ބޭވަފާތެރިވުމުގެ ކުރިން ގިނަ ފަހަރާއި ކޮންމެ ފިރިހެނެއްވެސް އޭނާ ތިބާ ދެކެ ފޫހިވާކަމުގެ އެކިއެކި ނިޝާންތައް ދައްކާނެއެވެ. ނުވަތަ ބޭއިހްތިޔާރުގައިވިޔަސް އޭނާއަކީ ކޮންކަހަލަ މީހެއްކަން ނުސީދާކޮށް ކިޔާދޭނެއެވެ. ގިނަފަހަރާއި މި ނިޝާންތަކަކީ ކުދިކުދި އަލާމާތްތަކެކެވެ. އެތައް އަހަރެއް ނުވަތަ މަސްތަކެއް ވަންދެން ލޯތްބާއި އަޅާލުން ދީފައިވާ މީހެއްގެ އުޅުމަށް ހަމަހުރެފަކާއެއް ބަދަލެއް ނާންނާއެވެ. ބަދަލުތައް އަންނާނީ އެއް ދުވަހުން އަނެއް ދުވަހު މަޑު ދުވެލިއެއްގައެވެ. އެންމެ ފަހުން ދެން ފެންނާނީ އެސޮރު އެހެން މީހެއް ފަހަތުން މޮޔަވެގެން ދުވާތަނެވެ. މި ނިޝާންތަކަކީ ގިނަ އަންހެނުންނަށް ކައިވެނި ކުރުމުގެ ކުރިން ނުވަތަ ފަހުން ވެސް ފެންނާނެ އަލާމާތްތަކެކެވެ. ބޭކާރު މީހެއްގެ މައްޗަށް އިތުރަށް ވަގުތު ހުސްނުކުރުމުގެ ބަދަލުގައި ތިރީގައިވާ ނުކުތާތަކަށް އަލިއަޅުވާލަމާ ހެއްޔެވެ.
1. ފޯނުގެ ޕްރައިވެސީ
ކޮންމެ މީހަކަށްވެސް ފޯނެއް އޮތިއްޔާ ޕްރައިވެސީ ބޭނުންވާނެއެވެ. ކޮންމެހެން ބައިވެރިޔާގެ ފޯނު އަބަދު އަބަދު ޗެކްކުރާކަަށް ނުޖެހެއެވެ. އެކަމަކު، ދެމީހެއްގެ ދެމެދު އެހާ ބޮޑެތި ސިއްރުތައް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރަން ދަތިއެވެ. ފޯނު ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކަށް ބަލާއިރު ޕާސްވޯޑްތައް ބަދަލުކުރުން އަދި ފޯނު ވަރަށް ސިއްރުން ގެންގުޅެންޏާމު ތި ގުޅުމުގެ މެދަށް ރީނދޫ ކާޑެއް އަންނާނެކަން ގައިމެވެ. މިއީ އެންމެ އާންމު އެއް ނިޝާނެވެ.
2. އޭނާގެ ވަގުތު ހޭދަކުރާ ގޮތް ކިޔާދިނުން
އަބަދަށް އޭނާގެ ވާނުވާ ކިޔާދޭ މީހަކު ކުއްލިއަކަށް އޭނާގެ ވަގުތު ހޭދަކުރާގޮތް ކިޔާދިނުން ހުއްޓާލައިފިނަމަ މިއީ ގޯސް ބަދަލެކެވެ. އޭނާ، އޭނާގެ ރައްޓެހިންނާއިއެކު ދާ ތަންތަން ތިބާ އަހާލުމުން އެކަމާއި ރުޅި އަންނަންޏާ ތި ޖެހުނީ ހަރުތަނުގައެވެ.
