ކޮވިޑް-19 އަކީ ހުރިހާގޮތަކުންވެސް އަޅުގަނޑުމެންނާއި ކުރިމަތިވި ކަޅުދުވަސްތަކެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އެތައްގޮތަކުން ބަދަލުކޮށްލަން މަޖުބޫރުކުރުވި ހާލަތެކެވެ. އަޅުގަނޑުމެން ހިތަށްވެސް ނުގެނެވޭ އެތައްކަމެއް މީހުންގެ ދިރިއުޅުމުގައި ހިނގަމުންއެބަދެއެވެ. އެގޮތުން އަންހެންކުދިންގެ މެދުގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ކޮވިޑް-19ގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގެ އެއްބައިކަމުގައިވި މޭކަޕްކުރުމަށް ހިޔަނިއެޅުނު ވާހަކައެވެ.

ބައެއް އަންހެނުންނަކީ ކޮންމެވެސް މިންވަރެއްގެ މޭކަޕްކުރުމެއްނެތި ގެއިންބޭރަށް ނުކުންނަން ބޭނުންވާ ބައެއްނޫނެވެ. އަދި ވަޒީފާއަށް ދިއުމުގައާއި އެހެނިހެން ބޭނުންތަކަށް ގެއިންބޭރަށް ދާނަމަ މޭކަޕްކުރުމަކީ ބައެއް އަންހެންވެރިން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި މާސްކްއެޅުން މަޖުބޫރުކުރުމުގެ ސަބަބުން އަންހެންކުދިންގެ މޭކަޕްކުރުން ހުއްޓުމަކަށް އައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މޫނުގައި އުނގުޅާ ކްރީމް، ފައުންޑޭޝަން އަދި ލިޕްސްޓިކް ފަދަ ތަކެތި ބޭނުންކޮށްގެން މާސްކް އަޅައިގެން އުޅެން އުނދަގޫވެއެވެ. ސަބަބަކީ ފައުންޑޭޝަން އަދި ލިޕްސްޓިކް މާސްކްގައި ހޭކި އަދި ހޫނުވުންފަދަ އެތަކެއް ކަމެއް ކުރިމަތިވާކަމެވެ. ހަމައެއާއެކު ކޮވިޑް-19ގެ ސަބަބުން ގިނަ މުއައްސަސާތަކުން ވަނީ އިޖްތިމާއީ ގައިދުރުކުރުމުގެ ގޮތުން އޮފީސްތަކަށް ނުގޮސް ގޭގައި މަސައްކަތްކުރުމުގެ އުސޫލު ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުންވެސް ގިނަ އަންހެނުންނަށް ރީތިވާން ލިބޭ ފުރުސަތުތައް ހަނިވެގެން ދިޔައެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި %71 އަންހެނުން ކޮވިޑް-19ގެ ސަބަބުން އެމީހުންގެ މޭކަޕްކުރުމުގެ ވައްޓަފާޅިއަށް ވަރަށްބޮޑަށް ބަދަލުއައިސްފައިވާ ވެއެވެ. އަދި %60 އަންހެނުން ބުނާގޮތުގައި އެމީހުން މޭކަޕާއި ދުރުވެ ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ގޭގައި ތައްޔާރުކުރެވޭ ތަކެތި ބޭނުންކުރާކަމަށެވެ. މީގެ އިތުރުންވެސް ސެލޫންތަކާއި ސްޕާތަކަށްވެސް އަންހެންކުދިން ދާވަރު ނިސްބަތުން ދަށްކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ކޮންމެއަކަސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަންހެންކުދިންގެ ދިރިއުޅުމަށް މިއައި ބަދަލަކީ ނުރަނގަޅު ބަދަލެކޭ ބުނެވޭކަށްނެތެވެ. މޭކަޕްކުރުމަކީ ކޮށްގެންނުވާނެ ކަމެކޭ އަޅުގަނޑު ނުބުނަމެވެ. ނަމަވެސް މޭކަޕާއި ކޮންމެވެސް ވަރަކަށް ދުރުވެ ކެމިކަލް އެކުލެވޭ މާއްދާތަކަށް ކޮންމެވެސް ވަރެއްގެ ބްރޭކެއްދީ، ތިމާގެ ހަންގަނޑަށް ބޭނުންވާ ޤުދުރަތީ މާއްދާތައް ހޯދުމަކީވެސް ރަނަގޅު ސިއްޙަތެއްގައި ހުރުމަށް ކޮންމެހެން މުޙިންމުކަމެކެވެ.