ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގެ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
މި މަޝްރޫޢުގެ ދަށުން، 6000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތުން، ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި، 3200 އަކަފޫޓުގެ ސަރަޙައްދެއްގައި 2ފަންގިފިލާ ހިމެނޭ، މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި، 3000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމާއި، 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި، 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަކީ އަތޮޅު ގެ ވެރިކަން ކުރާ ރަށެވެ. އޭދަފުއްޓަކީ ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާ ތަކުގައާއި ކައިރި ރިސޯޓް ތަކުގައެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް މި ރަށުގައި ޤާއިމު ކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން އެ ރަށަށް، އަދި ބ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެކެވެ.