3. ކުރީގެ ލޯބިވެރިންނަށް ދޯކާދިނުން
އެއް ފުޅައްމަތިން ފުންމާލާ ބަކަރި އަނެއް ފުޅައްމަތިން ފުންމާލާ ހަރުބަސް ވުޖޫދުވީ ފިރިހެނެއްގެ ސަބަބުންތޯއެވެ؟ ކޮންމެއަކަސް ތިބާގެ ބައިވެރިޔާ މާ އިސްލާހު މީހެއްގެ ސިފަ ދައްކަން އުޅުމަކީ ހަމަ ދެއްކުމުގެ ދަޅައެކެވެ. ގުޅުމުގެ އެންމެ ކުރީކޮޅު މީހާ ގިނަފަހަރާއި ދައްކާ ވާހަކަތައް ނަޒަރު އަންދާޒުނުކޮށް، އެ ވާހަކަތަކުން ފިލާވަޅު ހޯދާށެވެ. އެއީ ތިބާއަށް އޭނާ ދޭ 'ޑިސްކްލެއިމާ' އެކެވެ. ރުޅިވާއިރު އޭނާ ތިބާ ގާތުގައި މިހެން ބުނާނެއެވެ. މިވެނި ސިފައެއްގެ މީހެއްކަން ވަރަށް ކުރިން ބުނިން ނޫން ހެއްޔެވެ.
4. ކުދިކުދި ކަންކަމާ ރުޅިއައުން
ކުރިން ނުހުންނަ ގޮތަށް ރުޅިއައުން، ޒުވާބުކުރުން އަދި ކުދިކުދި ކަންކަމުގައިވެސް ޖަދަލުކުރަން ފަށާގޮތް ވާނީ ތިބާ ދެކެ ފޫހިވުމުންނެވެ. ފޫހިވާ އަތަށް އެޅުމުން ދެން އަނެއްކާވެސް އޭނާ ދެވަނަ ޝިކާރައެއް ހޯދަން މިސްރާބު ޖަހާނެއެވެ.
5. ގޭސްލައިޓްކުރުން
މިތަނުގައި ގޭސްލައިޓް ކުރުމޭ މި މާނަކުރަނީ އޭނާގެ ކުށް ފޮރުވުމަށް ތިބާގެ ކުށް ދައްކަން ފެށުމެވެ. މިގޮތަށް ގޭސްލައިޓް ކުރާނީވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކުންނެވެ. ތިބާ އޭނާގެ ވާހަކަތަކަށް ހައްލުވަން އެ މަސައްކަތް ކުރަނީ ތިބާގެ މައްޗަށް ބާރުފޯރުވާ އޭނާއާއި ދޭތެރޭ ޝައްކު ނުއުފެއްދުމަށެވެ. މީހާއަށް އަންނަ ބަދަލުތައް އިހުސާސްވާން ފެށުމުން އެކަންކަމާ ދޭތެރޭ ފުންކޮށް ވިސްނާ ބައިވެރިޔާއާ ވާހަކަ ދައްކާށެވެ.
6. ޖިސްމާނީ ގުޅުމަށް އަންނަ ބަދަލު
ބޭވަފާތެރިވެވެންޏާ، ކައިވެނީގެ ގުޅުމުގައި ޖިސްމާނީ ގުޅުން މަދުވެ، އެކަމަށް ޝައުޤުވެރިކަން ކުޑަވެ، އެކި ބަހަނާ ދައްކަން ފަށާނެއެވެ. މިހެން އުޅެން ޖެހޭނީ ޖިސްމާނީ ގޮތުން ބަލިކަށިވުމުން ނުވަތަ އެހެން އަންހެނަކާ ލޯބީގެ ގުޅުމެއް އޮތުމުންނެވެ.
މި ނިޝާންތަކުގެ ތެރެއިން އެއް ނިޝާން ފެނުނު ކަމުގައި ވިޔަސް، އެއީ ކޮންމެހެން ބޭވަފާތެރިވާކަން ޔަޤީންވާ ކަމެއް ނޫނެވެ. ނަމަވެސް މިއިން ގިނަ ނިޝާންތަކެއް އެކުއެކީގައި ފެންނަން ފަށައިފިނަމަ، އެއީ ސަމާލުވާންޖެހޭ ކަމެކެވެ. މި ނިޝާންތައް ފާހަގަކުރެވޭ ހިނދު، ވަގުތުން ނިންމުންތައް ނުނިންމައި، ހިތްހަމަޖެހޭ ގޮތަކަށް މުއާމަލާތްކޮށް، މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން މުހިންމެވެ.