. ސުބާޝް ގާއީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި "ތާލް"އަކީ އެ އަހަރު ބޮކްސް އޮފީހުގައި 8 ވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. އޭގެ އިތުރުން ޖެހިގެން އައި އަހަރުގެ އެވޯޑު ހަފުލާތަކުގައިވެސް ތާލްއަކީ ވިދާލި ފިލްމެކެވެ.
"ތާލް" އިން ގޯވިންދާއަށް ހުށަހެޅީ ވިކްރާންތު ކަޕޫރްގެ ރޯލެވެ. ގޯވިންދާ އެ ރޯލު ދޫކޮށްލީ ފިލްމު ނިމޭއިރު އޭނާއަށް މާންސީ (އައިޝްވާރިޔާ ރާއީ) ނުލިބޭތީކަމަށް ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެކަހަލަ ރޯލުތަކަކަށް ފިޓެއް ނޫނެވެ. އެހެންވެ އޭނާއަށް އެ ރޯލު ކަމުނުދާތީ ދޫކޮށްލީއެވެ. ގޯވިންދާ އެ ރޯލު ދޫކޮށްލުމުން ފަހުން އެ ރޯލު ކުޅުނީ އަނީލް ކަޕޫރެވެ. އެ ރޯލު ކުޅެގެން އަނީލް ކަޕޫރް ވަނީ ޖެހިގެން އައި އަހަރު ބޭއްވި ބޮޑެތި ހުރިހާ އެވޯޑް ހަފުލާއެއްގައި ބެސްޓް ސަޕޯޓިންގ އެކްޓަރުގެ އެވޯޑް އުފުލާލާފައެވެ.
ތިނެސްކަން ލޯބީގެ ވާހަކައެއް ހިމެނޭ މި ހިތްގައިމު ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ އައިޝްވާރިޔާ ރާއީ (މާންސީ)، އަކްޝޭ ކަންނާ (މާނަވް)، އަނީލް ކަޕޫރް (ވިކްރާންތު)، އަމްރިޝް ޕޫރީ (ޖަގްމޯހަން) އަދި އަލޯކް ނަތު (ތާރާ) އެވެ.
